ENGLISH
14 ފެބްރުއަރީ 2026
ކޮންގްރެސް ޕާޓީން ކުރަހާ ތަސައްވުރާ ޑެލިވަރކުރާ ކަންކަން އެއްގޮތްވާނެ: މެންބަރު އާޒިމް
14 ފެބްރުއަރީ 2026
|
ވިލިނގިލީ ދާއިރާގެ މަޖިލިސް މެންބަރު އާޒިމް އަބްދުލްއަޒީޒް، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ރައްޔިތުންނަަށް ކުރަހައިދޭ ތަސައްވުރާ އެއްގޮތަށް ކަންކަން ޑެލިވާކޮށްދޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އާޒިމް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ކުރިއަށްް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވިލިނގިލީ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ރޭ ވިލިނގިލީގައި އޮތް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މެންބަރުވަނީ ދިވެހިރާއްޖޭގެ ވެރިކަން އެމްޑީޕީން ދެފަހަރު ކުރިއިރު އެއިން އެއްވެސް ސަރުކާރެއްގައި ވިލިނގިއްޔަށް ގެނެސްދެވުނު ކުރިއެރުމެއް ތަރައްގީއެއް ނެތްކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އިތުރަށް މެންބަރު ވިދާޅުވީ އެ ރަށުގައި އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި ބިނާކުރަން ފެށި ފެނަކައިގެ އައު އިމާރާތަށް 47 މިލިއަން ރުފިޔާ ހަރަދުކޮށްފައިވީ ނަމަވެސް އެ މަސައްކަތްވެސް ނިމިފައި ނެތް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އެ ރަށުގައި އަޅަން ވައުދުވި 200 ހައުސިން ޔުނިޓުގެ ތެރެއިން 50 ޔުނިޓުގެ މަސައްކަތް ފެށިއިރު ދައުރު ނިމުނީ އެ މަސައްކަތްވެސް ނިންމަައިނުލެވި ކަމަަށެވެ.
އެމްޑީޕީއަށް ވިލިނގިލި ތަރައްގީކުރަން ލިބުނު ފުރުސަތުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވަމުން އާޒިމު ވިދާޅުވީ ހިނގަމުންދާ ދައުރު ނިމުމަށްފަހު އެމްޑީޕީން އެރަށުގައި ކުރާނެ އިތުރު އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ.
އަދި ކައުންސިލު އިންތިހާބުގައި ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ޓީމަކީ ވިލިނގިލީ ރައްޔިތުން އެދޭ ގޮތަށް އެ ރަށަށް ތަރައްގީ ގެނެސްދެއްވޭނެ ޓީމުކަން ފާހަގަކުރައްވަމުން މެންބަރު އާޒިމްވަނީ އެ ރަށު ރައްޔިތުންގެ އަރިހުން އެ ޓީމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
"ތަރައްގީ ގެނެވޭނީ މިޓީމަށް. މިބޭފުޅުން ހޮއްވަވާ އަޅުގަނޑު ޔަގީންކަން މިދެނީ ވިލިނގިލީ ރައްޔިތުންނަށް، މި ރަށުގައި އިތުރަށް އެމްޑީޕީން އައިސް ކުރާނެ ކަމެއް ނޯންނާނެ. ޔަގީންކަން މިދެނީ،" އާޒިމު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ފަނާކުރަނަވި ފިކުރެއްގެ ގޮތުގައި ސިފަކުރައްވަމުން އާޒިމް ވިދާޅުވީ ކޮންގުރެސް ޕާޓީއަކީ ބިނާކުރަނަވި ފިކުރެއްކަމަށާއި، އެ ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީ ތަރައްގީގެ މަސައްކަތަށް ފަރިތަ، އެ މަސައްކަތުގެ ވައްޓަފާޅި ހުރި ބޭފުޅެއް ކަމަަށެވެ.
އިދިކޮޅު އެމްޑީޕީން ކުރެހުމުން ރީތި ސަފާރީއެއް ދައްކަައިފިނަމަ އޮޑި ބަދެ ނިމޭއިރު އޮންނާނީ ބައްތެއްޔެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ސިޔާސަތަކީ ބޮޑެތި ވައުދުތައް ވުމަށްފަހު އެއާ އެކަށޭނެ މިންވަރަށް ޑެލިވާނުކުރެވި ފެއިލުވެގެންދިއުން ކަމަށް އާޒިމު ތުހުމަތުކުރެއްވިއެވެ. އަދި އެއާ ހިލާފަށް ކޮންގުރެސް ޕާޓީން ކުރަހާ ތަސަައްވުރާ ރައްޔިތުންނަށް ފޯރުކޮށްދޭ ކަންކަން ދިމާވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކައުންސިލަށް އިންތިހާބުވެއްޖެނަމަ ސަރުކާރަށް އެއްބާރުލުންދޭނެ ކަމަށް އެމްޑީޕީން ބުނާ ބުނުމަށް ރައްދުދެއްވަމުން އާޒިމު ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުގައި ފާސްކުރި ދެ ބަޖެޓަށްވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން ވޯޓުނުދެއްވާ ކަމަަށެވެ. އެހެންކަމުން ރައްޔިތުންނަށް މިހާރު އެފަދަ ކަންކަމުގެ ހަގީގަތް އޮޅުވައިނުލެވޭނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"ބައްލަވާ މިބޭފުޅުން އިދިކޮޅަށް ތިބޭއިރު، ތަރައްގީ، އިންސާނީ ހައްގުތައް ވަރަށް ފަށުއިކޮށް އަތުރައިލާނެ. ވެރިކަން ލިބުނީމަ ހަރާމްބަޅުމަސް. އެއްކަމެއްވެސް ހަނދާން ނުހުންނާނެ. މިމީހުން ވެރިކަމަށް އައިސްފިއްޔާ އެ ލިޔެފައި އޮތް ފޮތެއްވެސް ވުޖޫދުގައި ނޯންނާނެ.،" އިދިކޮޅުގައި ތިބޭއިރު އެމްޑީޕީން ދައްކާ ވާހަކަތަކާއި ވެރިކަން ލިބުމުން އެ ޕާޓީން އަމަލުކުރާ ގޮތުގެ ތަފާތު ފާހަގަކުރައްވަމުން އާޒިމް ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީން ކަންކަން އޮޅުވައިލާ މިންވަރުގެ މިސާލެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވީ ވިލިނގިއްޔާއި ކޫއްޑޫގެ މެދުގައި އޮތް ކަނޑުއޮޅި ހުރަސްކޮށް ދެ ރަށް ގުޅުވައިލުމަށް ބުރިޖެއް އަޅުއްވާނެ ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދުފުޅެވެ.
އިދިކޮޅު އެމްޑީޕީއާއި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ފަރަގު ފާހަގަކުރެއްވުމަށްފަހު އާޒިމު ވިދާޅުވީ އޭނާއަށް ކަން އޮތް ގޮތް ވިދާޅުވެދެއްވޭނީ ކަމަށާއި، ފަހު ގޮތް ނިންމަވާނީ ރައްްޔިތުން ކަމަށެވެ.