ENGLISH

14 ފެބްރުއަރީ 2026

Advertisement

ގާސިމްގެ އިލްތިމާސް؛ ގައުމު ސަލާމަތްކުރުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ

14 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވާަހަކަދައްކަވަނީ، ފޮޓޯ: ވަގުތު

ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް އިންތިހާބުކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިލްތިމާސްކުރައްވައިފިއެވެ. 

ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލި ދާއިރާގެ ދެ ރަށް ކަމުގައިވާ މާމިގިއްޔާއި ފެންފުށީގެ ކައުންސިލާއި އެ ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގާމުތަކަށް ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ގާސިމުވަނީ ރައީސް ޑރ.މުޢިއްޒަށް ތާރީފުކުރައްވައި، އެމަނިކުފާނަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ވަރަށް ތަފުސީލުކޮށް ވާހަކަފުޅުދައްކަވާފައެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނީ ހަމައެކަނި މާމިގިލީ ދާއިރާގެ ގޮނޑިތަކަށެވެ. އެ ޕާޓީން ނިންމާފައިވަނީ އެ ނޫން ހުރިހާ ދާއިރާއެއްގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ޕާޓީއާއެކު މަސައްކަތްކުރުމަށެވެ. 

އެ ނިންމުމަށް އަލިއަޅުވައިލައްވަމުން ގާސިމް ވިދާޅުވީ ކޮންގުރެސް ޕާޓީއަށް ތާއީދުކުރެއްވުމަށް ނިންމެވީ ގައުމު ހަމަމަގަަށް އެޅުއްވުމަށް ރައީސް ޑރ.މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް، އެއްވެސް ބަޔަކު ހިންގާ ނޭނގާނީ އެއްވެސް އަމަލެއްގެ ސަބަބުން ލޮޅުމެއް ނުވަތަ އުދަގުލެއް ކުރިމަތިވެ، އެ މަސައްކަތް މަޑުޖެހުމަށް ބޭނުންފުޅުނުވާތީ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ކާމިޔާބުކުރެއްވުމަށް ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އެމަނިކުފާނަަށް ބޭނުންވާނެއެވެ. 

އަދި ރައްޔިތުން އެދޭ ގޮތަށް ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދެވޭނީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ކޮންގުރެސް ޕާޓީގެ މެންބަރުން އިންތިހާބުވެގެންކަން ފާހަގަކުރައްވަމުން ގާސިމުވަނީ އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ މެންބަރުން އެ މަގާމުތަކަށް އިންތިހާބުވެއްޖެނަމަ އެ ބޭފުޅުންނަށް ރައްޔިތުންނަށް އެކަށީގެންވާ ގޮތުގައި ހިދުމަތް ކުރެވިދާނެތޯ ސުވާލުކުރައްވާފައެވެ. 

""އެއީ މާލެ ސިޓީކަމަށް ވިޔަސް، އައްޑޫ ސިޓީކަމަށް ވިޔަސް، ކުޅުދުއްފުށި ކައުންސިލެއް ވިޔަސް، އެހެން ތަނެއް ވިޔަސް، އެއްވެސް ސިޓީ ކައުންސިލަކުން ޕީއެންސީ ނޫން ބަޔަކަށް ވޯޓެއް ދީގެން މި އަންނަ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ކުރެވޭނީ ކޮން ކަމެއްތޯއޭ، ދައުލަތުން ބަޖެޓު ދިނިއްޔާ ކަމެއް ކުރެވޭނީ، ނުދިނަސް ކުރެވޭނެ ކަމެއް ނޯންނާނެ،" " - ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް 

އަދި ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކުރަންވީ ރާއްޖޭގެ އިސްތިގުލާލާއި އަމާންކަން ނަގަހައްޓައި، ހަމަހަމަކަމާއެކު އިންސާފުގެ މަތީގައި ރައްްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ސަރުކާރަށް ދިނުމަށްކަން ފާހަގަކުރައްވަމުން ގާސިމްވަނީ ރާއްޖެ ސަލާމަތްކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް، އެމަނިކުފާނުގެ ޕާޓީކަމަށްވާ ކޮންގުރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. 

"ރައީސް މުއިއްޒަށް ތާއިދު ކުރައްވައިގެން، ޕީއެންސީގެ މެންބަރުންނަަށް ވޯޓު ދެއްވައިގެން، އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުމާއި ހިނގާށޭ،" ގާސިމު ވިދާޅުވިއެވެ. 

ގާސިމުގެ ވާހަކަފުޅުގައި އޭނާވަނީ ރައީސް ޑރ.މުޢިއްޒުގެ ބައެއް ނިންމެވުންތަކަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން ކައުންސިލުތަކުގެ މެންބަރުންގެ އަދަދު މަދުކުރެއްވުމަށް ނިންމެވުމަކީ ރަނގަޅު ކަމެއްކަމަށާއި، މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލުނުކުރެވޭ ގޮތަށް ނިންމެވި ނިންމެވުމަކީ ކުރީގެ ވެރިންވެސް ކުރައްވަން އުޅުއްވިކަމެއް ކަމުގައި ފާހަގަކުރައްވަމުން ގާސިމުވަނީ އެ ނިންމެވުމަކީ ރާއްޖޭގެ ހަމަޖެހުމަށް ބޭނުންތެރި ނިންމުމެއް ކަމުގައި ސިފަކުރައްވާފައެވެ. 

ދަރަނިވެރިވެފައި އޮތް ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ދެއްވައި އެމަނިކުފާނަށް ހިތްވަރުދެއްވަމުން ގާސިމް ރައީސްގެ އަރިހުން އެދިވަޑައިގަތީ ރާއްޖޭގެ ހަމަޖެހުން ނަގައިލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު