ENGLISH

14 ފެބްރުއަރީ 2026

Advertisement

އަތޮޅުތެރޭގެ 6 ހޮސްޕިޓަލެއް މި އަހަރު ތެރޭގައި ނިމޭނެ

14 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް ވިދާޅުވީ މި ފަސްއަހަރު ނިމިގެންދާއިރު ރާއްޖޭގެެ ސިއްޙީ ނިޒާމުގައި ޢުމްރާނީގޮތުން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ ހޮސްޕިޓާތަކެއް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. 

"މިވަގުތުވެސް އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވަނީ. އެގޮތުން މިއަހަރުގެ ތެރޭގައި 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ. " - ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް

ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި މިއަހަރު ތެރޭގައި ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ރ.ދުވާފަރު، ބ.ތުޅާދޫ، ޅ.ހިންނަވަރު އަދި ކ.ގުރައިދޫގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ނިމޭނެއެވެ. 

ސިއްޙީ ޚިދުމަތް ހޯދުމަށް މާލޭގެ ހޮސްޕިޓަލުތަކަށް ބަރޯސާވެ މާލެ އަންނަންޖެހުމަކީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހޭ ބޮޑުކަމެކެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތް ތަކުގެ ތެރެއިން އަތޮޅުތަކުގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ ގޮތުން ބޭނުންވާ ސިއްހީ ވަސީލަތްތައް ހޯދުންފަދަ މަސައްކަތްތައް ދަނީ ކުރިއަށްދަމުންނެވެ.

އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ހޮސްޕިޓާތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.. މީގެ އިތުރުން ޖީޕީ ކްލިނިކްތަކާއި އިތުރު ހޮސްޕިޓަލްތަކެއް ރަށްރަށުގައާއި މާލޭ ސަރަހައްދުގައި ތަރައްޤީކުރުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ދައުލަތުން މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ސިއްޙީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު އަހަރު ނިމުމުގެ ކުރިން ގިނަ މަޝްރޫތަކެއް ފެށިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު