ENGLISH
19 އޭޕްރީލު 2025
މާދަމާއިން ފެށިގެން ހަތަރު ރަށަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ
09 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖޭގެ ހަތަރު ރަށަކުން މާދަމާ އިން ފެށިގެން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކ. ގާފަރުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫގެ އެފްއެސްއެމްގެ ސައިޓުތަކުން މާދަމާއިން ފެށިގެން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބެން ފަށާނެ ކަމަށެވެ. މީގެ އިތުރުން، ކޫއްޑޫ އަދި ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމަކީ ފިއުލް ސްޓޯރޭޖްތައް ގާއިމްކުރުމުގެ މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްފައިވަނީ މިދިޔަ މަހުގެ 7 ވަނަ ވަނަ ދުވަހު އެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރިން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ތެރޭ ކޮންމެ މަހެއްގައި ވެސް ކޮންމެވެސް އަތޮޅެއްގައި ފިއުލް ސްޓޯރޭޖްތައް ގާއިމްކޮށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް، އިތުރު މަސައްކަތްތަކެއް ކުރެވި، ތާވަލަށްވުރެ އަވަހަށް މި ޚިދުމަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން، އަސާސީ ޚިދުމަތެއްގެ ގޮތުގައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ.
އެސްޓީއޯއިން ވަނީ 2026 ގެ ފެބްރުއަރީގެ ކުރިން 19 ރަށެއްގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ނިންމައިފައެވެ.