ENGLISH
19 އޭޕްރީލު 2025
ކ. ގާފަރު ބަނދަރުގެ ޖާގަ ދެގުނަކޮށް ޒަމާނީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ :ރައީސް މުޢިއްޒު
09 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގާފަރުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
މާލެ އަތޮޅު ގާފަރުގެ ބަނދަރު ޒަމާނީކޮށް ޖާގަ ދެގުނައަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ގާފަރަކީ މަސްވެރި ރަށެއް ކަމަށްވެފައި، އެރަށުގެ ބަނދަރަކީ އެހެނިހެން ރަށްރަށުގެ މަސްވެރިންވެސް ބޭނުންކުރާ ބަނދަރެެއް ކަމަށާއި މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ބަނދަރުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އެކަން ހައްލު ކުރުމަށް ރައީސް ވަނީ ގާފަރު ބަނދަރުގެ ޖާގަ ދެގުނަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ގާފަރު ކައުންސިލާއި ކަމާގުޅުންހުރި ވުޒާރާއާ މަޝްވަރާކުރައްވައިގެން ދުރު ރާސްތާއަށް ވިސްނައިގެން ކައުންސިލުން ބޭނުންވާ ޑިޒައިނެއް ހަދާނެއެވެ. އަދި އެ ޑިޒައިން ނިންމުމުން، ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުގައި ހިމަނައިގެން ގާފަރު ބަނދަރަށް އިސްކަންދެއްވައިގެން އަންނަ އަހަރު ޢަމަލީ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކ. ގާފަރު ބަނދަރު
މީގެއިތުރުން، ރައީސް ވަނީ ގާފަރުގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމާއި ސްކޫލްގެ ޖާގަ އިތުރުކުރުމަށް ވެސް ވަޢުދުވެވަޑައިގެންފައެވެ. އަދި ގާފަރުގެ އައިސްޕްލާންޓްގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުތައް ވެސް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، އަންނަ އަހަރަކީ ރާއްޖޭގެ އެކިރަށްރަށުގައި އަމަލީގޮތުން ވަރަށް ގިނަ މަޝްރޫޢުތައް ހިނގާނެ އަހަރެކެވެ.