ENGLISH

11 ފެބްރުއަރީ 2026

Advertisement

ޕްރެޒިޑެންޓްސް ކަޕް: މާޒިޔާ އަށް މޮޅެއް، ނިއުއާ އޮޑި ވީ އެއްވަރު

11 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

ލީގުގައި މާޒިޔާއާ ބުރު ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށިއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވިއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އޮޑި ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މުބާރާތުގެ ގްރޫޕް އެކެއްގައި އިއްޔެ ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު އަތުން އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ މޮޅުވީ 1-0 އިންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. 

މި މެޗުގައި މާޒިޔާ އިން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗުގެ 19 ވަނަ މިނެޓުގައި މާޒިޔާ އަށް މި ލަނޑުޖަހައިދިނީ އަޒަރުބައިޖާންގެ ޑިފެންޑަރު، ނާޒިމް މަމަދުޒާދާ އެވެ.

އިއްޔެގެ މެޗު ފެށުމުގެ ކުރީން ކުޅިވަރު ވަޒީރު ރާފިޢު، ދެ ޓީމުގެ ކުޅުންތެރިންނާ ސަލާންކުރައްވަނީ. ފޮޓޯ: ކުޅިވަރު ވުޒާރާ

މާޒިޔާގެ ގޯލަށްފަހު ބުރުން އެޓޭކަށް އިސްކަންދީގެން ލަނޑެއްޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި މާޒިޔާގެ ގޯލްކީޕަރު، ހުސެއިން ޝަރީފްގެ އިތުރުން އެ ޓީމުގެ ޑިފެންޑަރުން ކާމިޔާބުހޯދިއެވެ.

މި މުބާރާތުގެ ގްރޫޕް ދޭއް ގައި ރޭ ނިއުއާ އޮޑި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ނިއު އިން ލީޑުނެގިއެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަބްދުލާއި ބިލިޓީ އެވެ. މި ގޯލާއެކު ނިއު އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

ނިއުއާ އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދިހަ މިނެޓުގެ ތެރޭގައި އޮޑިން އެއްވަރުކުރިއެވެ. މިއީ ނިއުގެ އަހުމަދު އިނާން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. 

މުބާރާތް ރޭވިފައިވާގޮތުން، ދެ ގްރޫޕުން ވެސް އެންމެ ކުރިހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރުމަށްފަހު، ކޮންމެ ގްރޫޕެއްގެ އެއްވަނައާ ދެވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީގެ މި މެޗުތަކުން މޮޅުވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ދެން މެޗެއް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ނިއު ބައްދަލުކުރާނީ ކްލަބް އީގަލްސްއާ އެވެ. 

ކިޔުންތެރިންގެ ހިޔާލު