ENGLISH

14 ފެބްރުއަރީ 2026

Advertisement

ފައްޔާޒަށް ޝުޖާގެ ހޫނު ރައްދެއް؛ ކޮންގްރެސްއިން އިންތިހާބު ކާމިޔާބުކުރާނީ އޮޅުވާލައިގެންނެއް ނޫން

14 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާ، ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރަން މަސައްކަތްކުރަނީ ރައްޔިތުންނަށް އޮޅުވާލައިގެން ނޫންކަމަަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ކޮންގްރެސް ޕާޓީގެ ނައިބުލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރައްދުދެއްވައިފިއެވެ. 

ސަރުކާރުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް ބިރުދައްކައި، ވޯޓު ކަށަވަރުކުރުމަށް މީހުން ދިރިއުޅޭ ރަށްރަށް ނޫން އެހެން ރަށްރަށުގައި ރީ-ރަޖިސްޓްރީކުރުވަމުންދާކަމަށް ތުހުމަތުކުރައްވައި ފައްޔާޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން ޝުޖާއުވަނީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަންކަނަް ކުރި ގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ. 

އެގޮތުން ޝުޖާ ވިދާޅުވީ 2020 ވަނަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލު އިންތިހާބު ފަސްކުރީ އެއިރު ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ-މެޖޯރިޓީ ބޭނުންކޮށްގެން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއިރު އިދިކޮޅުގައި އޮތް ޕާޓީން ވާދަކުރަން ނިންމާފައި ތިބި ކެނޑިޑޭޓުންނަށް ބިރުދައްކައިގެން ނަން ނަގުވާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. 

ޝުޖާ ވިދާޅުވި ގޮތުގައި އެމްޑީޕީންވަނީ އެއިރު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓުންނަށް އެކި ބާވަތުގެ ދުއްތުރާތައް ކުރިމަތިކުރުވައި، އެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ތިބި ރައްޔިތުންނަށް އެތައް އުދަގުލަކާއި ހުރަހެއް ކުރިމަތިކުރުވައި، ވޯޓުލާންޖެހޭ ތަން ބަދަލުކުރުމަށް އެތައް ހުށަހެޅުމެއް ހުށަހަޅާފައެވެ. 

އޭނާ އިތުރަށް ވިދާޅުވީ މިއަދުގެ ސަރުކާރުން އެފަދަ ކަންކަން ކުރާކަމަށް އެމްޑީޕީއަށް ހީވަނީ އެ ޕާޓީއަށް ބާރުތައް ލިބުނު ވަގުތު ރައްޔިތުންނާއި އިދިކޮޅު ޕާޓީތަކާމެދު އެފަދައިން ކަންކޮށްފައި އޮތުމުން ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އެގޮތަށް ކަންކަން ނުކުރާނެ ކަމުގައި ޝުޖާ ވިދާޅުވިއެވެ. 

އަދި ޝުޖާ ވިދާޅުވީ ކޮންގްރެސް ޕާޓީން އިދިކޮޅު އެމްޑީޕީ އިންތިހާބުގައި ބަލިކުރުމަށް މަސައްކަތްކުރަނީ އެ ޕާޓީއަށް ވެރިކަން ލިބުމުން ބާރުގެ ބޭނުންކުރި ގޮތާއި އުޅުނު ގޮތް ރައްޔިތުންނަށް ބުނެދިނުމާއެކު، މިހާރުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާއި، ތަންފީޒުކުރަމުންދާ ސިޔާސަތުތައް ބަޔާންކޮށްދީގެން ކަމަށެވެ. 

މީގެ ކުރިން ވެރިކަމުގައި އޮތް ޕާޓީއަކުން އަދި އިދިކޮޅު ޕާޓީއަކުންވެސް ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަނުކުރާ އަދަދަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ކެންޑިޑޭޓުން ވާދަކުރަމުންދާއިރު، އެ ޕާޓީން އަންނަނީ އިންތިހާބު ކާމިޔާބުކުރުމަށް އިންތިޒާމީ ގޮތެއްގައި ސިޓީތަކާއި ރަށްތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. 

ސިޔާސީ ކަންކަން ތަހުލީލުކުރައްވާ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މިފަހަރުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް އެކަށިގެންވާ ގޮތެއްގައި ކެމްޕެއިން ނުކުރެވި، އިންތިހާބަށް ކެންޑިޑޭޓުން ނެރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ޕާޓީގެ އެތެރޭގައި އުފެދިފައި އޮތް ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން އިންތިހާބަށް ދޭންޖެހޭ ސަމާލުކަން ޕާޓީގެ އިސްވެރިންނަށް ނުދެވެއެވެ. 

މިކަންކަމުގެ ސަބަބުން އެ ޕާޓީގެ ބަލިކަށިކަން ރައްޔިތުންނަށް ހާމަވުމާއެކު، އެ ޕާޓީއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައަކީވެސް ސަރުކާރުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެއްގެ ގޮތުގައި ސިފަކޮށްދީ ޕާޓީގެ ސަޕޯޓަރުންނަށް ވިސްނައިދިނުމަށް ޕާޓީގެ ބައެއް ވެރިން މަސައްކަތްކުރައްވަމުންދާކަމަަށް އާއްމުންގެ ގިނަ ބަޔަކު ތުހުމަތުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު