ENGLISH
10 ފެބްރުއަރީ 2026
ފަހި ފްލެޓުތަކުން އެފްޑީސީ އާއި ވެމްކޯ ގުޅިގެން 460 ޓަނުގެ ކުނި ނަގައިފި
10 ފެބްރުއަރީ 2026
|
އެފްޑީސީގެ ފަހި ފްލެޓުތަކުގެ ތިރީގައި ކުނި އަޅާފަ. --ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
އެންމެ މަޤްބޫލު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފަހި ފްލެޓުތައް ލިބުނު މީހުން އެ ޓަވަރުތަކުގެ ތިރިއަށް އަޅާފައިވާ ކުނިބުނި އެފްޑީސީއާ ވެމްކޯ ގުޅިގެން ނަގައި، އެ ތަންތަން ސާފުކޮށްފިއެވެ.
އެފްޑީސީ އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އަމާން ދޯދި މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް 460 ޓަނުގެ ކުނި ނަގައި، އެ ސަރަހައްދުތައް ސާފުކޮށްފައިވާ ކަމަށެވެ. އެއީ، ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެފްޑީސީން ބުނީ، އެ ކުންފުންޏާއި ވެމްކޯ ގުޅިގެން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު ހިމެނޭ ޓަވަރުތަކުގެ އާންމު ސަރަހައްދުތައް ސާފުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ، ސާފުތާހިރު ވެއްޓެއް ގާއިމުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.
އެހެންކަމުން، އެ މަސައްކަތަށް އެފްޑީސީގެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަށާއި، ކުނި އުކާލުމުގައި އެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމަ އަށް ބޯލެނބުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
އެފްޑީސީ އިން ހިއްސާކުރި ޕޯސްޓުގައި ހިމަނާފައިވާ ވީޑިއޯގައި ބުނީ، ފްލެޓުތަކަށް ބަދަލުވާއިރު އުކާލަންޖެހޭ ކަރުދާސް ފޮށި ފަދަ ބޮޑެތި ކުނި އުކުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކު އަމިއްލައަށް ކަމަށެވެ. އަދި އެފަދަ ކުނިތައް ޓަވަރުތަކުގެ ގާބެޖު ރޫމްތަކާއި އާންމު ސަރަހައްދުތަކުގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އެ ޕޯސްޓްގައިވެއެވެ.
"މީގެފަހުން، ކުނި އަޅާ ފަރާތްތަކަށް އެފްޑީސީގެ އުސޫލުގެ ދަށުން ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންދާނެ ވާހަކަ ދަންނަވަން. ވީމާ، އަޅުގަނޑުމެން ދިރިއުޅޭ މާހައުލަކީ ސާފުތާހިރު އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ބެލުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށް ބަލަމާ،" އެ ވީޑިއޯގައި ބުންޏެވެ.
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ހޮނިހިރު ދުވަހު ސާފުކުރި ތަންތަނަށް އަނެއްކާވެސް ކުނި އަޅާފައިވާ ކަމަށެވެ. ތިމާ ދިރިއުޅޭ މާހައުލަށް މިގޮތަށް ކުނިއެޅުމަކީ އެކި އެކި ބަލިތަކަށް ހުޅުވިގެންދާ ދޮރެއް ކަމަށް ވެސް ހަމްދާން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއީ އަޅުގަނޑުމެންގެ ދީނާއި ސަގާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއް ކަމަށާއި، އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ހިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.