ENGLISH
08 ފެބްރުއަރީ 2026
ފެބްރުއަރީ އަށެއް؛ ދިވެހި ސިޔާސީ ތާރީހުގެ އަނދިރި ސަފުހާއެއް
08 ފެބްރުއަރީ 2026
|
ފެބްރުއަރީ އަށެއް 2012 ގައި އައްޑޫގައި ފުލުހުންގެ އުޅަނދުތަކެއްގައި ރޯކޮށްްފައި
އެންމެ މަޤްބޫލު
މިއަދަކީ ފެބްރުއަރީ އަށެއް، 2012 ވަަނަ ދުވަހަށް 14 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގައި އެ ދުވަސް ފާހަގަކުރެވުނީ އެތައް ޒަމާނެއް ވަންދެން އުފައްދަމުން އައި ރުޅިވެރިކަމާއި ނަފުރަތު ކެކި އުތުރި އަރައިގެންދިޔަ ދުވަހެވެ. ބައެއްގެ ހިތްތަކުގައި ހުޅުޖަހައި އަންދަމުން އައި އަލިފާންގަނޑު އެމީހުންގެ އަތުން ދައުލަތުގެ ހަރުމުދަލުގައި ހުޅުދާންކޮށްލައި އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ދައުލަތަށް ދިން ދުވަހެވެ.
މި ދުވަހުގެ ވާހަކަތައް ފަށައިގަންނަންޖެހެނީ އެ ދުވަހާ ހަމައަށް ވާސިލުވި ގޮތުގެ ވާހަކައިންނެވެ. ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރެވުނު ގޮތުގެ ވާހަކައިންނެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގެ ކުންނުގައި އޮތީ އެމަނިކުފާނާއި، އެމަނިކުފާނުގެ ސަރުކާރުގެ ވެރިންނާއި، މުޅި ދައުލަތާމެދު ނަފުރަތާއި ރުޅިވެރިކަން އުފެއްދުމެވެ.
މިދެންނެވި ރުޅިވެރިކަމުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކުގެ އަގުވައްޓައިލުމަކީ ހާއްސަ ސަމާލުކަމެއް ދީގެން ރޭވުންތެރިކަމާއެކު ކުރަމުން އައި މަސައްކަތެކެވެ. އެގޮތުން ސިފައިންނާއި ފުލުހުންނާ މުހާތަބުކުރުމަށް ހުތުރު އާއްމުކޮށް ބޭނުންކުރަން އެކަށީގެންނުވާ ލަގަބުތަކާއި ނަންތައް އުފެއްދިއެވެ. ބޭނުމަކަށްވީ ދިވެހިންގެ ހިތްތަކުގައި އެ މުއައްސަސާތަކަށް އޮތް އިހުތިރާމާއި ގަދުރު ނެތިކޮށްލުމެވެ.
ރައީސް މައުމޫނުގެ ވެރިކަން ބަދަލުވުމާއެކު، ދިވެހިންގެ ސަގާފަތަށް ބޮޑު ބަދަލެއް އައެވެ. ދައުލަތަށް އޮތް އިހުތިރާމު ގެއްލިގެންދިޔައެވެ. ވެރިންނާއި މުއައްސަސާތަކަށް ގަދަރުކުރުމަކީ ބޯދާ ވިސްނުމެއް ކަމުގައި ގަބޫލުކުރެވުނެވެ. މުޖުތަމައުގައި އޮންނަ ނިޒާމު ނެގެހެއްޓުމުގެ ބަދަލުގައި ފުނޑައިލުމަކީ އެންމެ ރަނގަޅު ގޮތްކަމަށްް ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނައިދެވުނެވެ.
ދެން އައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. އިދިކޮޅު ކޮންމެ ހަރަކާތެއް ސިފަކުރެވެމުންދިޔައީ ނުރައްކާތެރި އަމަލެއްގެ ގޮތުގައެވެ. ކޮންމެ ހަރަކާތަކީ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަތުމަށް ކުރަމުން އައި މަސައްކަތެކެވެ. އިދިކޮޅުން މުޒާހަރާއެއް ބާއްވައިފިނަމަ ވެރިކަމުގައި ތިއްބެވި ބޭފުޅުން ކުރީ ސަފުގައި ތިއްބަވައިގެން ވެރިކަންކުރާ ޕާޓީންވެސް މުޒާހަރާކުރެއެވެ.
