ENGLISH

13 ފެބްރުއަރީ 2026

Advertisement

ގިރާފަޅު ހިއްކުން ހަލުވިކޮށްލައިފި, ދެން ލަހެއް ނުވާނެ

13 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައިި ކުރިއަށް ދާ ކަމަށް ވިދާޅުވެ ރައީސް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ފޮޓޯ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު ބިން ހިއްކުމުގެ މަސައްކަތް ހަލުއި ސްޕީޑުގައި ދަނީ ކުރިއަށެވެ. ދެން އޮތީ އެ ދުވެލި އިތުރަށް ހަަލުވި ވުމެވެ.

އެއީ ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އެކަން ހާމަކުރައްވާފަ އެވެ. "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި ގޮތުގައި ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށް އެބަ ދެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ހުސްވި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ގިރާވަރުފަޅު ހިއްކުމަށް ބޭނުންކުރާ އެއް ޑްރެޖަރަކީ 22،000 ކިއުބިކް މީޓަރުގެ ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެއްކަން ރައީސް މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

ރައީސް ކުރިން ވިދާޅުވެފައިވަނީ ޖަނަވަރީ މަސް ނިމުމުގެ ކުރިން ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިންމައި، އެ މަސައްކަތުގައި ބޭނުންކުރި ޑްރެޖަރުތައް ގިރާވަރުފަޅަށް ގެންގޮސް އެތަން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. 

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިމުމާއެކު އެކަމަށް ބޭނުންކުރި ޑްރެޖަރުތައް ގިރާވަރުފަޅަށް ގެންގޮސްފައިވެއެވެ.

މި ސަރަހައްދުގައި 169 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އަދި މިހާތަނަށް އެތަނުން ހިއްކިފައި އޮތީ 56 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އިތުރު 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަންޖެހޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިއްކަންޖެހެނީ ފުން ސަރަހައްދުތަކެކެވެ. 

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ލިބުނު ގޯތި ކަނޑައެޅުމަށް އަލުން ވަނީ ގުރު ނަގާފައެވެ. އެ ސަރަހައްދުން 1،250 އަކަފޫޓުގެ 2603 ގޯއްޗާއި، 1650 އަކަފޫޓުގެ 1214 ގޯއްޗާއި، 2050 އަކަފޫޓުގެ 254 ގޯތީގެ އިތުރަށް 2450 އަކަފޫޓުގެ އެއް ގޯތި ދޫކޮށްފައިވެއެވެ. 

މާލޭ ސަރަހައްދުން ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ގޯތި ދޫކުރި ނަމަވެސް އެ ގޯތި ދޫކުރި ފަޅުތައް ހިއްކުމުގެ މަސައްކަަތް އޮތީ ނުކުރެވިއެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްގެންދަވަންވަނީ ފައްޓަވާފައެވެ. 

އެގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުގެ ބިން ހިއްކަވައި ނިންމެވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ފުށިދިއްގަރުފަަޅު ހިއްކައި، ރަސްމާލޭގެ ނަމުގައި ޒަމާނީ ސިޓީއެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު