ENGLISH
04 ފެބްރުއަރީ 2026
ޤައްޛާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލަައިފި
04 ފެބްރުއަރީ 2026
|
ސައިފުލް އިސްލާމް ޤައްޛާފީ އަވަހާރަކޮށްލައިފި، ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ލީބިޔާގެ ކުރީގެ ލީޑަރު މުޢައްމަރުލް ޤައްޛާފީގެ ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރު ދަރިކަލުން ސައިފުލް އިސްލާމް ޤައްޛާފީ އަވަހާރަކޮށްލައިފިއެވެ.
ސައިފުލް އިސްލާމުގެ ލޯޔަރު ޚާލިދު އައްޒައިދީއާއި އޭނާގެ ސިޔާސީ މުސްތަޝާރު އަބްދުﷲ ޢުޘްމާން ވަކިވަކިން ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓުތަކެއްގަައި އަންގާރަދުވަހު ސައިފުލް އިސްލާމް އަވަހާރަކޮށްލާފައިވާކަން އިއުލާނުކޮށްފައިވެއެވެ.
ލީބިޔާގެ ނޫހެއްކަމަށްވާ ފަވާސިލް މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޢުޘްމާން ވިދާޅުވި ގޮތުގައި ސައިފުލް އިސްލާމް އަވަހާރަކޮށްލީ ޒިންތާނުގައި އޭނާ ދިރިއުޅުއްވާ ގެކޮޅަށް ބަޔަކު ވަދެ ބަޑިން ހަމަލާ ދީގެންނެވެ. ސައިފުލް އިސްލާމުގެ ޓީމުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އޭނާ އަވަހާރަކޮށްލީ މޫނު ނިވައިކޮށްގެން ތިބި ހަތަރު މީހަކު ހަތިޔާރާއެކު އޭނާ ދިރިއުޅުނު ގެއަށް ވަދެ ބަޑިން ދިން ހަމަލާތަކެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން ސައިފުވަނީ އޭނާ އަވަހާރަކޮށްލަން ގެކޮޅަށް ވަން މީހުންނާ ކުރިމަތިލައްވައި އެމީހުންނާ ހަމަލާ ބަދަލުކުރައްވާފައެވެ. އެމީހުން ގެކޮޅަށް ވަނުމުގެ ކުރިން އެ ގޭގައި ހަރުކޮށްފައި ހުރި ކެމެރާތައް ނިއްވައިލި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސައިފުލް އިސްލާމް އަވަހާރަކޮށްލުމާ ގުޅިގެން ތަރާބުލުސްގައި ގާއިމުކޮށްފައިވާ ހައި ސްޓޭޓް ކައުންސިލުގެ ކުރީގެ ވެރިޔާ ޚާލިދު މިޝްރީވަނީ ސައިފުގެ ގަތުލާ ގުޅޭ ދެފުށް ފެންނަ އަވަސް ތަހުގީގެއް ކުރިއަށްގެންދިއުމަށް ގޮވާލައްވާފައެވެ.
ލީބިޔާގައި އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި ރަސްމީ މަގާމެއް އދާނުކުރެއްވި ނަމަވެސް 2000 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ޤައްޛާފީގެ ސަރުކާރުގައި ދެވަނައަށް އެންމެ ބާރުގަދަ ބޭފުޅެއްގެ ގޮތުގައި ހުންނެވީ ސައިފުލް އިސްލާމެވެ.
އެ ދުވަސްވަރު ހުޅަނގާއެކު ލީބިޔާއިން ހެދި ގިނަ އެއްބަސްވުންތައް ގާއިމުކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވީވެސް ސައިފުލް އިސްލާމެވެ. އެގޮތުން ލީބިޔާގެ ނުރައްކާތެރި ހަތިޔާރު އުފެއްދުމުގެ ޕްރޮގުރާމު ހުއްޓައިލުމާއި، 1988 ވަނަ އަހަރު ލީބިޔާއިން ދިން ހަމަލާއެއްގައި ޕޭން އޭއެމް ފުލައިޓުގައި މަރުވި މީހުންނަށް ބަދަލު ދިނުމުގެ އެއްބަސްވުން ގާއިމުކުރުމުގައިވެސް ސައިފުލް އިސްލާމް މުހިއްމު ދައުރެއް އަދާކުރިއެވެ.
2011 ވަނަ އަހަރު ޤައްޛާފީގެ ވެރިކަން ބަދަލުވިއިރު އޭނާ ހައްޔަރުކުރިއެވެ. ނަމަވެސް 2017 ވަނަ އަހަރު އޭނާއަށް މައާފު ދިނުމާ ގުޅިގެން މިނިވަންވެވަޑައިގަތުމަށްފަހު ސައިފުލް އިސްލާމް ދިރިއުޅުއްވީ ޒިންތާގައި ހުންނަ އޭނާގެ ގެކޮޅުގައެވެ.