ENGLISH
14 ފެބްރުއަރީ 2026
ރައީސްގެ ޤާބިލްކަން ފެނިއްޖެ، ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭ: ޤާސިމް
14 ފެބްރުއަރީ 2026
|
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް --
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފުރިހަމަ އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އޮތުން މުހިންމު ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނޭ އަދި އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޤާސިމް އިބްރާހިމް އިބްރާހިމް މިހެން ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓުން ތައާރަފުކޮށް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ޖުމްހޫރީ ޕާޓީގެ މައި މާލަން, މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ޤާސިމް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ނިންމުމަކީ ސަރުކާރަށް ތާއީދު ދިނުމުގައި ދެމި އޮތުމެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި މާމިގިލީ ދާއިރާއަށް ނޫނީ ޖޭޕީގެ އެއްވެސް ކެންޑިޑޭޓަކު ނެނެރޭކަން ފާހަގަ ކުރައްވާ ޤާސިމް ވިދާޅުވީ އެމަނިކުފާނާއި ޖޭޕީގެ މެންބަރުންގެ ތާޢީދު އެހެން ދާއިރާތަކުން ދޭނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ކަމަށެވެ.
އެކަމުގެ ސަބަބުތައް ވެސް ވިދާޅުވެ ދެއްވި އެވެ. ޤާސިމް ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް ބޭނުންވަނީ ޤައުމާއި ރަށަށް ތަރައްޤީ ގެނައުމެވެ. އެކަން ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދީގެން ކަމުގައި ވިދާޅުވި އެވެ. ރާއްޖެ ވަރަށް ދަތި ޙާލަތެއްގައި ވަނިކޮށް ހަމަމަގަށް ގެންނަވާ ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ލީޑާޝިޕާއި ޤާބިލްކަން ދައްކަވާފައި ކަމަށާ އެފަދަ ލީޑަރަކަށް ފުރުސަތު ނުދޭންވީ ސަބަބެއް ނެތް ކަމުގައި ވިދާޅުވި އެވެ.
މި ޖަލްސާގައި ޤާސިމް ވަނީ އިދިކޮޅު އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފަ އެވެ. ވިދާޅުވީ ޑިމޮކްރެސީގެ ވާހަކަ އެ ޕާޓީން ދައްކާއިރު ޑިމޮކްރެސީ ފުޑާލީ އެމްޑީޕީން ކަމަށެވެ. އަދި ރާއްޖޭހައި ޤާނޫނާއި ޚިލާފު އަދި ދީނާ ދުރު އެތައް ކަމަކަށް އެމްޑީޕީއަށް ބާރު ލިބުމުން ފުރުސަތު ފަހިކުރިކަމަށް ވިދާޅުވި އެވެ.
ނިމިިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެކަނިވެސް ޚިޔާނާތާއި ފަސާދަ އާންމުކޮށް މުޅި ޤައުމު ދަރަނީގެ އެންމެ ނުބައި އަނދަވަޅަށް ވައްޓާލި ކަމުގައި ވިދާޅުވި އެވެ. އެ ޙާލަތު މިއަދު ބަދަލުވީ ރައީސްގެ ކުޅަނާދަނަ ކަމާއި ޙިކުމަތުން ކަމުގައި ވިދާޅުވެ ޤާސިމް ވަނީ ތަޢުރީފު ކުރައްވާފަ އެވެ.