މިދެންނެވި ހާލަތުގައި އުފެދުނު ނުތަނަވަސްްކަން އިތުރުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންގުމާއި، ރާއްޖެއިން ބޭރުގެ ޖަމްްއިއްޔާ ޖަމާއަތްތަކުގެ ލަފައާ ހިލާފަށް ދިވެހިރާއްޖޭގެ ކޯޓެއްގެ ގާޒީއަކު ދައުލަތުން ވަގަށް ނެގުމާ ހަމައިންނެވެ. ސަރުކާރަށް ގަބޫލުނުކުރެވޭ ގޮތަކަށް މައްސަލައެއް ނިންމެވީތީ ދިވެހި ސިފައިން ބޭނުންކުރައްވައިގެން ގާޒީއަކު ހައްޔަރުކުރެއްވުމަށްފަހު، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުތައް ހުއްޓުވުމަށް ފުލުހުންގެ ބާރު ސަރުކާރުން ބޭނުންކުރަމުންދިޔައެވެ.
އިދިކޮޅު ފަރާތްތަކާއި ވެރިކަންކުރާ ޕާޓީ މަގުމައްޗަށް ނުކުމެ ވާދަވެރި ދެ ފިކުރުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތައް ހިނގައި، އެކަމުގައި ވަކި ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، ދެން ތިބި މީހުން ބޭނުން ގޮތަކަށް ހަރަކާތްތެރިވާން ދޫކޮށްލާން އަމުރު އައުންވީ ފުލުހުންނަށް ތަހައްމަލުނުކުރެވޭ ވަރުގެ ކަމަކަށެވެ.
އެ ހިސާބުން ފުލުހުން އެދުނީ ރައީސް ނަޝީދު ވަޑައިގެން ޣައިރު ގާނޫނީ އަމުރުނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާށެވެ. ފުލުހުން އަރިހަށް ފެބްރުއަރީ 7، 2012 ވަނަ ދުވަހު ނަޝީދު ވަޑައިގަތެވެ. ނަމަވެސް ފުލުހުން އެދުނު ޔަގީންކަން ދެއްވުމަށް ދެކޮޅުހެއްދެވިއެވެ.
ނަޝީދު ބޭނުންފުޅުވީ ގައުމީ ދިފާއީ ބާރުގެ ބޭނުންކުރައްވައިގެން އިހުތިޖާޖުކުރަމުންއައި ފުލުހުން ހައްޔަަރުކުރައްވާށެވެ. އެކަން ނުކުރެއްވި ސިފައިންގެ ކޮންޓްރޯލު ގެއްލި، އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދެއްވީއެވެ.
އަނެއް ދުވަހު ނަަޝީދު ނުކުމެވަޑައިގަތީ އައު ވާހަކައަކައިގެންނެވެ. ބަޔަކު ރާވައިގެން އެމަނިކުފާނުގެ ވެރިކަން ބަދަލުކުރި ކަމުގެ ވާހަކައެވެ. ބަޣާވަތެއްގެ ތުހުމަތެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަވައި އަސަރުގަދަ ރުޅިވެރިކަން އުފެދޭނެ ވަރުގަދަ ތަގުރީރެއް ދެއްވައި މަގުމަތީ ހަރަަކާތަށް ގޮވައިލެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުގަނޑު ރޯވެގެންދިޔައީ އެތައް އަހަރެއްވަންދެން ވަކި ބަޔަކާމެދު އުފެއްދި ނަފުރަތުގެ ސަބަބުންނެވެ. އެ ނަފުރަތުގެ އަމާޒުފަތްގަނޑަކަށް ހަދާފައި އޮތީ ފުލުހުންނާއި ސިފައިންނާއި ޝަރުއީ ދާއިރާއެވެ. އެ ރުޅީގައި އެމްޑީޕީގެ ސަޕޯޓަރުން ހުޅުޖަހައި ރޯކުރީ ފުލުސް ސްޓޭޝަންތަކުގައެވެ. ކޯޓުތަކުގައެވެ.
ދައުލަތަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ގެއްލި، އެތައް އަހަރުން ބިނާކުރި އުމްރާނީ ވަސީލަތްތައް ހަލާކުވެގެންދިޔައީއެވެ. ނޭނގި ތިބެ އެމްޑީޕީގެ އާއްމު މެންބަރުންނަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގުނީއެވެ. ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔައީއެވެ.
ފުލުހުންގެ މަރުކަޒުތަކާއި އުޅަނދުތައް އަނދަައި އަޅިއަށްވިއިރު، ކޯޓުތަކުގައި ހުރި ރައްޔިތުންގެ ވަރި ކައިވެނީގެ ލިޔުންތަކާއެކު ކޯޓު އިމާރާތްތައްވެސް އަންދައިލީއެވެ. ރަށްރަށުގެ ރަށު އޮފީސްތަކުގައި ހުރި ބައެއް ލިޔެކިޔުން ލޫޓުވައި ނައްތައިލިއެވެ. ސިޔާސީ ފިކުރު ތަފާތު ވާދަވެރިންނާ ދިމާކޮށް އަނިޔާކުރިއެވެ. މަގުމަތިން ފުލުހުން ގައިގަ ތަޅައި އަނިޔާކުރިއެވެ. ޑިއުޓީގައި ތިބި ފުލުހުން ގައިގަ ސަައިކަލުން ޖައްސައި ހާނީއްކަކުރިއެެވެ.
14 އަހަރު ފަހުން ފަސް އެނބުރި ބަލާލާއިރު ފެންނަނީ އެމްޑީޕީގެ ސިޔާސީ ބަހުރުވަ ނުވަތަ ރެޓޮރިކަށް ބަދަލެއް އައިސްފައި ނެތް ކަމެވެ. އަދިވެސް ވާދަވެރިންނާ މުހާތަބުކުރަނީ ނަފުރަތުގެ ބަސްތަކުންނެވެ. ހުދުމުހުތާރު، އަނިޔާވެރި، ވަގު ފަދަަ އިބާރާތްތަކުގެ ބޭނުންކުރަނީ ވާދަވެރިންގެ އިންސާނިއްޔަތުކަން ނިގުޅައިގަނެ، ނަފުރަތު އުފައްދައި، ވާދަވެރިންނާމެދު އަނިޔާވެރި އަމަލެއް ހިންގުމަކީ ކުށެއް ނޫންކަމަށް ދެކެވޭނެ މިންވަރަށެވެ.
ރާއްޖެ ބަދަލުވެ، ދިވެހިން ސިޔާސީ މަސައްކަތްކުރާ ގޮތް ބަދަލުވެ، ސިޔާސަތުތަކާމެދު ބަހުސްކޮށް، ފުންކޮށް ވާހަކަދެއްކުމުގެ ސަގާފަތަކަށް ހިޖުރަކުރަން ފެށިއިރުވެސް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތީ 14 އަހަރު ކުރިން އެ ޕާޓީ އޮތް ހާލަތުގައެވެ. ރުޅިވެރިކަމާއި ނަފުރަތަކީ އެމްޑީޕީގެ މުޅި ސިޔާސީ މަސައްކަތުގެ އަސާސެވެ. އުންމީދުގެ މެސެޖުތަކުން ރައްޔިތުންގެ ތާއީދު ހޯދުމަށްވުރެ. ބިރުވެރިކަން އުފައްދައިގެން ވާދަވެރިންގެ އަގުވައްޓާލައިގެން ކުޅިފަސް ހޯދުމަށް މަސައްކަތްކުރުމުގެ ވައްޓަފާޅި އެމްޑީޕީން ދޫކޮށްނުލައެވެ.
ނަމަވެސް ދިވެހިން ބަދަލުވެއްޖެއެވެ. މިއަދު ދިވެހިން ބޭނުންވަނީ ސިޔާސަތުތައް ހުށަހަޅުއްވާ ވެރިންނެވެ. ގައުމުގެ މުސްތަގުބަލާމެދު އުންމީދު އައުކޮށްދެއްވާނެ ވެރިންނެވެ. ވާދަވެރިންގެ ވާހަކަތަކަށް ރައްދު ދެއްވުމުގައި ނަފުރަތުގެ ބަހުރުވަ ބޭނުންނުކުރައްވައި ތެދުވެރިކަމާއެކު ކަން އޮތްގޮތް ބަޔާންކޮށްދެއްވާނެ ވެރިންނެވެ. ނަފުރަތާއި ބިރުވެރިކަން ބޭނުންކޮށްގެން ސިޔާސީ ކުޅިފަސް ހޯދުނު ޒަމާން ފަސްދީ ހިނގައްޖެއެވެ.