ENGLISH
03 ފެބްރުއަރީ 2026
2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކުރަން ނިންމި ސަބަބު ޕެންޝަން އޮފީހުން ސާފުކޮށްދީފި
03 ފެބްރުއަރީ 2026
|
ޕެންޝަން އޮފީސް ހިންގާ އިމާރާތް --
އެންމެ މަޤްބޫލު
ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ޓްރެޜަރީ ބޮންޑުގައި އިންވެސްޓް ކުރަން ނިންމި ސަބަބު ޕެންޝަން އޮފީހުން ސާފުކޮށްދީފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން ޕެންޝަން އޮފީހަށް ހުށައެޅި 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލަށް ރުހުން ދިނުމާއި ގުޅޭގޮތުން އެ އޮފީހުން ބުނީ މިނިސްޓްރީން ހުށައަޅާފައިވަނީ ޑުއަލް ކަރަންސީ -- ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޜަޒީ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ކަމަށެވެ.
ޕެންޝަން ފަންޑުގެ ލިކިއުޑިޓީއަށް ބިނާކޮށް މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހުށައަޅާފައިވަނީ މޯލްޑިވްސް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަޒީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މަރކެޓްގައި ވިއްކާލުމަށް ފަހު ލިބޭ ފައިސާއިން ކަމަށް ބުންޏެވެ.
ޑުއަލް ކަރަންސީން ރިޓަރން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑުގައި އިންވެސްޓް ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމުގައި ރިޢާޔަތް ކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާރކެޓުގައި ވިއްކާލަން ޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ވިއްކާލުމާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓެރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފަޔާ އެއްގޮތަށް އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންތެރުކަން ހަރުދަނާކުރުމުގެ ގޮތުން އިންވެސްޓްމަންޓުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓް ކުރުމާއި އިންވެސްޓްކޮށްފައިވާ އެސެޓްތަކުގެ އެވަރެޖް ޑިއުރޭޝަން ދިގުކުރުމާއި ޕޯޓްފޯލިއޯ ރިޓާން އިތުރުކުރުން ހިމެނެ އެވެ.
ޕެންޝަން އޮފީހުން ބުނީ މި މުޢާމަލާތުގެ ސަަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ. އަދި ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބައެއް ދިގު މުއްދަތުގެ ޓްރެޜަޒީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު ޕޯޓްފޯލިއޯ ރިޓާން ވެސް އިތުރުވެގެންދާނެ ކަމަށެވެ.
އެ އޮފީހުގެ ބަޔާނުގައި ވަނީ ޕެންޝަން ޤާނޫނުގެ ދަށުން އެ އޮފީހުގެ ބޯޑްގެ މެންބަރުންގެ މައްޗަށް ލާޒިމުވަނީ ފަންޑުގެ ބައިވެރީންގެ މަސްލަހަތު އިސްކޮށް އެ މެންބަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ފަންޑު ހިންގުމަށް ބޭނުންވާ ނިންމުންތައް ނިންމުން ކަމުގައި ފާހަގަކޮށްފަ އެވެ. އަދި ބުނީ ޕެންޝަން އޮފީހުން މި މުޢާމަލާތުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި ޕެންޝަން އޮފީހުގެ ދުރު ރާސްތާ އިސްތިރާޖާއި އެއްގޮވާ ގޮތުގެ މަތީން ކަމަށެވެ.