ENGLISH

07 ފެބްރުއަރީ 2026

Advertisement

ރިންގްރޯޑް ފުޅާކޮށް ތަރައްޤީކުރުން: މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

07 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ބޮޑު ބައެއް ފުރިހަމަކޮށް މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ނިންމާ ތާރު އަޅަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ފެން ހިންދާ ކެޗްޕިޓްތައް ބެހެއްޓުމާއި، ކޭބަލް ޖަންކްޝަންތައް ހެދުމުގެ އިތުރުން، ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށީގެ ކެޕިންގުގެ އެންމެ ފަހުގެ ކޮންކްރީޓް މަސައްކަތްތައް ވެސް ވަނީ ނިމިފަ އެވެ.

މީގެ އިތުރުން، މަގުގެ ކާބް ސްޓޯން ޖެހުމާއި، ސެޓްލްމަންޓް ޓޭންކް ހެދުމާއި، ފެނާއި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިންމާ ސަބްބޭސް އެއްވަރުކޮށް ނިންމުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ދެން އޮންނާނީ ތާރު އެޅުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރާނެއެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. 

މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރޯދަމަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.  

ކިޔުންތެރިންގެ ހިޔާލު