ENGLISH
04 ފެބްރުއަރީ 2026
ހުޅުމާލޭގައި އެޗްޑީސީއާއި އަލް އަސްރު ގުޅިގެން ހިލޭ ޤުރުއާން ކްލާސްތަކެއް ހިންގަނީ
04 ފެބްރުއަރީ 2026
|
މިސްކިތެއްގައި ދަރިވަރަކު ގުރުއާން ކިޔަވަނީ. ފޮޓޯ: މޯލްޑިވްސް ޖާނަލްސް
އެންމެ މަޤްބޫލު
ހުޅުމާލޭގެ އަލް އަސްރު ޖަމިއްޔާއިން އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދަން ރާވާފައިވާ ކުލާސްތަކުގައި ބައިވެރިވާން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި ބޮޑު ކުރުމަށް ރާވާ ހިންގުމަށް ނިންމައިފައިވާ ކްލާސްތަކެކެވެ. މި ކުލާސްތަކުގައި ބައިވެރިވުމަށް ގޫގުލް ފޯމް ފުރަން ޖެހޭނެއެވެ. މިއީ އުމުރުން 7 އަހަރާއި 10 އަހަރާ ދެމެދު ކުދިންނަށް ބާއްވާ ކުލާސްތަކެކެވެ.
މި ކްލާސްތަކަކީ މުޅިން ހިލޭ އެއްވެސް ފީއެއް ކުދިން އަތުން ނުނަގާ ކުރިއަށް ގެންދާނީ ކުލާސްތަކެއް ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
މި ކްލާސްތަކަކީ އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގެ ދަށުން ކުރިއަށް ގެންދާ ކުލާސްތަކެކެވެ. މި ކުލާސްތަކުގެ އިތުރަށް ދީނީ ދަރުސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮންމެ ސެޝަނެއްގައި 20 ކުދިންނަށް ބައިވެރިވެވޭހެން ހަފަތާއަކު ފަސް ދުވަހު ކުލާސްތައް ކުރިއަށް ގެންދާނެއެވެ. ކުލާސްތައް ކުރިއަށް ގެންދާނީ އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. ކޮންމެ ދުވަހަކު ހަތަރު ޤުރުއާން ސެޝަން ނަގައިދޭނެއެވެ. އެގޮތުން ކްލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހެދުނާއި ހަވީރުއެވެ.
މި ކުލާސްތައް ކުރިއަށް ގެންދިއުމަށް ޓީޗަރުން ހޯދުމުގެ އަދި ތަމްރީނު ކުރުމުގެ އިންތިޒާމް ހަމަޖައްސާނީ އަލް އަސްރު ޖަމިއްޔާއިންނެވެ.
މި ކުލާސްތަކާ ބެހޭ އިތުރު މައުލޫމާތު އަލް އަސްރުގެ ފޯނު ނަމްބަރު 7925277 ގުޅުމުން ލިބޭނެއެވެ.
މި ކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފޭސް 1 މަސްޖިދް ރަޝީދު އަދި މަސްޖިދް ޝައިހް ގާސިމް އަދި ފޭސް 2 މަސްޖިދް އުސްމާން އަދި މަސްޖިދުލް އީމާންގައެވެ.