ENGLISH

17 ފެބްރުއަރީ 2026

Advertisement

މާފުށީގައި އައު ނަރުދަމާ ނިޒާމް ޤާއިމްކޮށް އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރަނީ

17 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ކ. މާފުށީގައި މީހުން ދިރިއުޅެމުން އަންނަ  ސަރަހައްދުގައި އައު ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފި އެވެ.

މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި އެމްޑަބްލިޔުއެސް.ސީގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދު އެވެ.

މިމަޝްރޫޢުގެ ދަށުންމާފުށީގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި، ގޭގޭ ގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދެވޭނެ އެވެ. އަދި ހަމަ މިއާއި އެކު ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލް އެއް އެޅުމާއި، ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ ދެ ޓޭންކު ބެހެއްޓުމާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ޕީ.ވީ ސިސްޓަމްތައް ޤާއިމްކުރުން ހިމެނެ އެވެ. 

މީގެއިތުރުން މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި، އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެއް އެޅުމާއި، ގޭގެއަށް ނަރުދަމާ ގެ ކަނެކްޝަން ގުޅައިދެވޭނެ އެވެ.

މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، އަދި އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ އެމްޑަބްލިޔުއެސްސީ އާއި ސަރުކާރު ހިއްސާވާގޮތަށް ކޯ-ފައިނެސިންގ އުސޫލުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިގޮތުން މި މަޝްރޫޢަށް އެމްޑަބްލިޔުއެސްސީ 88.8 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 186 މިލިއަން ރުފިޔާ އެވެ. 

މިމަޝްރޫޢުގެ މަސައްކަތްތައް ނިމުމުން ކ. މާފުށީގައި މީހުން ދިރިއުޅެމުން އަންނަ  ސަރަހައްދާއި އަދި އަލަށް ހިއްކާފައިވާ ސަރަޙައްދުގައި ރައްކާތެރި ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު