ENGLISH
05 ފެބްރުއަރީ 2026
މާލޭގެ ވިޔަފާރި ބަނދަރު ނޮވެންބަރު 11، 2027 ގެ ނިޔަލަށް ތިލަފުއްޓަށް ބަދަލުކުރާނެ: ރައީސް
05 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ --
އެންމެ މަޤްބޫލު
އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ނިޔަލަށް މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް އެމްޕީއެލް އިން މިއަދު ބަޔަކާ ހަވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ތިލަފުއްޓަށް ޑޮމޮސްޓިކް ޕޯޓް ބަދަަލުކުރަން ބޭނުންވާ ދެ ކިލޯ މީޓަރުގެ ކީވޯލާއި އިމާރާތްކުރުމުގެ މަސައްކަތްތަކާއި މެޝިނަރީސް ހޯދުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ބަޔަކާއި ހަވާލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ހުރިހާ މަސައްކަތެއް ނިންމާ, އިރާދަކުރެެއްވިއްޔާ 11 ނޮވެންބަރު 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާނަން," ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި ބަދަލާއެކު ބަނދަރުގެ ޚިދުމަތްތައް އެތައް ގޮތަކުން ހަލުވިވެ އަވަސްވާނެ އެވެ. އެގޮތުން 7 ދުވަހުން ހުސްކުރެވޭ ބޯޓް 24 ގަޑިއިރުގެ ތެރޭގައި ހުސްކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި މުދާ ބެހެއްޓޭނެ ފަހި އިންތިޒާމާއި ގުދަން ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މި ފަސޭހައާއެކު މުދަލުގެ އަގު ކުޑަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި ހިންގާ ހޯލްސޭލް ވިޔަފާރި އެކީގައި ތިލަފުއްޓަށް ބަދަލު ކުރެވޭނެ އެވެ. އަދި މުދާ އުފުލާ ބޯޓްތަކަށް ފަސޭހަވެ އަތޮޅުތަކަށް މުދާ ގެންދިއުމަށް ފަސޭހަވާނެ ކަމުގައި ވިދާޅުވި އެވެ.
އެ ބަދަލާއެކު މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަޙައްދު ދުއްވާ މީހުންނާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ފަސޭހަ ސަރަޙައްދަކަށް ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.