ENGLISH
19 އޭޕްރީލު 2025
އއ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި
08 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވަނީ. --ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު މެންދުރުފަހު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އއ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޕާސްޕޯޓު ޚިދުމަތާއި އައިޑީ ކާޑުގެ ޚިދުމަތް އެ އަތޮޅުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭގޮތް ފަހިކޮށްދެއްވުމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެއްވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އއ. އަތޮޅު ބާކީ ނުކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އަދި އެއަރޕޯޓު މަޝްރޫޢަކީވެސް އއ. އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަމަކަށްވާނެކަން ފާހަގަކުރައްވައި އެކަން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އައިޑީ ކާޑާއި ޕާސްޕޯޓް ޚިދުމަތް މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކުން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޓޫރިޒަމް ޓެކުހުން ކައުންސިލްތަކަށް ވަކި ޕަސެންޓެއް ދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފާހަގަކުރައްވައި އެފަދަ ކަންކަމުންވެސް ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