ENGLISH

17 ފެބްރުއަރީ 2026

Advertisement

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު، މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި

17 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު، މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާން މަޤާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި އެވެ. މިއަދު މެންދުރުފަހު މި ރަސްމިއްޔާތު އޮތީ ޑާކާގެ ނޭޝަނަލް ޕާރލިމަންޓްގަ އެވެ.

ބަންގްލަދޭޝްގެ އައު ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ ބަންގްލަދޭޝްގެ ރައީސް، މުޙައްމަދު ޝަހާބުއްދީން އެވެ. މި ރަސްމިއްޔާތުގައި އަވަށްޓެރި އަދި ރަޙުމަތްތެރި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ރަޙްމާނާ ބައްދަލުކުރައްވާފަ އެވެ.

ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީގެ ޗެއާމަން ތާރިޤް ރަޙްމާންގެ ލީޑަރޝިޕްގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ތާރިޤް ރަޙްމާން ވެވަޑައިގެންފައިވަނީ 1991 ވަނަ އަހަރަށްފަހު އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފިރިހެން ބޭފުޅާ އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެގައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު