ENGLISH

14 ފެބްރުއަރީ 2026

Advertisement

ޕްރެޒިޑެންޓްސް ކަޕް: އީގަލްސް ބަލިކޮށް، ސެމީގެ ފުރަތަމަ ޖާގަ ނިއު އަށް

13 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

އީގަލްސް ކޮޅަށް ލަނޑުޖެހުމަށްފަހު ނިއުގެ ގޯމޭޒް ޑަ ސިލްވާ އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ދޭއްގައި ކްލަބް އީގަލްސް 2-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު ނިއު އިން ވަނީ ގްރޫޕް ދޭއްގައި ކުޅުނު ދެ މެޗުން ހޯދީ ހަތަރު ޕޮއިންޓާއެކު ސެމީ އަށް ދަތުރުކޮށްފައެވެ. މި ގްރޫޕުގައި ދެން ހިމެނޭ، އޮޑި ސްޕޯޓްސް ކްލަބަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އުޅޭ އީގަލްސް އަށް ޕޮއިންޓެއްނުލިބެއެވެ. 

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ނިއު އިން ލީޑުނެގީ އީގަލްސްގެ މާވިން ލެބީ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ ނިއުގެ ގޯމޭޒް ޑަ ސިލްވާ ފޮނުވާލި ބޯޅައެއް ދިފާއުކުރުން އުޅުމުގެ ތެރޭގައި ލެބީ އަތުން ވަތް ލަނޑެކެވެ.

ނިއުގެ ގޯލަށް ފަހު އީގަލްސް އިން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެ ޓީމުގެ ހިސާމް ސަލީމް (ކޮކީ) ކާމިޔާބުކުރި ގޯލުންނެވެ. މި ގޯލާއެކު ދެ ޓީމުން މި ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް މިނެޓުގެ ތެރޭގައި ނިއު އިން އަލުން ލީޑުނެގީ އަލީ އަޝްފާޤު ދިން ބޯޅައެއްގެ އެހީގައި ގޯމޭޒް ޑަ ސިލްވާ އެވެ.

ގްރޫޕް ދޭއްގެ ފަހު މެޗުގައި މި މަހުގެ 16 ވާ ހޯމަ ދުވަހު އޮޑިއާ އީގަލްސް ބައްދަލުކުރާނެ އެވެ.

މުބާރާތް ރޭވިފައިވާގޮތުން، ދެ ގްރޫޕުން ވެސް އެންމެ ކުރިހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރުމަށްފަހު، ކޮންމެ ގްރޫޕެއްގެ އެއްވަނައާ ދެވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީގެ މި މެޗުތަކުން މޮޅުވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު