ENGLISH

08 ފެބްރުއަރީ 2026

Advertisement

ދިވެހިރާއްޖޭގައި އަލަށް އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް އިފްތިތާހުކޮށްފި

08 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް އެޅުނު ތާރީހީ ފިޔަވަޅެއްގެ ގޮތުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) އިފްތިތާހުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީ-ޕެޓިޝަން ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާގެ އިތުރުން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލަސް ލޯ އާއި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އަދި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އީ-ޕެޓިޝަން ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އީ-ޕެޓިޝަން ޕޯޓަލް ތަައާރަފުކުރެވިގެން ދިއުމަކީ، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރަށް ފުޅާކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ، ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު ވަސީލަތެއް، ކަމުގައިވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ.

އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"މިއީ ސިޔާސަތު ކަނޑައެޅުމުގައި ދިވެހި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. އީ-ޕެޓިޝަން ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް ސީދާ މަޖިލީހާ މުޢާމަލާތްކުރުމުގެ ފުރުސަތު ލިބި، ދެފުށް ފެންނަ، އިޖާބަދޭ، އަދި ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެ،" ޔޫ.އެން.ޑީ.ޕީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ވިދާޅުވިއެވެ.

އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލްގެ ސަބަބުން މުޖުތަމައުގެ އެކި ފަންތީގެ މީހުންނަށް ސީދާ މަޖިލީހާ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އޭނާ އަށް ޔަގީންވާ ގޮތުގައި މި ނިޒާމުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވި، މާހަރާކަން އިތުރުވެ، ގައުމީ ފެންވަރުގައި ކުރެވޭ ބަހުސްތަކުގައި ދިވެހި ރައްޔިތުންގެ ބަސް އިއްވުމަށް ފަސޭހަ އަދި ބާރުގަދަ އާ މަގެއް ހުޅުވިގެންދާނެ ކަމަށް ވެސް އިނގިރޭސި ސަފީރު ނިކޮލަސް ލޯ ވިދާޅުވިއެވެ.

"އޮސްޓްރޭލިއާގެ ތަޖުރިބާއަށް ބަލާއިރު، މި އީ-ޕެޓިޝަން ޕޯޓަލްގެ ސަބަބުން، ކުރިން ކަރުދާހުގައި ކުރިއަށްގެންދިޔަ ނިޒާމަށްވުރެ މާ ފަސޭހައިން ޕެޓިޝަންތައް ހުށަހަޅައި އެއަށް ތާއީދު ހޯދުމުގެ މަގު ފަހިވާނެ. މިއީ ގިނަ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއްކަން ކަށަވަރު،" އޮސްޓްރޭލިއާ ސަފީރު ޑޭވިޑް ޖެސަޕް ވިދާޅުވިއެވެ.

މި ޕޯޓަލް މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުން ޑިޖިޓަލް ކޮށްފައިވާއިރު، ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ދިވެހިރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެ އެވެ.

އަދި، ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް މި ނިޒާމުގެ ތެރެއިން ވަނީ ތައާރަފުކުރެވިފައެވެ. މި ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ.

މި ޕޯޓަލް އިފްތިތާޙުކުރުމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ. މި ސަރަޙައްދުން މިފަދަ ނިޒާމެއް މިހާތަނަށް ގާއިމުކޮށްފައިވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައެވެ.

އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްއާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.

މިއަދު އަމަލުކުރަން ފެށި ޕެޓިޝަން ނިޒާމަކީ، ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ގެނެވުނު މުހިންމު ބަދަލެކެވެ. މި ނިޒާމު ވެގެންދާނީ، ރައްޔިތުންނާ ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރުމުގައި، ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވުމަށް ލިބޭ ފުރުސަތެއްކަމުގައެވެ.

އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭ ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހު އެވެ.


ކިޔުންތެރިންގެ ހިޔާލު