ENGLISH

13 ފެބްރުއަރީ 2026

Advertisement

ސްކޫލުތަކުގައި ރިސްކް އެސެސްމަންޓް ނިޒާމެއް ޤާއިމުކުރަނީ

13 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ސުކޫލު ދަރިވަރުންތަކެއް. ފޮޓޯ؛ ތައުލީމީ ވުޒާރާ

ސްކޫލުތަކުގައި ރިސްކް އެސެސްމަންޓް ނިޒާމް ޤާއިމްކުރުމަށް ކޮންސަލްޓަންޓެއް ހޯދަން ތައުލީމީ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، ވުޒާރާގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރައްކާތެރި، ޝާމިލުވާ އަދި ސަޕޯޓިވް ލާރނިން މާޙައުލެއް ޤާއިމުކުރުމެވެ. ދަރިވަރުންނަށް ކުރިމަތިވާ ތަފާތު ރިސްކުތައް ކަމަށްވާ ތައުލީމީ، އިޖްތިމާއީ، އިމޯޝަނަލް އަދި ތިމާވެށީގެ ސަބަބުތަކަށް ބަލާއިރު، ސްކޫލުގެ ނިޒާމުގެ ތެރޭގައި ސްޓްރަކްޗާޑް ރިސްކް އެސެސްމަންޓް ޕްރެކްޓިސްތައް އިންޓެގްރޭޓް ކުރަން ޖެހޭކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

ވުޒާރާއިން ބުނީ ވަލްނަރަބިލިޓީ އެސެސްމަންޓަށް ބޭނުންވާ ޓޫލްސް އަދި މެނުއަލްތަކުގެ އެހީގައި ސްކޫލްގެ ހުރިހާ ލެވެލްއެއްގައި ވެސް ވަލްނަރަބިލިޓީ އެސެސްމަންޓް ތަންފީޒު ކުރުމުގެ ސަބަބުން ޓީޗަރުންނަށް އެޓް ރިސްކް އެސެސްމަންޓް ދެނެގަނެ، ވަގުތުން ވަގުތަށް އަދި ޓާގެޓެޑް އިންޓަވެންޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ލޯކަލް ކޮންސަލްޓަންޓެއް ހޯދަނީ މިކަން ތަންފީޒު ކުރުމަށްޓަކައި، ޓީޗަރުންނާއި ސްކޫލުގެ އިސްވެރިން ތަމްރީނު ކުރުމަށް ކޮމްޕްރިހެންސިވް ޓްރެއިނިންގ ވީޑިއޯ ޕެކޭޖެއް ތައްޔާރު ކުރުމަށް ކަމަށް ވުޒާރާއިން ބުނެއެވެ. 

މި ޕެކޭޖަކީ ހުރިހާ ސްކޫލުތަކެއްގައިވެސް ވަލްނަރަބިލިޓީ އެސެސްމަންޓް ހެދުމަށް މަގު ފަހިކޮށްދޭނެ ޕެކޭޖެކެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ 20 ސްކޫލެއްގައި ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިންނަށް ތަމްރީނު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަކީ ވެސް ކޮންސަލްޓަންޓުގެ ޒިންމާއެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގުރޭޑު ދެ އަލުން 12 އަށް ރިސްކް އެސެސްމަންޓްތައް އިންސްޓިޓިއުޝަނަލައިޒް ކޮށް، އޮންލައިން ޓްރެއިނިންގ ވަސީލަތްތައް ޤާއިމުކޮށް، ސްކޫލު ފެންވަރުގެ ކެޕޭސިޓީ ހަރުދަނާކުރުމެވެ. އަދި ސްކޫލް ބޭސްޑް ވަލްނަރަބިލިޓީ އެސެސްމަންޓްތައް ހެދުމުގައި މިހާރު ހުރި މެނުއަލްތަކާއި ޓޫލްސްތައް ފުރިހަމަވާ ފުރިހަމަ ޓްރެއިނިންގ ވީޑިއޯ ޕެކޭޖެއް އެކުލަވާލުމުގެ އިތުރުން ވަލްނަރަބިލިޓީ އެސެސްމަންޓްތައް ހަރުދަނާ ގޮތެއްގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަށްޓަކައި ހޮވާލެވޭ ސްކޫލްތަކުގެ ހުރިހާ ޓީޗަރުންނާއި ޕްރިންސިޕަލުންނާއި، ސްކޫލްތަކުގެ އިސްވެރިން ތަމްރީނު ކުރުމަކީ ވެސް އޭނާގެ މަސްއޫލިއްޔަތެއް ކަމަށް ވަނީ ބަޔާންކޮށްފަައެވެ.

ސްކޫލުތަކުގައި ރިސްކް އެސެސްމަންޓް ނިޒާމެއް ޤާއިމް ކުރަން ބޭނުންވާ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައަޅަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު