ENGLISH
13 ފެބްރުއަރީ 2026
ގަސްތުގައި ރޯދައެއް ދޫކުރުމަކީ ބޮޑު ފާފައެއް، އޮތީ ތައުބާވުމާއެކު ރޯދަ ޤަޟާކުރުން: ހުކުރު ޚުޠުބާ
13 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ރޯދަމަހު ގަސްތުގައި ރޯދައެއް ދޫކޮށްފި މީހާ އެކުރީ ބޮޑު ފާފައެއް ކަމަށާއި، އެ މީހަކަށް އޮތީ އެ ކަމުން ތައުބާވުމާ އެކު އެ ރޯދަ ޤަޟާކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުޙަބާ!" މި މައުޟޫ އަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، ރޯދައަށް ފުރިހަމައަށް އިސްތިޤުބާލުކުރެވޭނީ، ރޯދައަކީ ކޮބައިކަމާއި، ރޯދައާ ބެހޭ ޢާންމު ޙުކުމްތައް އެނގިގެން ކަމަށާއި، އެއީ މުސްލިމުންނަށް އެނގުން ލާޒިމު ކަންކަން ކަމަށެވެ.
ޝަރުޢީ ގޮތުން ރޯދައަކީ، އެ ކަމަށް ނިޔަތްގަނެ، ފަޖުރުލީއްސުރެ، އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެން ހުރުން ކަމަށާއި، މީގެ އިތުރަށް ރޯދަވެރިޔާ އޭނާގެ ދުލާއި، އެހެނިހެން ގުނަވަންތައް މުންކަރާތްތަކުން އެއްކިބާކުރާންޖެހޭނެ ކަމަަށް ވެސް ޚުޠުބާގައި ބުންޏެވެ.
އެއީ ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކަށް އަރައިގަންނަ މީހާ، ނުކައި ނުބޮއި ހުރިކަމުގައި ވިޔަސް، އެތައްއެތައް ސަވާބަކުން އޭނާ މަޙުރޫމުވާތީ ކަމަށާއި، އޭގެތެރޭގައި އޭނާ ކުރާ ރޭ އަޅުކަން ވެސް ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ.
"ރަމަޟާންމަހަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ މަހެވެ. މަތިވެރި އަޚުލާޤާއި ތަރުބިޔަތުގެ މަހެވެ. ކެތްތެރިކަމާއި، އޯގާވެރިކަމުގެ މަހެވެ. ރޯދައަކީ، އިޚުލާޞްތެރިކަމާއި، އަމާނާތްތެރިކަން ދަސްކޮށްދޭ އަޅުކަމެކެވެ. ރޯދަވެރިޔާގެ ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެކެވެ. ދެއްކުންތެރިކަމެއްނެތި، އިޚުލާޞްތެރިވެ ހުރެ، ހިފާ ރޯދައަކީ، ހުރިހައި މާނައެއްގައި ތަޤުވާވެރިކަމާއި އިޙުސާންތެރިކަން އެކުލެވިގެންވާ އަޅުކަމެކެވެ. އެހެނިހެން އަޅުކަންތަކާ އަޅައި ބަލާ އިރު، ރޯދައިގެ ސަވާބު އެހައި ބޮޑީ އެހެންވެގެންނެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވުމުން ފަރުޟު ރޯދަޔާ ބެހޭ މުހިންމު ބައެއް ޙުކުމްތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި، ރަމަޟާންމަސް ވަންނަ ހިނދު ހެޔޮ ޞިއްޙަތުގައި ރަށުގައި ޤާއިމުވެހުރެއްޖެ މީހާ ރޯދަހިފުން ވާޖިބުވެގެންވާ ކަމަށެވެ.
