ENGLISH
19 އޭޕްރީލު 2025
ބައެއް ޓެކްސްތައް ޑޮލަރުން ބަލައިގަންނަން ފެށުމުން ޑޮލަރުން ލިބޭ އާމްދަނީ އިތުރުވާން ފަށައިފި
08 ޑިސެމްބަރު 2024
|
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މީހުން ޚިދުމަތް ހޯދަނީ-- ފޮޓޯ/ ޕީއެސްއެމް
ބައެއް ޓެކްސްތައް ޑޮލަރުން ބަލައި ގަންނަން ފެށުމުން ޑޮލަރުން ލިބޭ އާމްދަނީ އިތުރުވާން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކައިފިއެވެ.
ބެރުފައިސާގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބައެއް ޓެކްސްތައް ޑޮލަރުން ބަލައި ގަންނަން ސަރުކާރުން ނިންމީ މިދިޔަ އޯގަސްޓް މަހެވެ. އެ ނިންމުން ތަންފީޒުކޮށް މީރާއިން ވަނީ ބައެއް ޓެކްސްތައް ޑޮލަރުން ބަލައިގަންނަން ފަށައިފައެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ޑޮލަރުން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ މިދިޔަ މަހުގެ ފަހު ހަފުތާގައެވެ. އެއީ 48 މިލިއަން ޑޮލަރެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 81 މިލިއަން ޑޮަލަރު މީރާއިން ބަލައިގަނެފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު 62 މިލިއަން ޑޮލަރާއި އަޅާބަލާއިރު، 31 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 760 މިލިއަން ޑޮލަރެވެ. މިއަހަރުގެ މިހާތަނަށް އައިއިރު މިދިޔަ އަހަރު ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ އާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެއް، މީރާއަށް ވަނީ ބަލައިގަނެފައެވެ. އެއީ 757 މިލިއަން ޑޮލަރެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް މީރާއިން ހަމަޖެއްސީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. އަދި ނޮވެމްބަރ އެކަކުން ފެށިގެން ވިތު ހޯލްޑިން ޓެކްސްތައް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ލާޒިމްކޮށް ޑޮލަރުން ފައިސާ ބަލައި ގަންނަން ވަނީ ފަށައިފައެވެ.
ބޭރުފައިސާގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބޭރު ފައިސާ އާ ބެހޭ ޤަވާއިދަކަށް އަމަލު ކުރަން ފަށާފައެވެ. މި ޤަވާއިދުގެ ދަށުން ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރު ބޭންކުތަކަށް މާރުކުރަން ޖެހެއެވެ.