ENGLISH
14 ފެބްރުއަރީ 2026
ވިލިނގިލީގެ ތަރައްގީއަކީ މުޅި އަތޮޅުގެ ތަރައްގީ، އެ ތަރައްގީ ހަގީގަތަކަށް ހަދާނީ މި ސަރުކާރުން: ނަރީޝް
14 ފެބްރުއަރީ 2026
|
ޔޫތު މިނިސްޓަރުގެ އެޑްވައިޒަރ އަދި މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ގއ.ވިލިނގިލީގެ ތަރައްގީއަކީ ހުވަދު އަތޮޅު އުތުރު ބުރީގެ ހުރިހާ ރައްޔިތުންގެ ތަރައްގީކަން ފާހަގަކުރައްވަމުން އެ ތަރައްގީ ހަގީގަތަަކަށް ހަދައިދޭނެ ސަރުކާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ކަމުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރ އަދި މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބުގައި ގއ.ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ނަރީޝް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް އެ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅުތައް އަކުރުން އަކުރަށް ލިޔުއްވައި ފޮތެއްގެ ސިފައިގަ ޗާޕުކުރައްވައި ރައްޔިތުންނާ ހިއްސާކުރައްވަން ކެރިވަޑައިނުގެންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަން ކުރައްވާފައިވާ ކަމަށެވެ.
އިތުރަށް ނަރީޝް ވިދާޅުވީ ރައީސްގެ ވައުދުފުޅުތައް ފޮތެއްގެ ގޮތުގައި ޝާއިއުކުރައްވައި އާއްމުކުރެއްވުމަށްފަހު އެމަނިކުފާނު ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވަނީ ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވަމުންދާ މިންވަރު ރައްޔިތުން އަމިއްލައަށް ވަޒަންކުރެއްވުމަށް ކަމަށެވެ. އަދި ރައީސް ދެއްވާ ޔަގީންކަމަކީ ވެވަޑައިގެންނެވި ވައުދުފުޅުތައް ފަހަރަކު ކަމެއް ފުއްދަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
ރައީސްގެ ދައުރުން ފާއިތުވީ ދެ އަހަރެއްހަައި ދުވަސްކަމާއި ދައުރުގައި ބާކީ ތިން އަހަރެއްހައި ދުވަސް އޮތްކަން ފާހަގަކުރައްވަމުން ނަރީޝް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ހިންގަންޖެހިފައި ހުރި ތަރައްގީގެ މަޝްރޫއުތައް އިސްކަންދޭ ތަރުތީބަކުން އެކުލަވައިލެއްވުމަށްފަހު ހުރިހާ ރަށެއްގެ މަސައްކަތްތައް ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވައިގެން މަސައްކަަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. އަދި ދައުރުގައި ބާކީ ތިން އަހަރު އޮވެ ހުރިހާ މަސައްކަތެއް ފައްޓަވައި މަޝްރޫއުތައް ނިމޭނެ ތާރީހުތައް ރައީސްގެ ރިޔާސީ ބަޔާނުގައި ސާފުކޮށް ވިދާޅުވެދެއްވާފައިވަނިކޮށް، ކަންކަން ނުވާނެކަމަށް ބުނުމުގެ ހައްގު އިދިކޮޅު ފަރާތްތަކަށް ނެތް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލުތައް ތަރުތީބުވެފައި އޮތް ގޮތުން ކައުންސިލު ރައީސްގެ ދައުރަކީ ހަމައެކަނި ކަންކަން ކައުންސިލަށް ހުށަހެޅުއްވުން ކަމަށާއި، ނަމަވެސް ސަރުކާރުން ރަށުގެ ތަރައްގީއަށް ކުރަން ބޭނުންވާ މަސައްކަތްތައް ކައުންސިލުގެ ރައީސް ކައުންސިލުގެ ތަޅުމަށް ހުށަހެޅުއްވުމުން އެކަންކަން ފާސްކޮށް މަސައްކަތްކުރުމަށް މަގުފަހިކުރަނީ ކައުންސިލުގައި ނަގާ ވޯޓަކުން ކަމަށް ނަރީޝް ވިދާޅުވިއެވެ. އެ ސަބަބަށްޓަކައި ކައުންސިލުގެ ރައީސްގެ މަގާމު އިތުރަށް ކައުންސިލުގެ މެންބަރުކަމަށްވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ނަރީޝް ވިދާޅުވިއެވެ.
