ENGLISH

04 ފެބްރުއަރީ 2026

Advertisement

ނުރައްކާތެރިކޮށް ދުއްވި 58 މީހަކަށް ފިޔަވަޅު އަޅައިފި

04 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ނުރައްކާތެރިކޮށް ދުއްވައިގެން މިފަހުން ބުރިޖުމަތީގައި ހިނގި އެކްސިޑެންޓެއް. ފޮޓޯ؛ ދިވެހި ފުލުހުންގެ ހިދުމަތް

މާލޭ ސަރަހައްދުގައި ނުރައްކާތެރިކޮށް ދުއްވި 58 މީހަކަށް ފިޔަވަޅު އަޅައި އެ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

"އެމްއެމްޓީވީ"ގެ ބޮޑު ޚަބަރު ޕްރިގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން އަސްލަހް ވިދާޅުވީ އެކްސިޑެންޓުތައް ހިނގަން ދިމާވާ މައިގަނޑު ސަބަބުތައް ކަމަށް ފާހަގަވެފައިވަނީ، ރަނގަޅަށް ނުބަލައި އޯވާ ޓޭކް ކުރުމުގެ ތެރެއިންނާއި، ހައިވޭއާއި ބްރިޖުގައި ނުބައި ލޭނުން ދުއްވުން އަދި ޒިގްޒެގްކޮށް ދުއްވުމުގެ ތެރެއިންނާއި، ބާރު ސްޕީޑުގައި ދުއްވާފައިދާ ވެހިކަލްގެ ސަބަބުން އަނެކުންނާ ލިބޭ ސިހުމާ ގުޅިގެންކަމަށެވެ. 

އެގޮތުން އައު އަހަރު ފެށުނު ފަހުން މިހާތަނަށް ނުރައްކާތެރިކޮށް ދުއްވައިގެން 58 މީހަކަށް ފިޔަވަޅު އަޅާފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ސައިލެންސަރަށް ބަދަލުގެނެސްގެން އަޑު ގަދަކޮށް ދުއްވި 6 މީހުންނާއި، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި 52 މީހުން ކަމަށް އަސްލަހު ވިދާޅުވިއެވެ.

"އެފަރާތްތަކާ ދޭތެރޭ އެއީ ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައްވީމަ، ގާނޫނުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދަން. އެއީ އެމީހުން ދުއްވާ އުޅަނދު 30 ދުވަހަށް ހިފެހެއްޓުމާއި، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުމާއި، ތަކުރާރުކޮށް ކުރާނަމަ އެއް އަހަރު ދުވަހުގެ މުއްދަތަށް ލައިސެންސް ހިފެހެއްޓުން ހިމެނޭ.  ސައިލެންސަރަށް ބަދަލުގެނެސްގެން ދުއްވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން ނެރެވޭނީ." - ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން އަސްލަހް 

ސައިލެންސަރަށް ބަދަލުގެނެސްގެން އަޑު ގަދަކޮށް ދުއްވުމަކީ ނުރައްކާތެރިކަމެއްކަން ފާހަގަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން ގޮވައިގެން އުޅޭ ފަރާތްތަކުން މިކަމުގެ ޝަކުވާ ފުލުހުންނަށް ގިނަ އަދަދަށް ހުށަހަޅަމުންދާކަމަށް އަސްލަހު ވިދާޅުވިއެވެ.

ސައިލެންސަރަށް ބަދަލުގެނެސްގެން އަޑު ގަދަކޮށް ދުއްވުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގުމުގެ އިތުރުން ނަފްސާނީ ގެއްލުންތައްވެސް މަގު ބޭނުންކުރާ ފަރާތްތަކަށް ލިބެމުން އަންނަކަން އަސްލަހު ފާހަގަކުރެއްވިއެވެ. 

ސައިކަލުގެ ސައިލެންސަރު މޮޑިފައިކޮށްގެން އާންމުންނަށް އުނދަގޫވާ ގޮތަށް ބާރަށް ސައިކަލު ދުއްވުމަކީ ގާނޫނީ ކުށެކެވެ. އަދި އެ ކުށް ކުރާ މީހުންނަށް ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ދައުވާ ދައުވާކުރުމުގެ ބާރު ވަނީ ލިބިދީފައެވެ.

އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައިވެއެވެ.

މީގެ އިތުރަށް މޮޑިފައިކޮށް، އާންމުންނަށް އުނދަގޫވާ ގޮތަށް ބަދަލުކޮށްފައި ހުންނަ އުޅަނދުތައް މަސް ދުވަހަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.

އެއްގަމު ދަތުރުފަތުރު ކުރުމާ ބެހޭ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދާ ބެހޭ ގަވާއިދަށް މިފަހުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން އުޅަނދުގެ ސައިލެންސަރުގެ އަޑުގަދަވާ ގޮތަށް، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ސައިލެންސަރަށް ބަދަލު ގެނެސްގެން "މޮޑިފައި ކޮށްގެން" ދުއްވުމުގެ ސަބަބުން ހިފަހައްޓާ އުޅަނދު ދޫކުރާނީ އެ އުޅަނދަކަށް ގެނެސްފައިވާ މޮޑިފިކޭޝަން ރަނގަޅު ކުރުމަށް ފަހުއެވެ.

އެ އިސްލާހުގައިވާ ގޮތުގައި، ސައިލެންސަރު މޮޑިފައި ކޮށްފައިވާ ނަމަ އެކަމެއް ރަނގަޅު ކުރުމަށް ވެރިފަރާތަށް އަންގާ އެންގުމަށް އަމަލު ނުކޮށްގެން ފުލުހުން ޓޯ ކޮށްފައިވާ އުޅަނދެއް ނަމަ 15 ދުވަހުގެ ތެރޭގައި އޭގެ އަސްލާ އެއްގޮތަށް ބަދަލު ކުރަން ޖެހެއެވެ. އަދި ސައިލެންސަރު މޮޑިފައިކޮށްގެން ހިފަހައްޓާ އުޅަނދުތައް އެ އުޅަނދު ހިފެހެއްޓި ތާރީހުން ފެށިގެން 30 ދުވަސް ހަމަވުމުން ސައިލެންސަރު ކުރިން ހުރި ގޮތަށް ބަދަލު ގެންނާނެއެވެ.

ސައިކަލު މޮޑިފައިކޮށްގެން އަޑުގަދަ ސައިލެންސަރު އަޅުވައިގެން ވެހިކަލް ދުއްވުމަކީ މާލެ ސަރަހައްދުގައި މިހާރު އާއްމު ކަމަކަށް ވެފައިވާއިރު މިކަން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު