ENGLISH

13 ފެބްރުއަރީ 2026

Advertisement

ވޯލްޑް ކޭކް އާޓިސްޓްރީ އެވޯޑްސް ކުރުނބާ މޯލްޑިވްސްގައި ބާއްވައިފި

13 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ޕޭސްޓްރީ އަދި ކޭކް-- ފޮޓޯ: ސްވީ ހެންގ ބޭކަރީ

ދުނިޔޭގެ 38 އަށްވުރެ ގިނަ ގައުމުން ހުނަރުވެރި ކޭކް އާޓިސްޓުންނާއި ޕޭސްޓްރީ ދާއިރާގެ ފަންނުވެރިން ބައިވެރިވި "ވޯލްޑް ކޭކް އާޓިސްޓްރީ އެވޯޑްސް 2026" ބާއްވައިފި އެވެ.

މި އެވޯޑް ދިނުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ހާރިސް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ހާރިސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އުފެއްދުންތެރިކަމަކީ ހަމައެކަނި ކުރާ ހޮބީއެއް ނޫންކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ކޭކް އާޓިސްޓްރީ އާއި ޕޭސްޓްރީ ދާއިރާއަކީ ދުނިޔޭގެ އުފެއްދުންތެރި އިޤްތިޞާދުގެ މުހިންމު ބައެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ، ކަލިނަރީ އާޓްސް ނުވަތަ ކާބޯތަކެތި ތައްޔާރުކުރުމުގެ ފަންނަކީ އިގްތިސާދީ ކުރިއެރުމާއި، ސަގާފީ އައިޑެންޓިޓީ އަދި އަމިއްލަ މަސައްކަތްތެރިކަން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް މިހާރު ބަލައިގަންނަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގައި މި ދާއިރާއަކީ އަންހެނުންނާއި ޒުވާން ވިޔަފާރިވެރިން އިސްކޮށް ތިބެ ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ފުރުސަތުތަކެއް އޮތް ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ވޯލްޑް ކޭކް އާޓިސްޓްރީ އެވޯޑްސް ފަދަ ބައިނަލްއަގުވާމީ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަކީ ފަތުރުވެރިކަން ސިންދަފާތުކުރުމަށާއި، ދިވެހި ފަންނުވެރިންގެ ފެންވަރު މަތިކުރުމަށް ލިބޭ ބޮޑު ބާރެއްކަމަށް ސްޓޭޓް މިނިސްޓަރ ހާރިސް ވިދާޅުވިއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި ކުދި ވިޔަފާރިތައް ބައިނަލްއަގުވާމީ ވިއުގަތަކާ ގުޅުވައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މައި ކޭކްސް އެންޑް ސްވީޓްސް" އިން އިންތިޒާމުކުރި މި އެވޯޑް ހަފްލާއަކީ ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ އުފެއްދުންތެރި ހަރަކާތްތަކާއި ވިޔަފާރިވެރިކަމުގެ މަރުކަޒަކަށް ހެދުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަން ވެސް ސްޓޭޓް މިނިސްޓަރ ހާރިސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ވޯލްޑް ކޭކް އާޓިސްޓްރީ އެވޯޑްސް 2026" އެވޯޑަކީ އެމްއެމްޕީއާރުސީއިން އެންޑޯޒް ކޮށްފައިވާ އެވޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު