ENGLISH
19 އޭޕްރީލު 2025
ބޭރު ފައިސާއާ ގުޅޭ ބިލް ފާސްވުމަކީ، ރައްޔިތުންގެ ފުދުންތެރިކަމާއި މުއްސަނދިކަން އިތުރުކޮށްދޭނެ ކަމެއް: ރައީސް
09 ޑިސެމްބަރު 2024
|
ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ޙައްޤުގައި ކަމަށާއި އެ ބިލު ފާސްވުމަކީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މުއްސަނދިކަން ގެނެސްދޭނޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަރި އަތޮޅާއި މާލެއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިޤްތިޞާދީ މައްސަލައެއް ކަމަށެވެ.
ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނޭ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުޞޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުޢާމަލާތްތަކާ ގުޅޭ ހަމަތަކާއި އުޞޫލުތައް، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައަޅައި ހިންގުމެވެ.
އެ ބިލު، މަރުކަޒީ ބޭންކުގެ ފަރާތުން އެކުލަވާލައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިލު ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނު ކުރިންވެސް ވިދާޅުވިގޮތަށް، ބަދަލެއް ނުގެނެސް ކަމަށެވެ.
އެމަނިކުފާން ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީސް، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރައްވާނޭކަމުގެ އުންމީދު އެބައޮތް ކަމަށެވެ.