ENGLISH

08 ފެބްރުއަރީ 2026

Advertisement

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސް ބައްލަވާލައްވައިފި

08 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ބާޒާރުމަތީ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން. ފޮޓޯ؛ ރައީސް އޮފީސް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަސްމާރުކޭޓު ސަރައްހައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓުގައި ހަދަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ. 

ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށްކަމަށް ސަރުކާރުން ބުނެއެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން އެ މަގު ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިމެނިގެން ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގުހަދައި، އެ ސަރަހައްދު ހުޅުވީ 2025 ޑިސެންބަރު މަހުއެވެ.

އެމްޓީސީސީގެ އަމާޒަކީ ރޯދަމަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ. 

ކިޔުންތެރިންގެ ހިޔާލު