ދަތުރެއްގެ މަތީގައިވާ މީހާ ފަހުން ޤަޟާކުރުމަށް، ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ލިބިގެންވާއިރު ބަލިމީހާ ބަލީން ރަނގަޅުވެއްޖައުމަށްދާންދެން ރޯދަ ދޫކޮށްލުން ހުއްދަވެގެންވާ ކަމަށާއި، ދާއިމީ ބަލިކަމެއް ތަޙައްމަލުކުރަމުންދާ މީހާ ނުވަތަ ބަލި ފަސޭހަވާނޭކަމުގެ އުއްމީދެއްނެތް މީހާ އަށް އޮތީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން ކަމަށް ޚުޠުބާގައި ބުންޏެވެ. މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހާ އަށް އޮތް ގޮތަކީ ވެސް ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން ކަމަށާއި، މުސްކުޅިޔަކު ކަމުގައި ވިޔަސް ޒުވާނަކު ކަމުގައި ވިޔަސް ހަމަ ބުއްދި ނުވާ މީހުންގެ މައްޗަށް ރޯދަހިފުން ވާޖިބުވެގެންނެއްނުވާ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ރޯދަވެރިޔާ ކެއިންބުއިމުން ރޯދަގެއްލޭ ފަދައިން، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި، ޑަޔަލިސިސް ހެދުމުން ވެސް ރޯދަ ގެއްލޭނެ ކަމަށާއި، ޙައިޟުވެރީންނާއި ނިފާސްވެރީން ފަދައިން، އެ ފަދަ ބަލިމީހުންގެ ރޯދަތައް ފަހުން ޤަޟާކުރާނީ ކަމަށެވެ.
ރޯދަ ހިފުމުގެ ސަބަބުން ވަރުދެރަވެ އޭނާއާއި ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ޙާލަތްތަކުގައި މާބަނޑުމީހުންނާއި ކިރުމައިންނަށް ރޯދަ ދޫކޮށްލުން ހުއްދަވެގެންވާއިރު މިފަދަ މީހުން ވެސް ދޫކޮށްލި ރޯދަ ފަހުން ޤަޟާކުރާނީ ކަމަށް ޚުޠުބާގައި ބުންޏެވެ. ބަލިމީހުންނަށް އެ މީހުންގެ ޝަރުޢީ ޢުޒުރު ދެމިއޮތްހައި ހިނދަކު، ފާއިތުވީ ރޯދަ ފަސްކުރެވޭނެ ކަމަށާއި، އެ ފަދަ މީހުން އެ މީހުންގެ ކިބައިން ޢުޒުރު ނެތިދިއުމުން އެ ރޯދަތައް އަވަހަށް ޤަޟާކުރާންވާނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
"ޝަރުޢީ ޢުޒުރެއްނެތި ރޯދަމަހު ގަސްތުގައި ރޯދައެއް ދޫކޮށްފި މީހާ ދަންނާށެވެ! އެ މީހާ އެ ކުރީ ބޮޑުވެގެންވާ ފާފައެކެވެ. އެ މީހަކަށް އޮތީ އެ ކަމުން ތައުބާވުމާ އެކު އެ ރޯދަ ޤަޟާކުރުމެވެ. އަދި ތިމާގެ އަނބިމީހާޔާ ރޯދަމަހު ދުވާލު އެއްދާންކޮށްފި މީހާގެ މައްޗަށް އޮތީ އެ ކަމުގެ ކައްފާރާ ދިނުމެވެ. އެއީ އެ ގޮތަށް ދޫކޮށްލި ކޮންމެ ރޯދަޔަކަށް އަޅަކު މިނިވަންކުރުމެވެ. އެ ކަމުގެ ކުޅަދާނަކަން އޭނާއަށް ލިބިގެންނުވާ ނަމަ އެ މީހަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމެވެ. އެ ކަމުގެ ކުޅަދާނަކަން ވެސް އޭނާއަށް ލިބިގެންނުވާ ނަމަ އެ މީހަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ." ޚުޠުބާގައި ބުންޏެވެ.
ފަރުޟުތައް އަދާކުރުމަށް ފަހު، ގޭތެރޭގައި ކުރާން ހުންނަ މަސައްކަތުގައި އެހީތެރިވުމަށާއި، ވަކީން ޚާއްޞަކޮށް ރޯދަމަހު ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށްލައި، ތިމާ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ދީނުގައި އޮތް ގޮތެއްނޫން ކަމަށް ވީހިނދު ގިނަގުނަ ދަރުމަހުރީ އެކަކު އަނެކަކަށް އެހީވުމުގައި ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއްކަން ހަނދާންކޮށްދެމުން މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން ގޮވާލާފައެވެ.
ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހޭއިރު، މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއް ނޫން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަމަށާއި، ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެ ކަމަށް ޙުޠުބާގައި ބުންޏެވެ.