ENGLISH
10 ފެބްރުއަރީ 2026
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް: ރާއްޖޭގެ ސްކޯރ އެކުލަވާލީ މަދު މަސްދަރުތަކަކުން ހޯދި މައުލޫމާތުން
10 ފެބްރުއަރީ 2026
|
އޭސީސީގެ އިވެންޓެއް --
އެންމެ މަޤްބޫލު
ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ދިވެހިރާއްޖޭގެ ސްކޯރ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު މަސްދަރުތަކެއް ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ސީޕީއައި އަކީ ޤައުމުތަކުގައި، "ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު" ބަލާ އެންމެ އާންމު މިންގަނޑެވެ. ސީޕީއައި އަކީ އޭގެ ޒާތުގައި އެ ދިރާސާގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫނެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ މި އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. މިއީ ދެކޭ ގޮތް (ޕަރސެޕްޝަން) ގެ މައްޗަށް ބިނާކުރާ ދިރާސާއަކަށްވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިޢާޔަތްކޮށް ނެގޭ މަޢުލޫމާތުގެ މައްޗަށެވެ.
އޭސީސީން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްކޯރ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކުރެވިފައިވަނީ، ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް އާއި ވާރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް އަދި ވެރައިޓީސް އޮފް ޑިމޮކްރަސީ އެވެ.
މި ދިރާސާތަކަކީ، އެ ދިރާތަކުގައި ކޮރަޕްޝަން ދިވެހިރާއްޖޭގައި އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫން ކަމަށް އޭސީސީން ބުންޏެވެ. އަދި ، ގިނަ ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖޭގެ ސްކޯރ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު މަސްދަރުތަކެއް ކަމަށްވުމާއެކު، މި ސްކޯރގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށްޓަކައި މިކަން ޤައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި، އެ ކޮމިޝަނުން ދެކޭ ކަަމަށެވެ.
ރާއްޖޭގެ ނަޒާހަތްތެރިކަމުގެ ޤައުމީ ނިޒާމް (ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް)، އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ކޮމިޝަނުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާ އެގޮތުން، ދިވެހިރާއްޖޭގެ ދިގުރާސްތާ ޤައުމީ ޕްލޭނާއި، މޯލްޑިވްސް 2.0 އާ އެއްކީލިވާނެ، "ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އ.ދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް މި ކޮމިޝަނުން ފަށައި މިހާރު ކުރިޔަށްގެންދާ ކަމަށް އޭސީސީން ބުންޏެވެ.
އަދި ބުނީ އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީއިން އިސްނަގައިގެން އަލަށް ކުރިޔަށް ގެންދާ "މެޝަރިންގ އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް" ގެ ފަންނީ މަސައްކަތުގައި އެ ކޮމިޝަނުން އެހެން ޤައުމުތަކާއެކު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.