ENGLISH

08 ފެބްރުއަރީ 2026

Advertisement

އިންތިހާބަކާ ނުލައި 10 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ފަލާހް

08 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ޕީޖީ ލީޑަރު ފަލާހް. ފޮޓޯ؛ޕީއެންސީ

އިންތިހާބަކާ ނުލައި 10 އިންސައްތަ ގޮނޑި ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ ކެމްޕެއިން އިފްތިތާހް ކުރަން ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ފަލާހުވަނީ އިންތިހާބު ބޯމަތިވެފައިވާއިރު އެމްޑީޕީން ޑިފެންސަށް ކުޅެމުން އަންނަކަމަށް ވިދާޅުވެފައެވެ. 

އިންތިހާބަކާ ނުލައި ޕީއެންސީއަށް ގޮނޑި ކާމިޔާބުކުރެވޭ މިންވަރު މިހާރު ވެސް އިތުރުވަމުން އަންނައިރު އިންތިހާބަކާ ނުލައި 10 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފަލާހު ވިދާޅުވިއެވެ.

"އިންތިހާބަކާ ނުލައި ﷲގެ ރަހުމަތްފުޅުން ލިބެމުން އަންނަތަން އެބަ ފެނޭ. ގާތްގަނޑަކަށް 7 އިންސައްތަ ގޮޑި އިންތިހާބަކާ ނުލާ ވަނީ ކާމިޔާބުކުރެވިފައި. ރައީސަށް ތާއީދު އޮތް މިންވަރު މި ހާމަވަނީ. އަޅުގަނޑަށް ޔަގީން ﷲ އިރާދަކުރެއްވިއްޔާ އިންތިހާބަކާ ނުލައި 10 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވޭނެ. " - ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު

އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވީ ނަމަވެސް ރަށް ތަރައްގީ ކުރުމަށް އެމްޑީޕީގެ އެއްބާރުލުން ނުލިބޭނެކަން ކެންޑިޑޭޓުންނަށް އެނގޭތީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންވެސް މިހާރު އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ބޭނުން ނުވާކަމަށް ފަލާހު ވިދާޅުވިއެވެ.

އިންތިހާބަކާ ނުލައި 10 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފަލާހު ވިދާޅުވީއިރު، ގިނަ ރަށްތަކުގެ ގޮނޑިތައް އިންތިހާބަކާ ނުލައި މިހާރުވެސް އަންނަނީ ސަރުކާރަށް ދެމުންނެވެ. އެގޮތުން އދ. ދިއްދޫ އަދި އެ އަތޮޅު މަންދޫ ކައުންސިލް ރައީސްގެ ގޮނޑިއާއި، ހއ. ބާރަށާއި އުތީމު ކައުންސިލް ރައީސްގެ ގޮނޑިއާއި،  ބ. އޭދަފުށީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން، އަންހެން މެންބަރުން ތަމްސީލުކުރައްވާ ދެ ގޮނޑިއާއި، ރ. ފައިނު ކައުންސިލުގައި އަންހެނުންނަށް ޚާއްސަ ގޮނޑި އިންތިހާބަކާ ނުލައި ސަރުކާރަށް ވަނީ ލިބިފައެވެ. 

އިންތިހާބަކާ ނުލައި އެންމެ ގިނަ ގޮނޑި މިހާތަނަށް ސަރުކާރަށް ދިން ރަށަކީ ތ.ވިލުފުއްޓެވެ. ވިލުފުށީގައި އިންތިހާބުކުރަންޖެހޭ ދިހަ ގޮނޑީގެ ތެރެއިން ނުވަ ގޮނޑި އިންތިހާބަކާ ނުލައި ވެރިކަންކުރާ ކޮންގުރެސް ޕާޓީއަށް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު