ENGLISH
19 އޭޕްރީލު 2025
ޝަރުޢީ ހަމައިން ބޭރުން މީހަކު މަރަން ގޮވުމަކީ އެމްޑީޕީގެ ސްޓޭންޑްތޯ ވިދާޅުވެ ފަރަހަނާޒް ނުރުހުން ފާޅުކުރައްވައިފި
09 ޑިސެމްބަރު 2024
|
އެމްޑީޕީގެ ސަރުކާރުގައި އިނގިރޭސި ސަފީރުކަން ކުރެއްވި ފަރަހަނާޒް ފައިސަލް.
އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން މީހަކު މަރަން ގޮވުމަކީ ދުވަހަކު ވެސް ޤަބޫލް ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެގޮތަށް މީހަކު މަރަން ގޮވުމަކީ އެމްޑީޕީގެ ސްޓޭންޑްތޯ ވިދާޅުވެ، އެ ޕާޓީގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް މިއަދު ނުރުހުން ފާޅުކުރައްވައފި އެވެ.
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި އަނިޔާވެރި ގޮތް، ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ހަދައިފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ދެއްކި ވާހަކަ އަށް ހިތްވަރު ލިބޭ ގޮތަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކައަށް ރައްދު ދެއްވައި އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ވިދާޅުވީ މީހަކު ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނުކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
ފައްޔާޒު ދެއްކެވި ވާހަކަތަކުގެ ވީޑިއޯއެއް ހިއްސާ ކުރައްވައި އެކްސްގައި ފަރަހަނާޒް ކުރެއްވި ޕޯސްޓެއްގައި ދެން އުފެއްދެވީ ސުވާލެކެވެ.
"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯޯޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން."
ކުޅުދުއްފުށީގައި އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި އަމީންގެ ވެރިކަމާއި އަމީންގެ ނިމުން އައި ގޮތާ ގުޅުވައިގެން ރައީސް މުޙައްމަދު މުޢިއްޒަށް އިންޒާރު ދިނުމުގެ ގޮތުން އެކްޓިވިސްޓަކު ދެއްކި ވާހަކަ އަށް އާއްމުންގެ ވެސް ނުރުހުން އަމާޒުވެ ފާޑު ކިޔަން ފަށާފައި ވަނިކޮށް ފައްޔާޒު މިއަދު ވަނީ އެ ވާހަކަތައް ދިފާޢު ކުރައްވައިފަ އެވެ.
ކުޅުދުއްފުށީ ޖަލްސާގައި އެމްޑީޕީގެ އެކްޓިވިސްޓް ދައްކާފައި ވަނީ ރައީސް މުޢިއްޒަށް މަރުގެ އިންޒާރު ދިނުމާ ގުޅޭ ވާހަކައެއް ކަމަށް ބުނެ އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް ފައްޔާޒު ވިދާޅުވީ ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
"ތި ކުރެއްވި ސުވާލުގައި ކުޅުދުއްފުށި ވާހަކަ ފާހަގަކުރި. ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެެއީ ދިވެހިރާއްޖޭގެ ތާރީޚު ދައްކާފައި އޮތް ހަގީގަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި ޑރ. މުއިއްޒަށް ނަސޭހަތުގެ ގޮތުން. އެހެން ވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ،" ފައްޔާޒު ވިދާޅުވި އެވެ.
ރައީސް އަމީންގެ ވެރިކަން 1953 ގައި ވައްޓާލުމަށް ފަހު އެމަނިކުފާނު ހަވަރަށްދީ ރައްޔިތުން ނުކުމެ އަނިޔާކުރި ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނަނީ ރާއްޖެއަށް ދުންފަަތް އެތެރެކުރުން މަނާކުރުމެވެ.
ދުންފަތުގެ ވަބާއިން ރާއްޖެ ސަލާމަތްކުރެއްވުމުގެ ބޭނުމުގައި އަމީންގެ ސަރުކާރުން އެޅުއްވީ ހަރުކަށި ފިޔަޅެކެވެ. މާޗު 27، 1954 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ބިޑި ސުއްޓާ، ސިނގިރޭޓު އަދި ދުންފަތް ރާއްޖެއަށް ގެނައުމާއި އެތަކެތީގެ އިސްތިއުމާލު ކުރުން މަނާކުރުމުގެ ގާނޫނެވެ.
ދުންފަތް މަނާކުރުމުގެ ގާނޫނަކީ ރައްޔިތުންގެ ތެރޭން ބައެއް މީހުންގެ ނުރުހުން އަމާޒުވި ކަމެކެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ ހިތުގައި އުފެދުނު ނުތަނަވަސްކަމާއި، ހިތްހަމަނުޖެހުމުގެ ފައިދާ ނެގީ ކުރިއްސުރެ އަމީންގެ ވެރިކަމާ ނުރުހި ތިބި ބޮޑުންނެވެ. އަމީންގެ ވެރިކަމާ ރައްޔިތުން ނުރުހުނު ދަނޑިވަޅު ސިޔާސީ ވާދަވެރިން ގެންދިޔައީ އިތުރަށް ނަފުރަތު އުފައްދާ ގައުމުގައި ހާޖާނު އުފައްދަން ރާވަމުންނެވެ.
އަމީންގެ ވެރިކަމާ ހިތްހަމަނުޖެހިފައި ތިބި މީހުން، ތާރީޚުގައި މަޝްހޫރު "ކަޅު ހުކުރު" ގައި، މައިޒާނަށް ނުކުންނަމުން ދިޔަ އިރު އެމަނިކުފާން ހުންނެވީ ރާއްޖޭން ބޭރުގައެވެ. ދުންފަތް މަނާކޮށްފައި އޮތް ނަމަވެސް މައިޒާނަށް އެއްވި ކޮންމެ މީހަކަށް ބިޑި އާއި ސިނގިރޭޓް ހިލޭ ބެހި ބަޔަކު ވެސް އުޅުނެވެ. އެއިން ކޮންމެ މީހަކު ރޯކޮށްލި ސިނގިރޭޓުގެ ހުޅުފަޅައިގެން ގޮސް ގައުމު އަނދައިގެން ދާނެކަން އެނގެނީ އެ ނުބައި ރޭވުން ރޭވި ބޮޑުންނަށެވެ. އެ މީހުންގެ ރޭވުމަކީ ދުންފަތް މަނާކުރުމުން ރައްޔިތުންގެ ނުރުހުން އޮތްކަން ދައްކައި ޖުމްހޫރިއްޔަތު އުވާލައި ވެރިކަން ބަދަލު ކުރުމެވެ. އެ ނުބައި ރޭވުން އޮތީ ގައުމުން ބޭރުގައްި ހުންނެވި އަމީން އަށް ސިއްރުކޮށްފައެވެ.
ބޭސްފަރުވާއަކަށް އިންޑިއާގެ މެޑްރާހަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ކޮޅުނބަށް ވަޑައިގެން ހުންނެވުމަށް ފަހު އަމީން ރޮޔަލް އެއާފޯސްގެ ކަނޑަށް ޖައްސާ މަތިންދާބޯޓެއްގައި މާލޭ ބަނދަރަށް ޖެއްސުމާ އެކު ރާވާފައި އޮތީ އެމަނިކުފާން މާލެ ނާރުވައި ދޫނިދުއަށް ގެންދާށެވެ. މާލެ ގެންގޮސް ދެއްވުމަށް އެދި އަމީން ކުރެއްވި އާދޭހުގެ އަޑު އަހާނެ މީހަކު ނެތެވެ. އަމީން ވިދާޅުވަމުން ގެންދެވީ އެމަނިކުފާނަކީ ގައުމުގެ ވެރިޔާ ކަމަށެވެ. މާލެ ދިއުމުގެ ނަތީޖާއަކީ މަރުކަމަށް ވިޔަސް ބޭނުންފުޅު ވަނީ މާލެ ދާން ކަމަށެވެ. އަމީން އެދިވަޑައިގަތި އެމަނިކުފާން މާލޭގެ ފަސްގަނޑަށް ބާލައި ދެއްވުމަށެވެ. އެހެން ހައްދަވައިފި ނަމަ ފަސް މިނެޓުގެ ތެރޭ ރައްޔިތުން ހަމަޖައްސާނެ ކަމަށާއި އެ މީހުން އެދޭ ކަމަކީ ކޮބައިތޯ ބަލައި އެކަމެއް ވެސް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އެކަމަކު އެ އަޑު އަހާނެ މީހަކު ނެތެވެ. ނަތީޖާއަކީ އޯގަސްޓް 21، 1953 ވަނަ ދުވަހު އަމީން ގެންގޮސް ދޫނިދޫގައި ބަންދުކުރި އެވެ. އަދި އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވާލި ދުވަސް ވެސް މެެއެވެ.
އަމީން ދޫނިދޫގައި ހުންނަވަނިކޮށް ބަޔަކު ވަނީ ނުބައި ރޭވުމެއް ރާވައި ރައްޔިތުން ތިބީ އަމީނާ އެއްކޮޅަށް ކަމަށާއި ވެރިކަން ހޯއްދެވުމަށް އަވަހަށް ވަޑައިގަތުމަށް އެދި ސިޓީއެއް ފޮނުވައިފައެވެ. އަމީން އެ ވާހަކަ ގަބޫލުފުޅުކުރެއްވި އެވެ. އަދި ސިއްރިއްޔާތުގައި އެއް ރެޔެއްގެ ދަންވަރު ސިފައިންގެ ފަށްއެޅި ގަމީސްކޮޅެއް ތުރުކުރައްވައިގެން މާލެ ވަޑައިގަން ބަނޑޭރިގެއަށް ވަޑައިގަތެވެ. އެކަމަކު ގުޅަކުޅޭ ފަސްގަނޑަށް އެއްވެފައި އޮތް ހަވަރު ފުރަތަމަ ވެސް ދުއްވައިގަތީ އަމީނު އަތުލައިގަތުމަށް ބަނޑޭރިގެއަށެވެ. ރުޅިގަދަވެފައި ތިބި މީހުން ސިފައިންގެއަށް ވަދެ، ބަނޑޭރިގޭ އަނބުގަސްދޮށުގައި ބިޑި އަޅުވާފައި ހުރި އަމީނު އެތަނުން ނެރެ ލާއިންސާނީ އަނިޔާތައް ދޭން ފެށި އެވެ. ބިޑި އަޅުވާފައި ހުރުމުން މޫނުމައްޗާއި ބޮލަށް އަރަމުން ދިޔަ ހަމަލާތަކުން ދިފާއުވެވޭނެ ގޮތެއް އަމީނަކަށް ނެތެވެ. މީހުންގަނޑު އަމީނަށް އަނިޔާކުރަމުން އޭނާ ދަމާ ކޫއްތާފައި ގެންދިޔަ އެވެ.
އެތަނުގައި ބާއްވައިގެން ވެސް އަނިޔާކުރުމަށް އެ މީހުން އަމީން ގެންގޮސް ފަޅުތެރޭގައި އޮތް ބައްތެއްޔަކަށް އެއްލާލިއިރު، އޮންނެވީ އޮރިޔާންހާލުކޮޅުގަ އެވެ. މީހުންގަނޑު މައިތިރިވުމުން ބައްތެލީގައި ހުރި މީހަކު މުންޑެއް ހިފައިގެން ގޮސް އޮރިޔާން ނިވާކުރަން އެ އަޅަން އުޅުމުން މަނާކުރެއްވި އެވެ. ގައިކޮޅުގައި މުންޑު އަޅައިފި ނަމަ މީހުން އައިސް އެ މީހާ އަށް އަނިޔާކޮށްފާނެ ކަމަށާއި ގޯންޏެއް އޮތް ނަމަ އަޅާލަދޭން އެދުމުން އެމީހާ އެކަންކުރި އެވެ. އަމީނުގެ ގައިކޮޅުން ފޭބި ލޭ ހުރީ ބައްތެލީގައި ކޯރުހެދިފަ އެވެ. މޫނާއި ބުރަކަށީގައި އަދި ބޮލުގެ ފުއްކިބައިގައި ބޮޑު ޒަހަމެއް ހުއްޓެވެ. ހަށިކޮޅުގައި ހިކިފައި ހުރި ލޭތަކަށް މެހި ޖައްސައި ހެދި ނަމަވެސް ފައްސާލުމަށް އަތްހޫރާލާނެހާ ހިތްވަރު ވެސް ނެތް ކަހަލަ އެވެ. އެކަމަކު އެ ހާލުކޮޅުގައި އަމީން އޮންނެވި ނަމަވެސް ޖެހިގެން އައި ދުވަހު ބަނޑޭރިގެއަށް ގެންގޮސް އަމީންގެ މައްޗަށް ތަހުގީގެއް ހިންގިއެވެ. އެ ދުވަހުން އެދުވަހަށް ތަހުގީގު ނިންމައި އަމީނުގެ ޝަރީއަތް ވެސް ފެށި އެވެ. ޝަރީއަތް ކުރި ކޮމިޓީގެ ނިޔާ އަކީ 39 އެތިފަހަރުން ތައުޒީރުކޮށް އުމުރަށް އަމީން އަރުވާލުމެވެ. އަރުވާލީ ކ. ގާފަރަށެވެ. އެ ހާލުކޮޅުގައި ގާފަރުގައި އުޅުއްވަން ޖެހިވަޑައިގަތީ ހިލިހިލާގައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ހާލުކޮޅު ގޯސްވަމުން ދިއުމެވެ. ހާލުކޮޅު މާބޮޑަށް ގޯސްވުމުން ގެންދިޔައީ ވިހަމަނާފުއްޓަށެވެ. އެއީ މިހާރުގެ ކުރުނބާ މޯލްޑިވްސް އެވެ. ހާލުކޮޅު ބޮޑުވެ ދެވޭ ފަރުވާއަކުން ހާލުކޮޅަށް ބަދަލެއް ނައިސް އޮންނަވައި، އަމީން އަވަހާރަވީ ޖެނުއަރީ 15، 1954 ގަ އެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅުން 43 އަހަރެވެ.
މިއީ ތާރީޚުގައި ވެރިއަކަށް ދިން އެންމެ ބޮޑު އެއް އަނިޔާއެވެ. މިފަދަ ބޮޑު އަނިޔާއެއް ގައުމުގެ ވެރިއަކަށް ދޭން ގާނޫނު އަސާސީ ދެކެ ލޯބިވާ އެއްވެސް ރައްޔިތަކު ނޭދޭނެ އެވެ.