ENGLISH
01 ޖޫން 2026
ސަރުކާރުން ހަވާލުވީއިރު ފެނާއި ނަރުދަމާގެ މަސައްކަތްތައް ހުރީ ހުއްޓިފައި: ޑެޕިއުޓީ މިނިސްޓަރ އަޝްރަފް
13 ފެބްރުއަރީ 2026
|
ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުންސިން އެންޑް އިންފްރާސްޓްރަކްޗަރ
އެންމެ މަޤްބޫލު
މި ސަރުކާރު ހަވާލުވީއިރު، ފެނާއި ނަރުދަމާގެ ހުރިހާ ޕްރޮޖެކްޓެއް ހުރީ ހުއްޓިފައިކަމަށާއި އަދި މި މަސައްކަތްތައް ހުރީ ކުރިއަށްގެންދަން ވަރަށް އުނދަގޫ ހާލަތެއްގައިކަމަށް ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޝްރަފް ނުއުމާން ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ރިޔާސީ ބަޔާން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ނުއުމާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާގޮތަށް ރާއްޖޭގެ ހުރިހާ ރަށަކަށް ކުރިއަށްއޮތް 18 މަސްތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތްތައް ހިއްސާ ކުރައްވާފަ އެވެ.
މިގޮތުން މިއަހަރަށް ފެނާއި ނަރުދަމާގެ ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށާއި، މީގެ ތެރޭގައި ހއ. އުލިގަމު، މޮޅަދޫ އަދި ހދ. ނޮޅިވަރަމްފަރުގެ ޓުއަރިޒަމް ޒޯނަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތާއި، ލ. ދަނބިދޫ އަދި ށ. ފީވަކު ނަރުދަމާގެ މަސައްކަތް ފުޅާކުރުމާއި، ހދ. ހަނިމާދޫގެ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ފުވައްމުލަކު ސިޓީގެ ފެނުގެ ޚިދުމަތް އަޕްގްރޭޑުކޮށް މަރާމާތުކުރުމާއި، ލ. އިސްދޫ އަދި ކަލައިދޫގެ ނަރުދަމާގެ ނިޒާމު މަރާމާތުކުރުން ހިމެނޭކަމަށް އަޝްރަފް ވިދާޅުވި އެވެ.
މިވަގުތު ފެނާއި ނަރުދަމާ ފުޅާކުރުމުގެ ދެ މަސައްކަތެއް ކުރިއަށްދާކަމަށާއި، މީގެ ތެރޭގައި ތ. ވިލުފުށި 100 ހައުސިން ޔުނިޓާއި، މ. ކޮޅުފުށި 100 ހައުސިން ޔުނިޓުގައި މި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ނުއުމާން އިތުރަށް ވިދާޅުވީ މީގެ ތެރެއިން ބައެއް މަސައްކަތްތަކަކީ ސަރުކާރުން ހަވާލުވީއިރު ވަރަށް އުނދަގޫ ހާލަތުގައި ހުރި މަސައްކަތްތަކެއް ކަމަށެވެ. މިގޮތުން ށ. ފީވަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފާހަގަކުރައްވައި ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ޑިޒައިން ކުރެވިފައިވާގޮތާ ހިލާފަށް ކަމަށެވެ. މީގެ ސަބަބުން މި ސަރުކާރުން ހަވާލުވެ، އިތުރު މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ބައެއް ރަށްރަށުގައި ޕްރޮޖެކްޓުތައް ކުރިއަށްގެންދިއުމުގައި ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ. މިގޮތުން ބައެއް ކައުންސިލްތަކުން މަސައްކަތްތަކަށް ބޭނުންވާ ބިން ފޯރުކޮށްނުދޭކަން ފާހަގަކުރައްވައި ވިދާޅުވީ ދަތިތަކާއި އެކުވެސް ރޭވިފައިހުރި ޕްރޮޖެކްޓުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދަވާ ކަމަށެވެ.
މި ސަރުކާރު ހަވާލުވީއިރު ރާއްޖޭގައި ފެނުގެ ޚިދުމަތް ރަނގަޅަށް ދެވެނީ 66 ރަށުގައެވެ. އަދި ނަރުދަމާގެ ޚިދުމަތް ރަނގަޅަށް ގާއިމުކުރެވިފައި އޮތީ 101 ރަށުގައެވެ. މި ސަރުކާރުން ހަވާލުވިފަހުން 42 ރަށުގައި ވަނީ ފެނުގެ ޚިދުމަތް ގާއިމުކޮށްފައެވެ. އަދި 39 ރަށުގައި ނަރުދަމާގެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ކުރިއަށްއޮތް 18 މަސް ދުވަހުގެ ތެރޭގައި ބާކީހުރި ރަށްތަކުގައި މި ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރައްވާނެކަމަށް ވިދާޅުވެފައެވެ.