ENGLISH

19 އޭޕްރީލު 2025

Advertisement

ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކުން ރައްޔިތުން ބާރުވެރި ކުރުވިއްޖެ: ރައީސް

09 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރެވިފައި ވާކަން، ސިޔާސީ ތައައްސުބުތަކުން އެއްކިބާވެ ވިސްނައިފި ކޮންމެ ރައްޔިތަކަށް ފަހުމުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ޤާނޫނު އަސާސީގެ މަގުސަދު؛ 

ޤާނޫނު އަސާސީގެ މަގުސަދަކީ، ދައުލަތުގެ ސިޔާދަތީ ބާރާއި އެ ބާރު ހިނގާ ސަރަހައްދު އިއުލާނުކޮށް ކަނޑައެޅުމާއި، ރައްޔިތުންގެ ބާރު ކަނޑައެޅުމާއި، ރައްޔިތުންގެ ހައްގުތަކާއި ޒިންމާތައް ކަނޑަ އެޅުމާއި، ދައުލަތުގެ ގާނޫނީ ވެރިކަން ހިންގުމުގެ ނިޒާމާއި ތަރުތީބާއި އިންތިޒާމުތައް ކަނޑަ އެޅުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައި ވަނީ ރައްޔިތުންގެ ދިފާއުގައި ކަމަށެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު؛ 

ރައީސްގެ ވާހަކަފުޅުގައި ވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ މަގުސަދު، ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، ރާއްޖޭގެ ހާއްސަ އިގުތިޞާދީ ސަރަހައްދުގެ އެންމެ އަކަ އިންޗިއަކަށް ވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތުގެ ހަތަރު ބައި ކުޅަ ތިން ބައިގެ ވޯޓުގެ އިތުރުން 143،332 ރައްޔިތުންގެ ރުހުމާ އެކުގައި ކަމަށް ވިދާޅުވި އެވެ.

ބޭރުގެ އަސްކަރީ އެންމެ ބޫޓު ޖޯޑެއްވެސް.....؛

ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް ގެނައި ބަދަލާ އެކު، ރާއްޖޭގައި އަސްކަރީ އެންމެ ބޫޓު ޖޯޑެއް ހަރަކާތްތެރިވުމަށް ވެސް، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް، ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ.

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ އިސްލާހު؛ 

ރައީސް ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކަށް ގެނައި ބަދަލުން ހިމާޔަތް ކޮށްދެނީ ރައްޔިތުންގެ ހައްގުތައް ކަމުގަ އެވެ. މެމްބަރުން އިންތިހާބުގައި ވާދަކުރަނީ ވަކި ފިކުރެއް ނުވަތަ ޕާޓީއެއް ތަމްސީލުކުރާ މީހެއްގެ ގޮތުން ކަމުގަ އެވެ. އެހެންކަމުން، އިންތިހާބުވާ މެމްބަރާ ދާއިރާގެ ރައްޔިތުންނާ ދެމެދު ވަނީ އަހުދެއްކަން ފާހަގަ ކުރެއްވި އެވެ. އެ އަހުދުގައި މެމްބަރު އެއްބަސްވަނީ ގާނޫނު އަސާސީގައި ބުނާ މަސްއޫލިއްޔަތު އަދާކުރުމަށްކަމުގަ އެވެ. ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން މެމްބަރުން ވީ އަހުދު ހިމާޔަތް ކުރެވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓު؛

ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓުން ފާސްކުރަން ޖެހޭ ހާލަތްތަކަށް ރިއާޔަތްކުރައްވާ ރައީސް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓާ މެދު ގޮތް ނިންމުމަށް، މަދު ބައެއްގެ މުށު ތެރޭގައި އޮތް ބާރު، މިފަހުން ގެނައި އިސްލާހާ އެކު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތަށް ގެނައި ބަދަލު؛ 

އެ ބަދަލުތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތަށް ގެނައި ބަދަލަކީ ވެސް، ދިގު ރާސްތާގެ އަދި ކުރު ރާސްތާގެ ތަރައްގީގެ ޕްލޭންތައް ހެދުމުގެ މަސްޢޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރެވިފައި ނުވާތީ، އެކަމަށް ގެނައި އިސްލާހެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ތަސްދީޤު ކުރެއްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު