ENGLISH

19 އޭޕްރީލު 2025

Advertisement

ޤާނޫނުއަސާސީ ދިފާޢު ކުރުމުގެ ނަމުގައި އެމްޑީޕީން ނުކުންނަނީ ވެރިކަމުގައި ކުރި ވައްކަންތައް ބަލާތީ: ޢަބްދުﷲ މުޙައްމަދު

09 ޑިސެމްބަރު 2024

|

އެމް އެމް

އެމްއެމްޓީވީގެ "ރައްޔިތުންގެ ދިފާޢުގައި" ޕްރޮގްރާމްގައި ޢަބްދުﷲ ވާހަކަ ދައްކަވަނީ.

ޤާނޫނުއަސާސީގެ ދިފާޢުގައި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވެގެން އުޅެނީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުވައި، އެމްޑީޕީގެ ސަރުކާރުގައި ހިންގި ބޮޑެތި ޚިޔާނާތްތައް ބަލަން އުޅޭތީ ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ރައްޔިތުންގެ ދިފާޢުގައި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ރައްޔިތުން ނުކުމެ ބަދަލުކުރާ ކޮންމެ ފަހަރަކު، މަޖިލީހުގެ މެމްބަރުން ގަނެގެން، އޭރަކު އޮތް ސަރުކާރެއް ޤާނޫނާ ޚިލާފަށް ބަދަލުކުރަން މަސައްކަތް ކުރުމަކީ އެމްޑީޕީގެ ތަބިއްޔަތުގައި ހުންނަ ކަމެއް ކަމަށެވެ. 

"ޤާނޫނުއަސާސީގެ ދިފާޢުގަ އޭ ކިޔައިގެން ޤައުމު ހަލަބޮލިކަން މި އުޅެނީ މެމްބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުވީމަ،" މަޖިލީހަށް އިންތިޚާބުވި ޕާޓީ ބަދަލުކުރާނަމަ، ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުން ޤާނޫނަށް ގެނައި އިސްލާޙަށް އިޝާރާތް ކުރައްވައި ޢަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ރައްޔިތުންނަށް ދޮގު ހަދަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކުރާއިރު، ހަޤީޤަތުގައި ރައްޔިތުންނަށް ދޮގު ހަދައި، އޮޅުވައިލީ ކޮން ބައެއްތޯ ސުވާލުކޮށްލަންޖެހެއެވެ. 

މިގޮތުން، އެމްޑީޕީގެ ބާނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީން ވަކި ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުމަށްފަހު، ބާރު ލިބުމާ އެކު، ނަޝީދު ބާކީކޮށް، އެމްޑީޕީން ވަކިވާން މަޖުބޫރުކުރި ކުރުން ޢަބްދުﷲ ފާހަގަކުރެއްވިއެވެ. 

އަދި ބިދޭސީންގެ މައްސަލަތައް ހައްލުނުކުރެވިއްޖެނަމަ، އިސްތިޢުފާ ދެއްވާނެ ކަމަށް ވިދާޅުވެ، އޭރު އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި ފައްޔާޒް ރައްޔިތުންނަށް ހެއްދެވި އިތުރުފުޅު ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި އުޅެނީ ޤާނޫނުއަސާސީ ދިފާޢު ކުރާކަށެއް ނޫން. އެ އުޅެނީ އެމްޑީޕީގެ ސަރުކާރުގައި ކުރި ވައްކަންތަކާއި ހިންގި ޚިޔާނާތްތައް ބަލާފާނެތީ،" ޢަބްދުﷲ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ފައްޔާޒަށް ބާރު ލިބިވަޑައިގަތުމުން، އެމްޑީޕީ ފުނޑާލައި، މުޅި ޤައުމު ދަރުވާލައި، ހަމަނުޖެހުމުގެ ތެރެއަށް ވައްޓައިލިއެވެ. 

މީގެއިތުރުން، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީނަށް ހެދި ގޮތް ހަދާފާނެ ކަމަށް ވިދާޅުވެ، ފައްޔާޒް ދެއްވި ބިރުވެރި އިންޒާރާ މެދު ވެސް ޢަބްދުﷲ ކަންބޮޑުވުންފާޅު ކުރެއްވިއެވެ. 

ޢަބްދުﷲ ވިދާޅުވީ، މުޙައްމަދު އަމީނަށް ކުރިމަތިވެވަޑައިގެންނެވި ނިކަމެތި ޙާލަކީ ރާއްޖޭގެ ތާރީޚުގައި ވަރަށް ވެސް ކަޅު ސަފްޙާއެއް ކަމަށާއި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ޒަމާނެއްގައި އެފަދަ އަނިޔާވެރި މާޒީއެއް ތަކުރާރުވާން އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ. 

އެމްޑީޕީގެ ވެރިކަމުގައި ފޮޓޯ ކޮޕީ ހައްދާ އުޞޫލުން ފައިސާ ޗާޕުކޮށް ރާއްޖޭގެ އިޤްތިސާދު ހަލާކުގެ ތެރެއަށް ވައްޓާލައި، ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް، އެތަކެއް ޖަރީމާތަކެއް ހިންގި ހިންގުން ރައްޔިތުން ހަނދާނެއް ނުނެތޭނެ ކަމަށް ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. 

"އެމްޑީޕީން ނުކުމުގެން އުޅެނީ ޤާނޫނުއަސާސީގެ ދިފާޢުގައެއް ނޫން އެއްގޮތަކަށް ވެސް. އެމްޑީޕީން ނުކުމުގެން އުޅެނީ ދަޢުލަތް ލޫޓުވައިލި އަސާސީގެ ދިފާޢުގައި. އެމްޑީޕީން ޤައުމު ހަލަބޮލިކުރަން އެ ނުކުންނަނީ ޤައުމު ބަނގުރޫޓުކޮށްލި އަސާސީގެ ދިފާޢުގައި. އެމްޑީޕީން އެ ނުކުންނަނީ ދެ ބިލިއަން ރުފިޔާ ބަހައިލި އަސާސީގެ ދިފާޢުގައި. އެމްޑީޕީން މަގުމައްޗަށް ނުކުމެ ޤައުމުގެ ހަލަބޮލިކުރަން އެ އުޅެނީ އަލަމްގީރް އަސާސީގެ ދިފާޢުގައި. އެމްޑީޕީން މަގުމައްޗަށް މި ނުކުންނަނީ ވެންޓިލޭޓަރު އަސާސީގެ ދިފާޢުގައި. އެމްޑީޕީން މަގުމައްޗަށް ނުކުންނަން މި އުޅެނީ ކެންޔާ އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަތް އަސާސީގެ ދިފާޢުގައި. އެމްޑީޕީން މަގުމައްޗަށް ނުކުންނަން މަޖުބޫރުވާނެތާ ކަނޑު ވިއްކައިލި އަސާސީގެ ދިފާޢުގައި،" ޢަބްދުﷲ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ ޖަރީމާތަކެއްގެ ދިފާޢުގައި ނުކުންނަށް އެމްޑީޕީއަށް ވަނީ ލާޒުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު