ENGLISH

10 ފެބްރުއަރީ 2026

Advertisement

އަންނަ ހަފުތާގައި ފ. އަދި ދ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށަނީ

10 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އަންނަ ހަފުތާގައި އިތުރު ދެ އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން. ފޮޓޯ. ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ގުޅުވައިލުމަށް ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރްޓީއެލް) ގެ ހިދުމަތް އަންނަ ހަފްތާގެ ތެރޭގައި ފ. އަދި ދ. އަތޮޅުގައި ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު "އެމްއެމްޓީވީ" އަށް ވިދާޅުވީ އަންނަ ހަފުތާގައި ފ. އަތޮޅާއި ދ. އަތޮޅުގައި މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި،  މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ ހަތަރު ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ، ފ. އަތޮޅުގެ ރޫޓަކާއި، ދ. އަތޮޅުގެ ދެ ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު ދަތުރުތައް ބާއްވާނީ، ނިލަންދުއާއި މީދޫއާއި ދެމެދުގަ އެވެ.

މި ދަތުރުތަކަށް ޖުމްލަ ދެ ފެރީ ބޭނުންކުރާނޭކަމަށް ވެސް ޔާސިރު ވިދާޅުވި އެވެ.

އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގައި ދެނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ޚިދުމަތް މިހާތަނަށް 4 ޒޯނެއްގައި ވަނީ ފަށާފަ އެވެ. ހިދުމަތް ނުފަށާ އޮތީ، ޒޯން 4 އަދި ޒޯން 3 ގައެވެ. ޒޯން 4ގައި ހިމެނެނީ، މ، ފ، ދ އަދި ލ.އަތޮޅު އެވެ. ޒޯން 3ގައި ހިމެނެނީ ކ، އއ، އދ އަދި ވ. އަތޮޅެވެ. އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފެށީ، ތ.އަތޮޅުގަ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލް ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ ފެރީތައް ބަނދެ އަތޮޅުތަކުގައި ފެރީ ވިއުގަ ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. 

މިހާތަނަށް އާރްޓީއެލްގެ ހިދުމަތް ނުދީ އޮތް އަތޮޅުތަކަށް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ ހިދުމަތް ފޯރުކޮށްދީ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭއްވި މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނިމިދިޔަ 2025 ވަނަ އަހަރު ނިމިދިޔަ އަހަރު ތިން އަތޮޅެއްގައި އަލަށް އާރްޓީއެލްގެ ހިދުމަތް އަލަށް ފެށުނު ކަމަށެވެ. 

އަދި، ޚިދުމަތް ޤާއިމު ނުވެ އޮތް އަށް އަތޮޅުގައި އާރްޓީއެލްގެ ޚިދްމަތް ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޤާއިމްކޮށް ނިމޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު