ENGLISH
14 ފެބްރުއަރީ 2026
ރައްޔިތުންގެ ދުޅެހެޔޮކަން ކަށަަވަރުކުރެއްވުމުގެ މަސައްކަތަށް އޮހެމުންދަނީ ހައްގު ތާރީފު
14 ފެބްރުއަރީ 2026
|
ރައީސް މުއިއްޒު އަޅުއްވާ ފިޔަވަޅުތަކާ ގުޅިގެން ޑަބްލިއުއެޗްއޯއިން އެވޯޑު އަރުވަނީ, ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރާއްޖޭގެ ސިއްހީ ސިޔާސަތު ބައްޓަންކުރުމުގައި މިހާތަނަށް ގެންގުޅެމުން އައިސްފައި އޮތް މައިގަނޑު ވިސްނުމަކީ ފަރުވާގެ ނިޒާމު ހަރުދަނާކޮށް ތަރައްގީކުރުމަށް އެކަނި ސަމާލުކަން ދިނުމުގެ ވިސްނުމެވެ. ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމުގެ ވިސްނުން އެތައް ޒަމާނެއް ކުރިން ސިއްހީ ނިޒާމުގެ ކުންނުގައި އޮތް ނަމަވެސް އެ ވިސްނުން ސިއްހީ ސިޔާސަތުގެ ތެރެއިން އެކަހެރިކުރެވި އެއްފަރާތްކުރެވިފައިވާތާ އެތައް ޒަމާނެއް ފާއިތުވެއްޖެއެވެ.
ބަލިތަކުން ރައްކާތެރިވުމުގެ ވިސްނުން ސިއްހީ ނިޒާމުގެ ތެރޭގައި އޮތް ދުވަސްވަރަކީ ތަރައްގީގެ މަގުގައި ރާއްޖެ ފިރުކެމުންދިޔަ ޒަމާނެވެ. ގައިންގައަށް އަރާ ބަލިތައް ރާއްޖޭގައި ގިނަ ދުވަސްވަރެވެ. ކޮލެރާއާއި، ޖުޒާމު ބައްޔާއި، އެނޫންވެސް ގައިންގައަށް އަރާ ބަލިތަކުން ރައްޔިތުން ރައްކާތެރިކުރަން ޖެހިފައި އޮތް ދުވަސްވަރެވެ. އެ ބަލިތައް ނައްތައިލުމަށް ވަށާޖެހޭ ގޮތެއްގައި ކުރެވުނު ގިނަ މަސައްކަތްތަކާއެކު ރާއްޖެ 2000 ގެ އަހަރުތަކާ ކުރިމަތިލީ މިއިން ގިނަ ބަލިތަކުން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައެވެ. އެކަމަށްޓަކައި ހެލްތު ވޯކަރުންނާއި ފޫޅުމައިންނާއި އިޖުތިމާއީ ހިދުމަތްތެރިންގެ ބޮޑު ވިއުގަތަކެއް ގާއިމުކުރެވި ގިނަ މަސަައްކަތްތަކެއް ކުރެވުމުގެ ނަތީޖާއަކީ ގައިންގައަށް އަރާ ނުރައްކާތެރި ގިނަ ބަލިތަކެއް ރާއްޖެއިން ނައްތައިލެވި އެ ދާއިރާއިން ހެޔޮ ބަދަލުތަކެއް ގެނެވުމެވެ.
