ENGLISH

04 ފެބްރުއަރީ 2026

Advertisement

މިހާރުގެ މޭޔަރަށް ކަންކަން ކުރެއްވެނީ ރައީސް ދަސްކޮށްދެއްވި ގޮތަށް ޕީއެންސީ ކައުންސިލަރުން އެއްބާރުލުން ދޭތީ: އަރީޝް

04 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ކޮންގުރެސް ޕާޓީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، ފޮޓޯ: ޕީއެންސީ

މާލެ ސިޓީގެ މިހާރުގެ މޭޔަރަށް ކަންކަން ކުރެއްވެނީ ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތު އޮތް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ކައުންސިލަރުންނަށް މޭޔަރުގެ މަގާމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަސްކޮށްދެއްވި ގޮތަށް އެ ކައުންސިލަރުން ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދެމުންދާތީ ކަމަށް، ކޮންގުރެސް ޕާޓީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ. 

އަރީޝާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މާފަންނު ހުޅަނގު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަރީޝް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް ރައީސް ޑރ.މުޢިއްޒު ވަޑައިގެންނެވީ ފޮތެއް ނުވަތަ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ހިއްޕަވައިގެން ކަމަށެވެ. އެ ޕްލޭނުގައި އޮތީ މާލެއަށް ކުރިމަތިވެފައި ހުރި ތަފާތު ގިނަ މައްސަލަތަކުގެ ހައްލުތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އިތުރަށް އަރީޝް ވިދާޅުވީ ރައީސްގެ މޭޔަރުކަމުގައި ހަފުތާއަކު އެއް ދުވަހު ދާއިރާތަކުގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންގެ ބޭނުންތަކަށް ބައްލަވައިގެން މަސައްކަތް ފެއްޓެވި ކަމަށެވެ. އެ މަސައްކަތްޕުޅުގެ ނަތީޖާއަކީ މާލޭގައި ހުރި މައްސަލަތަކަށް ހައްލުތައް ހޯދައިދެވި މާލެއަކީ ޒީނަތްތެރި ތަނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ފެށުން ކަމަށްްވެސް ވިދާޅުވިއެވެ. 

މިއަދު މާލެ ސިޓީގައި ހިނގަމުންދާ ތަރައްގީގެ މަސައްކަތްތަކަކީ އަދި ސިޓީ ކައުންސިލުން ކުރަމުންދާ ގިނަ މަސައްކަތްތަކަކީ ރައީސްގެ މޭޔަރުކަމުގައި އެމަނިކުފާނު އެކުލަވައިލެއްވި ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނުނު ކަންތައްތައްކަން އަރީޝް ފާހަގަކުރެއްވިއެވެ. 

އަރީޝް ވިދާޅުވި ގޮތުގައި މާލެ ސިޓީގެ މަގުތައް ހެދުމާއި ސިޓީ ޒީނަތްތެރިކުރުމުގެ މަސައްކަތަކީ ކައުންސިލުގައި ތިއްބެވި ކޮންގުރެސް ޕާޓީގެ ކައުންސިލަރުން ކުރައްވާ މަސައްކަތްޕުޅުތަކަށްވީ ނަމަވެސް ކައުންސިލުގެ މީޑިޔާ ޓީމު ކައުންސިލަރުންގެ އަތުގައި ނެތުމުން ފޮޓޯތަކާއި ވީޑިޔޯތަކުން އެކައުންސިލަރުން ނުފެނިދާނެ ކަމަށެވެ. 

ކައުންސިލުގައި ކަންކަން ހިނގާ ގޮތަށް އިޝާރާތްކުރައްވަމުން އަރީޝް ވިދާޅުވީ މާފަންނު މައިޒާނުގެ މަސައްކަަތަކީ އޭނާގެ އިސްނެގުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ. އެ މައިޒާނުގައި ހުރި ބަސް ސްޓޮޕުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއެކު މަޝްވަރާތައް ފެއްޓެވީވެސް އޭނާކަމަށާއި ނަމަވެސް ކުއްލި ގޮތަކަށް މެންދަމެއްގައި އެއްބަސްވުމުގައި ސޮއިކޮށް ފޮޓޯ ނަންގަވައި އެ މަސައްކަތުގެ ކްރެޑިޓު މިހާރުގެ މޭޔަރު ނެންގެވިކަމަށެވެ. 

އެ ދުވަހު އެކަމުގެ ވާހަކަ ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ދެންނެވުމުން އެމަނިކުފާނު ދެއްވި އިރުޝާދަކީ ރައްޔިތުންނަށް ފައިދާހުރި އިތުރު މަސައްކަތެއް ހޯދައިގެން އެކަމާއިގެން ކުރިއަށްދިއުމަށް ދެއްވި އިރުޝާދުކަން ފާހަގަކުރައްވައި، އަރީޝު ވިދާޅުވީ ރައީސް އަބަދުވެސް ދެއްވާ އިރުޝާދަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރުމަށް ދެއްވާ އިރުޝާދު ކަމަށެވެ. 

"ހަގީގަތަކީ މޭޔަރު މާލެ ސިޓީގައި އެކުރައްވާ މަސައްކަތުގެ 99 އިންސައްތަ މަސައްކަތަކީ އަަޅުގަނޑުމެންގެ މަސައްކަތް. އަޅުގަނޑުމެން އެއް ޕަސެންޓުވެސް އިތުބާރުނުދީފިނަމަ އެއްކަމެއްވެސް އެބޭފުޅާއަށް ނުކުރެއްވޭނެ. އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ އެއްބާރުލުންދޭން. ރައްޔިތުންނަށް ފައިދާހުރި ހުރިހާ ކަމެއްގައި އެއްބާރުލުންދީ އެހީތެރިވާން ދަސްކޮށްދެއްވާފައި ރައީސުލްޖުމްހޫރިއްޔާ މޭޔަރުކަމުން ވަޑައިގަތީ،" އަރީޝް ވިދާޅުވިއެވެ. 

އަރީޝް އިތުރަށް ވިދާޅުވީ ކޮންގްރެސް ޕާޓީގެ މޭޔަރު މޫސާ އަލީ ޖަލީލާއެކު ނިކުމެވަޑައިގަންނަވަނީ މާލެ ސިޓީ ބަދަލުކުރެއްވުމަށް ކަމަށެވެ. އަދި އެ މަސައްކަތަކީ ރައީސް މޭޔަރުކަމުގައި ހުންނަވައިގެން ފެއްޓެވި މަސައްކަަތްތައް ނިންމުން ކަމަށާއި، އެ މަސައްކަަތްތައް ނިމުމުން މާލެއަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ހިތްގައިމު ސިޓީއަކަށް ބަދަލުވެގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު