ENGLISH

19 އޭޕްރީލު 2025

Advertisement

މަތިވެރި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

09 ޑިސެމްބަރު 2024

|

އެމް އެމް

އއ. މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ 'އެކޮނަމިކަލީ ވައިބަލް' ކަމެއްގޮތުގައި ފާހަގަކުރައްވައި މިއަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރޭގައި މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މަތިވެރީގައި އެއަރޕޯޓެއް ތަރައްޤީކުރުމުން އެ ސަރަހައްދުގެ އެހެން ރަށްތަކަށްވެސް އެކަމުގެ ފައިދާކުރާނެ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ވީއެންމެ އަވަހަކަށް ކައުންސިލާއި، ކަމާ ބެހޭ ވުޒާރާ ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު އެއަރޕޯޓުގެ ޕްލޭން ނިންމެވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށާއި ރަށަށް ބޭނުންވާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ވަކި ހިސާބެއްގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތާއި، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ.

މަތިވެރީގެ ސާޅީސް އެތައް ހާސް އަކަފޫޓުގެ ބިމަކުން މިވޭތުވި އަށެއްކަ އަހަރުވެސް ރަށަށް ފައިދާއެއް ނުލިބި އޮތްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނީ ހަމަތަކުގެ މަތީން މިކަމުން ނުކުމެވޭނެގޮތެއް ބައްލަވައިދެއްވުމަށް އެޓަރނީ ޖެނެރަލް އަރިހުން އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މަތިވެރީގެ މި ބިމާމެދު މިހާރު ވެފައިވާ އެއްބަސްވުން ޤާނޫނީ ހަމަތަކުގެ މަތީން ރޫޅާލާ ރަށުގެ ރައްޔިތުންނާ ބިން ހަވާލުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ސަރުކާރުން ކުރިއަށްއޮތް ދެއަހަރު ޤައުމުގެ ތަރައްޤީގެ ކަންކަމަށް އިސްކަން ދެއްވާނެ ތަރުތީބަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަމަށެވެ. އަދި އެއަށްފަހު ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާނެކަމަށާ އަދި އެއަށްފަހު ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަމާޒުހިއްޕަވާނެ ކަމުގައެވެ. މި ދާއިރާތަކަށްފަހު ދެން އެންމެ އިސްކަމެއް ދެއްވާނީ ފެނާއި ނަރުދަމާގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށާއި، އެއަށްފަހު މަގު ހެދުމާ އަދި ދެންވެސް ހުރި އިޖުތިމާޢީ ތަރައްޤީގެ ކަންކަމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކުރެއްވުމުގައި ވިދާޅުވިއެވެ.

ރޭގެ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. މަތިވެރީގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ، އެ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު