ENGLISH
08 ފެބްރުއަރީ 2026
އިހުސާން ނިޒާރަށް؛ ގޭންގު ހަދައިގެން ކުށްކުރަން މި ސަރުކާރުން ޖާގައެއް ނުދޭނެ
08 ފެބްރުއަރީ 2026
|
އައްޑޫ މޭޔަރު ނިޒާރު (ކ) އަދި ވަޒީރު އިހުސާން.
އެންމެ މަޤްބޫލު
ރާއްޖޭގެ އެއްވެސް ތަނެއްގައި ގޭންގު ހަދައިގެން ކުށްކުރަން މި ސަރުކާރުން ޖާގަ ނުދޭނެކަމަށް ވިދާޅުވެ، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، އައްޑޫ މޭޔަރުކަމުގެ މަގާމުގައި މިހާރު ހުންނެވި އަލީ ނިޒާރަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެެވެ.
އިހުސާނު މިފަދައިން ވިދާޅުވެ ނިޒާރަށް ރައްދު ދެއްވީ މި ދެ އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް މި ސަރުކާރަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވެ ނިޒާރު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ނިޒާރު ވަނީ އައްޑޫއަކީ ގޭންގް އޮޕަރޭޓުކުރާ ތަނެއްކަމަށް ބުނެ އައްޑޫގެ އަގު މި ސަރުކާރުން ވައްޓާލާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމުގެ ސަބަބުން އައްޑޫގެ އިގްތިސާދު ފުނޑިފައިވާކަމަށް ވިދާޅުވެ އައްޑޫ މާކެޓުކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ވެސް ނިޒާރުގެ ޕޯސްޓުގައި ގޮވާލައްވާފައިވެއެވެ.
ނިޒާރުގެ މިވާހަކަފުޅުތަކާ ގުޅުވައި ވަޒީރު ވަނީ އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރާއި ޕީއެންސީގެ ވެރިކަމުގެ ދެ އަހަރު މޭޔަރުކަމުގައި ހުންނަވައިގެން ނިޒާރަށް އައްޑޫއަށް ގެނެސްދެވުނީ ކޮން ތަރައްގީއެއްތޯ ސުވާލު އުފައްދަވާފައެވެ. އައްޑޫއަކީ ގޭންގް އޮޕަރޭޓުކުރާ ތަނެއްކަމަށް ބުނެ އައްޑޫގެ އަގު މި ސަރުކާރުން ވައްޓާލާފައިވާކަމަށް ކުރެއްވި ތުހުމަތުގެ ރައްދުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި ގޭންގު ހަދައިގެން ކުށްކުރަން މި ސަރުކާރުން ޖާގައެއް ނުދޭނެކަމަށެވެ.
"އައްޑޫގެ ޒުވާނުން މިފަދަ ކަންކަމާ ދުރުވެ، އައްޑޫގައި ކުށް މަދުވެ، ރައްޔިތުން އަމާން މާހައުލެއްގައި އުޅެވުން އެއީ މަނިކުފާނު ކަންބޮޑުވާ ކަމަކަށް ވަނީތޯ؟" - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
ވަޒީރު ވިދާޅުވީ އައްޑޫގައި އޮޕަރޭޓުވަމުންދިޔަ ގޭންގުތައް ހުއްޓުވައި، އެ ގޭންގުތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި، ގޭންގުތަކުގައި ހަރަކާތްތެރިވީ ޒުވާނުން އިސްލާހުވުމުގެ ފުރުސަތު ދީފައިވާކަމަށެވެ. ވުމާއެކު އައްޑޫ މާކެޓުކުރުމަށް ކުރާ މަސައްކަތްކަތުގައި އެ ސިޓީއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި މާކެޓުކުރުން ރަނގަޅުވާނެކަމަށް ވިދާޅުވިއެވެ.
"ހާލަތު އޮޅުވާނުލައްވައި، ހާލަތު ބަދަލުކުރައްވައި، ޒިންމާ ނަންގަވާ!." - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
ވަޒީރު މިފަދައިން ވިދާޅުވީއިރު އައްޑޫއާ ދޭތެރޭ މި ސަރުކާރުން ގެންގުޅޭ "ގްރޭޓާ އައްޑޫ" ތަސައްވުރުގެ ތެރެއިން އަައްޑޫގެ ތަރައްގީއަށް ގިނަ ކަންކަން ވަނީ ރާވާލެވިފައެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގައި ދެވަނައަށް އާބާދީ އެންމެ ބޮޑު އައްޑުއަކީ ވިޔަފާރިކުރަން ފަސޭހަތަނަކަށް ހަދައި، އައިޓީގެ ހަބަކަށް އެ ސިޓީ ހައްދަވަން ނިންމަވާފައިކަން ހާމަކުރައްވައިފައެވެ.