ތަރައްގީވަމުން އަންނަ އަދި ތަރައްގީވެފައިވާ ގިނަ ގައުމުތަކެކޭ އެއްގޮތަށް ދިވެހިންގެ ދުޅަހެޔޮކަމާ ގުޅޭ މައްސަލަތަކުގެ ބާވަތަށްވެސް ފާއިތުވި ދެތިން ދަހަރުގެ ތެރޭ ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ގައިންގައަށް އަރާ ބަލިތަކުން ސަލާމަތްވެވުނުއިރު ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ގިނަ ބަލިތައް އާއްމުވެއްޖެއެވެ. ހިތުގެ ބައްޔާއި ޓައިޕް-2 ޑައިބިޓީސް ނުވަތަ ހަކުރު ބައްޔާއި، ކިޑްނީ ބަލިތަކާއި، ފުއްޕާމޭގެ ބަލިތައް ފަދަ އެތައް ބައްޔެއް ގިނަވެ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ދެވޭ ފަރުވާގެ ބޮޑު ބަޔަކީ މިފަދަ ބަލިތަކުގެ ފަރުވާކަމަށް ވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ސްޓެޕްސް ސާވޭއިން ފެންނަ ތަފާސްހިސާބުތަކަށް ބަލާއިރު، ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތައް ރާއްޖޭގައި އާއްމުވެފައިވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަކަށެވެ. އުމުރުން 30 އަހަރާއި 79 އަހަރާ ދެމެދުގެ އާބާދީގެ 34 އިންސައްތަ މީހުންނަކީ ހިތުގެ ބަލި ނުވަތަ ލޭ މައްޗަށް ދިއުން ތަހައްމަލުކުރާ މީހުންނެވެ. 15 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ އާބާދީގެ 16 އިންސައްތަ މީހުންނަކީ ހަކުރުބަލި ތަހައްމަލުކުރާ މީހުންނެވެ. އަދި ޖުމްލަ އާބާދީގެ 23 އިންސައްތަ މީހުންނަކީ ކޮލެސްޓްރޯލް ހުންނަންވީ މިންވަރަށްވުރެ މަތިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނެވެ.
މިދެންނެވި ހުރިހާ މައްސަލަތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ މައްސަލަތައް ކަމުގައިވާއިރު، މި މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމުން އުފުލާ ތަކުލީފުތައް ދުވަހަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. މި ބަލިތަކުގެ ފަރުވާއަށް އާސަންދައިން ކުރާ ހަރަދު ކޮންމެ އަހަރަކުވެސް އޭގެ ކުރީ އަހަރަށްވުރެ އިތުރުވެއެވެ. އެ ބަލިތަކަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރަންޖެހޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ގައިންގައަށް އަރާ ބަލިތަކުން ސަލާމަތްކުރުމާއެކު ދަރިމައިވުމުގެ ސިއްހަތު ރަނގަޅުކުރެއްވުމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި މި އަމާޒުތައް ހާސިލުކުރެވި ބޮޑެތި ކާމިޔާބުތަކެއް ހޯދުނެވެ. ނަމަވެސް އެ ކާމިޔާބުތަކަށްފަހު ރާއްޖޭގެ ސިއްހީ ސިޔާސަތުގެ އަމާޒުތައް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދުޅަހެޔޮކަމަށް އައި ބަދަލުތަކާ އެއްކީލިވާ ގޮތަށް ބަދަލުނުކުރެވުނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 11 އިންސައްތައާ އެއްވަރުގެ މިންވަރެއް ސިއްހީ ދާއިރާއަށް ކޮންމެ އަހަރެއްގެ ބަޖެޓުން، ހާއްސަކުރެވުނު ނަމަވެސް ޕްރިވެންޓޭޓިވް ހެލްތަށް ނުވަތަ ބަލިތަކުން ރައްކާތެރިކުރުމުގެ މަސައްކަތް ހާއްސަކުރެވިފައި އޮންނަނީ ސިއްހީ ބަޖެޓުގެ އެންމެ އިންސައްތައެއްހައި މިންވަރެވެ.
