ENGLISH

08 ފެބްރުއަރީ 2026

Advertisement

ބަރުބަރީ މިސްކިތުގެ މަސައްކަތް ނިމިއްޖެ، 16 ވަނަ ދުވަހު ހުޅުވަނީ

08 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ބަރުބަރީ މިސްކިތް --

މާލޭގެ ބަރުބަރީ މިސްކިތުގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވި ގޮތުގައި ބަރުބަރީ މިސްކިތުގެ މަސައްކަތް ނިމި ފެބްރުއަރީ 16 ވާ ހޯމަ ދުވަހު އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވިގެންދާނެ އެވެ.

މިއީ ތިން ބުރިއަށް, 1400 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ގޮތައް ބިނާކުރެވިފައިވާ ޒަމާނީ މިސްކިތެކެވެ. މި މިސްކިތުގެ މައިގަނޑު ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ.

މިއީ ވަރަށް ރީތި މިސްކިތެކެވެ. މިސްކިތް ބިނާކޮށްފައިވަނީ ހެޔޮ އެދޭ ފަރާތަކުންނެވެ.

ރޯދައަށް ފަހު އިތުރު ދެ މިސްކިތެއް އަލުން ބިނާކުރަނީ

ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ.

އެގޮތުން ރޯދަ މަހަށް ފަހު ދެ މިސްކިތެއްގެ މަސައްކަތް ފެށޭނެ ކަމުގައި ވިދާޅުވި އެވެ. އެއީ ވިލި މާލެ މަސްޖިދުއްސަލާމް އާއި މާލެ ޒިކުރާ މިސްކިތެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ދެ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަހަށް ފަހު ފެށިގެންދާނެ އެވެ.

"ރަމަޟާން މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި," ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ދެމިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ސްޕޮންސަރ ވެސް ވަނީ ލިބިފަ އެވެ.

ދެން މާލެ ސަރަހައްދުގައި ބާ މިސްކިތަކަށް ހުންނާނީ ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި ކަންވެސް ވަޒީރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެ މިސްކިތް އަލުން ބިނާކުރުމަށްވެސް އެހީ ހަމަޖެހިގެންދާނެ އެވެ.

ބޮޑުގެ މިސްކިތް އަންނަ ރޯދައަށް ނިމޭނެ, ހިރިގަލު މިސްކިތްތައް ދަމަހައްޓާނެ

މާފަންނު ބޮޑުގެ މިސްކިތް އަލުން ބިނާކުުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ ގިނަ ވިޔަފާރިވެރީންތަކެއްގެ ބައިވެިރވުމާއެކު ބިނާކުރާ މިސްކިތެކެވެ. މި މިސްކިތަކީ ޖާގައިގެ ގޮތުން ވަރަށް ތަނަވަސް އަދި ޒަމާނީ މިސްކިތަކަށް ވެގެންދާނެ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ބޮޑުގެ މިސްކިތުގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދެ އެވެ.

"އަންނަ އަހަރު ރޯދައަށް ނިމޭނެ. އިންޝާ ﷲ," ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ބައު މިސްކިތްތައް ތަޅާލާ އައު މިސްކިތްތައް އިމާރާތް ކުރަމުން ދިޔަނަމަވެސް މާލެއާ އަތޮޅުތެރޭގައި ހުރި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު