ENGLISH
14 ފެބްރުއަރީ 2026
މިނިސްޓަރު ޝިޔާމްގެ އެދިވަޑައިގަތުން: ރައީސްގެ ވައުދުފުޅުތައް ފުއްދެވުމަށް މި ކެންޑިޑޭޓުން ބޮޑު ތަފާތަކުން އިންތިޚާބު ކޮށްދެއްވާ
14 ފެބްރުއަރީ 2026
|
ނައިފަރުގެ ކޮންގްރެސްގެ ކެންޑިޑޭޓުން --
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ކެންޑީިޑޭޓުންނަށް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްދިނުމަކީ ނައިފަރުގެ ތަރައްޤީގެ މަޝްރޫއޫތައް ބާރަށް ގެންދިއުމަށް ކޮންމެހެންވެސް މުހިންމުކަމެއް ކަމުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކޮންގްރެސްގެ ކެންޑިޑޭޓުންގެ ފޮޓޯއަކާއެކު މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ޝިޔާމަކީ މި ފަހުން ނައިފަރުން އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ލީޑަރެވެ. ނައިފަރު ދާއިރާގެ މަޖިލީސް މެންބަރު ކަން ވެސް ދެ ދައުރު ކުރައްވާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ނައިފަރަކީ ރާއްޖޭގައި އާބާދީ އެންމެބޮޑު އެއް ރަށް ކަމުގައިވީނަމަވެސް، ޒަމާނުއްސުރެ ނައިފަރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތީ އަދިވެސް ރަނގަޅު ހައްލެއް އޮތީ ނުލިބި އެވެ. އަދި ތަރައްޤީގެ ޗާޓުން ނައިފަރުގެ ޙައްޤު މަޤާމް ނައިފަރުގެ ރައްޔިތުންނަށް ހޯއްދައިދިނުމުގެ ޙަޤީގީ މަސައްކަތް އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ކަމުގައި ވިދާޅުވި އެވެ.
"ރިޔާސީ އިންތިޚާބުގެ ކެންޕެއިނުގައި އެމަނިކުފާނު ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ވަައުދުވެ ވަޑައިގެންނެވި ގޮތަށް 'ރަނުން ރަނަށް' ތަރައްޤީގެ މަޝްރޫަޢުތައް ތަންފީޛުކޮށްދެއްވާކަން މިއަދު އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައިގަންނަން,"
މިނިސްޓަރު ވިދާޅުވި ގޮތުގައި ފިޔަވަހިތަކަށް ނުބައްސަވާ އެއް ފިޔަވަހިން ރަށުގެ ހުރިހާ މަގުތަކެއް ހެއްދެވުމުގެ މަޝްރޫއާ، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް ރަށުގެ މިހާރުގެ ބިން ދެގުނަ ކުރެއްވުމާ، ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް 800 ހައުސިން ޔުނިޓު ޤާއިމު ކޮށްދެއްވުމާ، ރަށުގައި މިހާރު އޮތް ބަނދަރުގެ ދަތި ހައްލުކުރެއްވުމަށް މިހާރުގެ ބަނދަރުބޮޑުކޮަށް އަޕްގްރޭޑްކޮށް އިތުރު ބަނދަރެއް ހެއްދެވުމާ، ހުރިހާ ވައްތަރެއްގެ ލެބާއި އިތުރު ކްލާސްރޫމްތަކާ ވަސީލަތް ހިމެނޭ ގޮތަށް ސްކޫލަށް އިމާރާތެއް އިތުރުކުރުމާ، ޒަމާނީ ވަސީލަތްތަކާއި އައު ޚިދުމަތްތަކާއެކު ޅ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމާ، ދެ ޔުނިވަރސިޓީއެއްގެ ކެމްޕަސް ނައިފަރުގައި ޤާއިމްކުރުމާ، އިސްލާމިކް ސެންޓަރެއް ބިނާކުރުމާ، ފީފާ ސްޓެންޑަޑްގެ ފުޓުބޯޅަ ސްޓޭޑިޔަމެއް ޤާއިމުކުރުމާ، ގިނަކުޅިވަރުތަކެއް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ އިތުރުން ތަރައްޤީގެ އެތައް މަޝްރޫއެއް ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުން ނައިފަރުގައި ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
މީގެ ތެރެއިން ގިނަ މަޝްރޫއުތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ވެސް ޙަވާލުކުރެވި އެކި މަރުޙަލާތަކުގައިކަން ފާހަގަ ކުރެއްވި އެވެ.
"ރައްޔިތުން އެދޭނީ މިއިން ކޮންމެ މަޝްރޫއެއްވެސް އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ އެތަންތަނުގެ ޚިދުމަތްލިބި ރަށް ބާރަށް ތަރައްޤީވުމަށް. ނައިފަރަކީ މެދު އުތުރުގެ ތަރައްޤީގެ މައި ތަނބެއްކަމުގައިވުމަށް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ހަލުވިމިނުގައި މިކަންކަން ކުރިއަށް ގެންގޮސް ނިންމުމުގައި ރަށު ކައުންސިލްގެ ދައުރު އިންތިހާއަށް ބޮޑު," މިނިސްޓަރު ވިދާޅުވި އެވެ.
ރަށު ކައުންސިލަކީ ރަށުގައި ތަރައްޤީގެ އެކި މަޝްރޫއުތައް ހިނގާނުހިނގާ ގޮތް ގާތުންބަލައި، އެ މަޝްރޫއުތައް ތަންފީޛުކުރުމުގައި ސަރުކާރަށް ހުރިހާގޮތަކުންވެސް އެހީތެރިވާންެޖެހޭ އިދާރާއެއް ކަމަށާ އެއްވެސް ޙާލަތެއްގައި ސަރުކާރާ އިދިކީލިވެ، ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ އިދާރާއެއް ނޫން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން، ރައީސް ޑރ. މުޢިއްޒު ނައިފަރަށް ކަނޑައަޅުއްވާފައިވާ ނައިފަރު ރައްޔިތުން އިންތިހާއަށް އެދޭ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނުގެ ސަރުކާރަށް ތާއީދުކުރައްވާ ޕީ.އެން.ސީގެ ކެންޑިޑޭޓުން އިންތިޚާބުކުރުން އިންތިހާއަށް މުހިއްމު ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އަދި ހަމަމިއާއެކު ލާމަރުކަޒީ ނިޒާމު ތަޞައްވަރު ކުރާގޮތަށް ރަށުގެ ތަރައްޤީއާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި، އެ ނިޒާމަށް ފަރިތަ، އަހުލުވެރި ބަޔަކު ކައުންސިލްގައި ތިބުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ފާހަގަ ކުރެއްވި އެވެ.
"ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއެކު މިހާރުވެސް ކައުންސިލްގައި ތިއްބެވި ދެ މެންބަރުން ހިމެނޭހެން އިންތިޚާބުގައި ކައުންސިލްގެ މެންބަރުކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓުންނަކީ ތަޖުރިބާކާރު، ޤާބިލް، އެންމެނާގުޅޭ ރަށުގެ ކުރިއެރުމާއި ތަރައްޤީގެ ރޭހުގައި ނަތީޖާ ނެރެދޭނެ ކެންޑިޑޭޓުން ކަމާމެދަކު އެއްވެސް ޝައްކެއް ނެތް," މިނިސްޓަރުގެ ޕޯސްޓްގައި ވިދާޅުވި އެވެ.
އަދިވެސް ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން، ނައިފަރުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދޭ އިޚްލާސްތެރި އެދުމަކީ، ރައީސް ޑރ. މުޢިއްޒު ނައިފަރުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދެވުމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާލުން ދެއްވައި، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދެއްވައި، ބޮޑު ތަފާތަކުން އެބޭފުޅުން އިންތިޚާބުކޮށްދެއްވުމަށް," ޕީއެންސީގެ ކެންޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން މިނިސްޓަރު ޝިޔާމްގެ ސްޓޭޓަސް ނިންމަވާލައްވަމުން އެދިވަޑައިގެންފައިވެ އެވެ.