ENGLISH
07 ފެބްރުއަރީ 2026
މެންބަރު އިއްބެ ދެއްވާ ޢުމްރާ ދަތުރު ހޯދަން ނަން ހުށަހެޅުމަށް ހުޅުވާލައިފި
07 ފެބްރުއަރީ 2026
|
މެންބަރު އިބްރާހީމް ޙުސައިން އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ// ފޮޓޯ؛އެމްއެމްޓީވީ
އެންމެ މަޤްބޫލު
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ދާއިރާގެ ރައްޔިތުންނަށް ދެއްވާ ޢުމްރާ ދަތުރަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މެންބަރު ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގައި ހިމެނޭ ކޮންމެ އަވަށަކުންވެސް ދެ ބޭފުޅަކު ކޮންމެ އަހަރަކުވެސް ޢުމްރާއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރާއި 2025 ދިނުމަށް ހަމަޖެހިފައިވާ ބޭފުޅުން ކަމަށެވެ.
"އަޅުގަނޑު ނިންމާފައިވަނީ އަޅުގަނޑުގެ މެންބަރު ކަމުގެ ދައުރުގެ ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ކޮންމެ އަވަށަކުން ދެ ބޭފުޅަކު އުމްރާއަށް ފޮނުވަން. އެހެންވީމަ މިއަހަރު ދޫޑިގަމުން ހަތަރު ބޭފުޅަކު އަދި ފުނާޑުން ހަތަރު ބޭފުޅަކަށް މިފަހަރު ފުރުސަތު ލިބިގެންދާނެ." - ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން
މެމްބަރު ވިދާޅުވީ ޢުމްރާ ދަތުރަށް ހުށަހެޅުމުގެ ފުރުސަތު ދާއިރާގެ ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރު ވެފައިވާ ކޮންމެ ރައްޔިތަކަށް ލިބިގެންދާނޭކަމަށެވެ. އެހެން ނަމަވެސް އޭނާގެ އާއިލާގެ ބޭފުޅުންނަށް މި ޢުމްރާ ދަތުރަށް އެދި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އިއްބެ ވިދާޅުވީ އާއިލާގެ ގޮތުގައި ބަލާނީ އިއްބެއާ އެއްބަނޑު އެއްބަފާ އަދި އިއްބެއަށް ބޮޑުބޭބެ ކިޔާ ހިސާބުގެ އާއިލީ މީހުންކަމަށެވެ.
ޢުމްރާ ދަތުރަށް އެދި ފޯމު ހުށަހެޅޭނީ ގޫގުލް ފޯމު މެދުވެރިކޮށް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިންނެވެ.
ފޯމު ހުށަހަޅުއްވާއިރު ކޮންމެ ބޭފުޅަކުވެސް ގުޅޭނެ ފޯނު ނަންބަރާއި އައިޑީ ކާޑު ހުށަހަޅަންވާނެއެވެ.
މެމްބަރު ވިދާޅުވީ ފޯމު ހުށަހަޅާ މުއްދަތު ހަމަވުމުން ގުރުއަތު ނެގުން ބާއްވާނީ ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ހާޒީރުގައި ކަމަށާއި އެކަމަށް ބާއްވާ ހަފްލާ އޮންނާނެ ތާރީޚު ވަރަށް އަވަހަށް އާންމުކޮށް އިއުލާނު ކުރައްވާނެ ކަމަށެވެ.