ENGLISH

13 ފެބްރުއަރީ 2026

Advertisement

އައިޔޫއެމްގެ ކެމްޕަހެއް، އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުޅުވައިފި

13 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

އައިޔޫއެމްގެ ކެމްޕަސް، މަރަދޫފޭދޫގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އައިޔޫއެމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަހެއް އައްޑޫ ސިޓީ މަރަދޫފޭދޫގައި ރަސްމީކޮށް ހުޅުވައިފި އެވެ.

މި ކެމްޕަސް ހުޅުއްވައިދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، މަރަދޫފޭދޫ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވުމަކީ އައްޑޫސިޓީގެ ރައްޔިތުންނަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޔުނިވަރސިޓީން ހޯދާފައިވާ ކުރިއެރުންތަކަކީ، ސަރުކާރުން އެ މުއައްސަސާއަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމުގެ ނަތީޖާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވީ، ގިނަ އަހަރުތަކެއް ވަންދެން ބޭނުންނުކޮށް ހުރި މަރަދޫފޭދޫ ސްކޫލަކީ އެރަށުގެ ތަޢުލީމީ ތާރީޚާއި ގުޅިފައިވާ މުހިއްމު ބިނާއެއް ކަމަށެވެ. އެ އިމާރާތުގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް އައިޔޫއެމްގެ ކެމްޕަހެއް ހުޅުވިގެން ދިއުމަކީ އެރަށު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެކަމުން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުލީމީ ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަން ކަމަށް މެމްބަރު ވިދާޅުވި އެވެ. މީގެ އިތުރުން މި ކެމްޕަސް ހުޅުވިގެން ދިއުމަކީ އެރަށު ރައްޔިތުންނަށް މަތީ ތައުލީމު އުގެނުމަށް ލިބިގެން ދިޔަ ފަހި ފުރުސަތެއް ކަމަށާއި، އަދި އެރަށު ރައްޔިތުން އެދިއެދި ތިބި އުއްމީދެއް ހާސިލްވުންކަމަށްވެސް ވިދާޅުވިއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޒަމާނީ ވަޞީލަތްތަކާއެކު ކްލާސްރޫމްތަކާއި، ލައިބްރަރީ، ސެމިނަރ ހޯލް، އަދި ދަރިވަރުންގެ ދަނާލެއްގެ އިތުރުން ސްޓާފް އެކޮމޮޑޭޝަންވެސް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން މަރަދޫފޭދޫ ސްކޫލްގެ ހޯލް މަރާމާތުކޮށް ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މަރަދޫފޭދޫ ކެމްޕަހުގައި ކިޔެވުނަ ފަށާފައި މިވަނީ މާސްޓަރސް ޑިގްރީގެ ކޯހަކާއެކު ޖުމްލަ ހަރަތު ކޯސް ހިމެނޭ ގޮތަށެވެ. މި ކެމްޕަހުން މިހާރުވަނީ ލޭޓް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެހެންކަމުން ކޯސްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އަދަދަށް ދަރިވަރުން ހަމަވާނަމަ، އިތުރު ކޯސްތައްވެސް ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު