ENGLISH
13 ފެބްރުއަރީ 2026
ޖަޕާނުގެ ހިލޭ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
13 ފެބްރުއަރީ 2026
|
މާލޭގެ ތޮށިގަނޑު އަލުން މަރާމާތުކޮށް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ؛ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ.
އެންމެ މަޤްބޫލު
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ ގައުމުގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ ޕެކޭޖް އެކެއްގެ އެއްބަސްވުމުގައި ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް އާއެކު ސޮއިކޮށްފައި ވާކަމަށެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދެވެ. ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ މިސްޓަރ އިޒާވާ ކަން އެވެ.
މި އެއްބަސްވުމުގެ ދަށުން، މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ 700,000,000 (ހަތްސަތޭކަ މިލިޔަން) ޖަޕަނީޒް ޔެންގެ މަޝްރޫޢެކެވެ.
487 ދުވަހުގެ ތެރޭގައި ނިންމުމަށް ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް މި މަޝްރޫޢު ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑު ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ހިންގާ މަޝްރޫއަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އިން ވަނީ 10.5 މިލިއަން ޑޮލަރުގެ އެހީ ދިވެހި ސަރުކާރަށް ދީފަ އެވެ.
މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރޭން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.