"ސަރުކާރުން އެބޭނުންވާ ގޮތަށް މިރަށުގެ ތަރައްގީ ތަރުތީބުކުރުމަށް ވިޝާލު އޭތި އެޖެންޑާކުރި ކަމުގައިވީ ނަމަވެސް އެއަށް ވޯޓުދޭނެ ބަޔަކު ބޭނުންވޭނު؟ އިދިކޮޅު ނޫނީ އަޅުގަނޑުމެންނާ ނުކިއްސަރު ފިކުރުގެ ބަޔަކު ހޮވައިފިނަމަ ވޯޓުދޭނީ ކިހިނެއްތޯ؟ ނިންމާނީ ކިހިނެއްތޯ؟،" އިދިކޮޅު ކެންޑިޑޭޓުން ކައުންސިލަަށް އިންތިހާބުވެއްޖެނަމަަ ރަށުގެ ތަރައްގީއަށް ބޭނުންވާ ނިންމުންތައް ސަރުކާރާ އެއްކީލަވާ ގޮތަށް ނުނިންމޭނެކަަން ފާހަގަކުރައްވަމުން ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ފާހަގަކުރެއްވި ގޮތުގައި ވިލިނގިލީ ތަރައްގީއަކީ މުޅި ގއ.އަތޮޅުގެ ތަރައްގީ ކަމެވެ. އެ ރަށަކީ އެ އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދުމަށް އަންނަންޖެހޭ ރަށެއްކަަން ފާހަގަކުރައްވައި ނަރީޝް ވިދާޅުވީ ވިލިނގިލީ ކައުންސިލަކީ އެ ރަށުގެ ތަރައްގީ އެ ރަށަށް ހިދުމަތް ހޯދަން އަންނަ ހުރިހާ ރައްޔިތުންނަށް ފަސޭހަވާނެހެން ތަރުތީބުކުރާނެ ކައުންސިލަކަށްވާންޖެހޭ ކަމަށެވެ. ކައުންސިލުގައި ސަރުކާރަށް ޖެއްސުންކުރާ ބަޔަކު ތިބިއްޖެނަމަ ވިލިނގިއްޔަށް ދުވަހަކުވެސް ތަރައްގީ ނުލިބޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"ތިޔަ ބޭފުޅުން އަޒުމް އާކުރައްވާ، މިފަހަރު ތިޔަ ބޭފުޅުން ސަރުކާރާ އިދިކޮޅަށް އެއްވެސް ވޯޓެއް ނުޖަހާނެ. ޖަހާނަންތޯ؟،" އިދިކޮޅު ކައުންސިލެއް އިންތިހާބުކޮށްފިނަމަ އެ ރަށުގެ ތަރައްގީ ހާސިލުކުރުމުގައި ކުރިމަތިވާނެ ތަފާތު ނަރީޝް ޖަލްސާގެ ބައިވެރިންނާ ސުވާލުކުރެއްވިއެވެ.
ނަރީޝްވަނީ އިދިކޮޅު ޕާޓީތަކުގެ އަޣުލަބިއްޔަތު އޮތް ބައެއް ކައުންސިލުތަކުން މިހާރު ކަންކަން ކުރަމުންދާ ގޮތުގެ ބައެއް މިސާލުތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ކަންކަމުގައި ކައުންސިލުގެ އެއްބާރުލުމަށް އެދި ފޮނުވި ސިޓީތައް ކައުންސިލު ތަޅުމާ ހަމައަށް ނުވެސް ގެންނަވައި ބައެއް ކައުންސިލުތަކުގެ ރައީސުން ފޮރުއްވައިގެން ގެންގުޅުއްވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ބައެއް ކައުންސިލުތަކުން ބިން ހަމަޖައްސައިނުދީގެން ޕޮލިސް ސްޓޭޝަން އެޅުމުގެ އެތައް މަޝްރޫއެއް ނުފެށި މަޑުޖެހިފައިވާކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީތަކަށް ކައުންސިލުތަކުގެ އަޣުލަބިއްޔަތު ލިބުމުން ކުރިމަތިވާ ތަފާތު މައްސަލަތައް ފާހަގަކުރެއްވުމާއެކު، ނަރީޝްވަނީ ކޮންގްރެސް ޕާޓީގެ ފަރާތުން ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ދިހަ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް އެ ރަށުގެ ރައްޔިތުން އަރިހުން އެދިވަޑައިގެންފައެވެ.