ENGLISH

13 ފެބްރުއަރީ 2026

Advertisement

ބަންގްލަދޭޝްގެ އިންތިހާބުގައި ބީ.އެން.ޕީން ހޯދި ކާމީޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

13 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސް އަދި ބީ.އެން.ޕީގެ ލީޑަރު ތާރިޤް ރަޙްމާން. ފޮޓޯ؛އެމްއެމްޓީވީ

ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ބީ.އެން.ޕީއިން އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި، އެ ޕާޓީގެ ލީޑަރ ތާރިޤް ރަޙްމާނަށް، މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށްޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި، ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގައި ބޭއްވުނު ތާރީޚީ އާންމު އިންތިޚާބުގެ ބޮޑުބައި ކާމިޔާބުކޮށް، ތާރިޤް ރަޙްމާން އިސްވެ ހުންނަވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދައިފައެވެ. 

ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ 212 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، އިދިކޮޅު ޖަމާޢަތު-އިސްލާމީން ވަނީ އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ 70 ގޮނޑި ހޯދާފައެވެ.

މިއީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ހިންގި ވަރުގަދަ އިހުތިޖާޖުތަކާއެކު ބޮޑުވަޒީރު ކަމުން ޝެއިޚް ހަސީނާ ދުރުކުރި ފަހުން އެގައުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ.

ކިޔުންތެރިންގެ ހިޔާލު