ސިއްހީ ނިޒާމު އޮތީ “ސިކް ކެއާ” މޮޑެލްއަކަށް ބައްޓަންވެފައިކަމުން ބަލިމީހުން ސިއްހީ ނިޒާމާ މުއާމަލާތްކުރަނީ ބަލީގެ އަލާމާތްތައް ފެނުމުންނެވެ. ލޮލުގެ ފެނުމަށް އަސަރުކޮށްގެން ނުވަތަ މޭގައި ރިއްސާތީ ބަލިމީހާ ހޮސްޕިޓަލަށް ނުވަތަ ޑޮކްޓަރެއްް ކައިރިއަށްދާއިރު، އޭނާގެ ބަލި އޮންނަނީ ދިގު މުއްދަތުގެ ހަރަދު ބޮޑު ފަރުވާއިން ނޫނީ އަސަރުނުކުރާނެ މިންވަރަށް ބޮޑުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ މި ނިޒާމު ބަދަލުކުރެއްވުމުގެ އަޒުމުގައެވެ. އެމަނިކުފާނުވަނީ މި އަމާޒަަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ގިނަ ބަލިތަކެއްގެ މުލުގައި އޮންނަ ދުންފަތުގެ އިސްތިއުމާލުކުރުމުން ދިވެހިން ސަލާމަތްކުރެއްވުމަށްޓަކައި، ޒުވާނުންގެ މެދުގައި ހަލުއިކޮށް ފެތުރެމުން އައި ވޭޕް މަނާކުރައްވައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުސް އިތުރުކުރައްވައި، ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ތަންފީޒުކުރާ ޖީލަކަށް ދުންފަތް މަނާކުރުމުގެ ސިޔާސަތު ރާއްޖޭގައި ތަންފީޒުކުރައްވަން ފެއްޓެވިއެވެ. މިއީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރެއްވުމަށް އެމަނިކުފާނު ތަންފީޒުކުރެއްވި ސިޔާސަތުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ކަންކަމެވެ. ނަމަވެސް މި ސިޔާސަތުތަކަކީ، ވަށާޖެހޭ ޖުމްލަ ހައްލަކަށް އަމާޒު ހިފާފައިވާ ސިއްހީ ސިޔާސަތުގެ ޗޭނުގެ ދެތިން ބޮޅެވެ. ނަތީޖާ ނެރެވެނީ މުޅި ޗޭނު ލާމެހި ފުރިހަމަވުމުންނެވެ.
މި ސިޔާސަތުތަކުގެ ތެރެއިން އަވަހަށް ބަލި ދެނެގަތުމަށް މަގުފަހިކުރުމުގެ ގޮތުން އާސަންދަ މެދުވެރިކޮށް އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ރައީސްވަނީ ތައާރަފުކޮށްދެއްވާފައެވެ. އެއީ ބަލީގެ ފަރުވާއަށް ކުރަންޖެހޭ ހަރަދާއި އުފުލަންޖެހޭ ތަކުލީފު ބޮޑުވުމުގެ ކުރިން ބަލީގެ ކުރީ މަރުހަލާތަކުގައި ބަލި ދެނެގަނެވި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ބަލި ކޮންޓުރޯލުކުރުމަށް މަގުފަހިކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
ރާއްޖޭގެ އާބާދީގެ ދުޅެހެޔޮކަން ހުރި މިންވަރު ވަޒަންކުރުމަށްޓަކައި 2026 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ގައުމީ ފެންވަރުގައި ދުޅަހެޔޮކަން ވަޒަންކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި ޕްރޮގުރާމު ނިމިގެންދާއިރު މިހާރަށްވުރެ ރަނގަޅަށް ދިވެހި އާބާދީގެ ސިއްހީ ހާލަތު ވަޒަންކުރެވި، އެ މައުލޫމާތުގެ މައްޗަށް ސިއްހީ ކަންކަމާ ގުޅުންހުރި ސިޔާސަތުތައް އެކަށައެޅިގެންދާނެއެވެ. ޑޭޓާ ބޭސްޑް ނުވަތަ ސައްހަ މައުލޫމާތައް ބިނާވެފައިވާ ސިޔާސަތުތަކެއް އެކަށައެޅިގެންދާނެއެވެ.
ބަލިތަކުން ސަލާމަތްވުމުގައި އެންމެ މުހިއްމު އެއްކަމަކީ އަވަހަށް ބަލި ދެނެގަނެވުމެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ޑައިގްނޯސްޓިކް ހިދުމަތް ގާއިމުކުރެވިފައި ނެތުމަކީ ބަލިތައް އަވަހަށް ދެނެގަނެ ބަލީގެ ކުރީ މަރުހަލާތަކުގައި ފަރުވާ ފަށައިގަތުމަށް އޮތް ބޮޑު ހުރަހެކެވެ. ރައީސްގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބްރޯޓަރީތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. ހިނގަމުންދާ އަހަރު ނިމޭއިރު އެ ހިދުމަތް ހުރިހާ ރަށަކުން ލިބޭނެއެވެ.
އޭގެ އިތުރަށް ހާއްސަ ޑައިގްނޯސްޓިކް ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ހަލުއިކޮށް އަންނަނީ ކުރެވެމުންނެވެ. ތެލެސީމިއާ ބަލި ކުރިއާލައި ދެނަގަތުމަށް ޑީއެންއޭ ލެބޯޓަރީއެއްވަނީ ގާއިމުކުރެވިފައެވެ. މި އަހަރު މެދު ތެރޭގައި ކެންސަރު ބަލި އަވަހަށް ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދޭނެ ހާއްސަ ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ފެށޭނެއެވެ. ދަރިމައިވުމުގެ މައްސަލަތައް ދެނަގަތުމަށް ބޭނުންވާ ވަސީލަތްތައް ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައިވަނީ ގާއިމުކުރެވިފައެވެ.
އޭގެ އިތުރަށް ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިހެން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ. ދުންފަތުން ދުރުހެލިވުމަށް އެހީތެރިވުމަށް ސިސޭޝަން ކްލިނިކުތައް ހުރިހާ ރަށެއްގައި ގާއިމުކުރެވިއްޖެއެވެ. ސިއްހީ މަރުކަޒުތަކުގައި ޕްރިވެންޓޭޓިވް ކެއާއަށް ސަމާލުކަންދީގެން މަސައްކަތްކުރުމަށް ބޭނުންވާ ޖާގަ ފަހިކުރުމުގެ މަސައްކަތްދަނީ ބާރު ދުވެލީގައި ކުރިއަށެވެ.
މަތީގައި ނަންގަނެވުނު ހުރިހައި މަސައްކަތްތަކެއް ފެށި، ވަރަށް ގިނަ ކަންކަން ފުރިހަމަކުރެވިގެންދިޔައީ އެންމެ ދެ އަހަރުގެ ތެރޭގައެވެ. ސިއްހީ ހިދުމަތުގެ ދާއިރާ، ފަސް އަހަރު ކުރިއެރުމެއް ނައިސް އޮތުމަށްފަހު، ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭ އެ ދާއިރާއަށް ގެނެވުނު ކުރިއެރުންތަކާއި، ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އިސްކަންދީގެން ކުރެވެމުންދާ ވަށާޖެހޭ މަސައްކަތްތަކަކީ އިންސާފުގެ ނަޒަރުން ބަލައިފި ކޮންމެ މީހަކު ތާރީފުކުރާނެ ކަންކަމެވެ. ޓައިމް މެގެޒިންއިން އެކުލަވައިލި ސިއްހީ ދާއިރާގައި ދުނިޔެއިން އެންމެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް ޑރ.މުޢިއްޒު ހިމެނިވަޑައިގަތުމާއި، ޓައިމް މެގެޒިންގެ ނިންމުމާ ގުޅިގެން، އަދި އޭގެ ކުރިންވެސް ރައީސްގެ ސިޔާސަތުތަކަށް ޑަބްލިއުއެޗްއޯއިން ތާރީފުކުރުމަކީ ހުސްކަމެއްގެ ތެރެއިން އުފަންވި ކަންކަމެއް ނޫނެވެ. އެއީ އިސްވެ ބަޔާންކުރެވުނު ބޮޑެތި ހެޔޮ ބަދަލުތަކާއި، އެ ބަދަލުތަކުން ދުރު ރާސްތާގައި ނިކުންނާނޭ ހެވާއި ލާބަ ވަޒަންކުރުމަށްފަހު އެފަރާތްތަކުން ރައީސަށް ރައްދުކުރާ ހައްގު ތާރީފެވެ.