ENGLISH
03 ފެބްރުއަރީ 2026
ނޭޝަނަލް ފާޓިލިޓީ ސެންޓަރަށް އަހަރެއް؛ އައިވީއެފް ކާމިޔާބުވެ 23 އަންހެނެއްްގެ ރަހިމުގައި ދަރިން ގަރުބަގަނެފައިވޭ
03 ފެބްރުއަރީ 2026
|
ނޭޝަނަލް ފާޓިލިޓީ ސެންޓަރ ހުޅުވައިދެއްވުމަށްފަހު ރައީސް ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރާއްޖެއިން ލިބޭ ސިއްހީ ހިދުމަތްތައް ފުޅާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށްް ގާއިމުކުރި ނޭޝަނަލް ފާޓިލިޓީ ސެންޓަރަށް އެއް އަހަރުވީއިރު އައިވީއެފް ފަރުވާ ފުރިހަމަކޮށް ކާމިޔާބުކަމާއެކު 23 އަންހެނެއްގެ ރަހިމުގައި އެމްބްރިޔޯ ގަރުބަގަނެފައިވާކަން އެ ސެންޓަރުން ހާމަކޮށްފިއެވެ.
އެ ސެންޓަރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާ ގުޅޭ ތަފުސީލުތައް އާއްމުކޮށްފައިވެއެވެ. އައިވީއެފް އަދި އައިޔޫއެފް ފަރުވާ ދިނުމަށްޓަކައި ނޭޝަނަލް ފާޓިލިޓީ ސެންޓަރު ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރެވުނީ 17 ނޮވެންބަރު 2024 ވަނަ ދުވަހުއެވެ. އެތަން ހުޅުވިގެންދިޔައިރު އެ ފަރުވާއަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވެއެވެ. އަދި އެ މަރުކަޒު ހުޅުވީ އެ ފަރުވާއަށް ބޭނުންވާ ތަމްރީނުތައް އެތަނުގައި މަސައްކަަތްކުރާ މުވައްޒަފުންނަށް ރާއްޖެއިން ބޭރުން ފޯރުކޮށްދިނުމަށްފަހުއެވެ.
ދަރިމައިވުމުގެ ފަރުވާގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ނިޒާމުތަކެއް އެ ރަށުގައި ގާއިމުކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ދެމަފިރިންނަށް ކައުންސިލިން ފޯރުކޮށްދީ އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކާމެދު އިތުބާރު ގާއިމުކުރެއެވެ.
ފަަރުވާ ފެށުމުގެ ކުރިން ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ސަބަބުތައް ޑޮކްޓަރުންނާއި ޓެކްނީޝަނުންގެ ޓީމުން ދެނެގަންނާނެއެވެ. އެއަށްފަހު އަނބިމީހާގެ އެންމެ ދުޅަހެޔޮ ބިހާއި، ފިރިމީހާގެ ދަރިފަނީގެ ތެރެއިންް އެންމެ ދުޅަހެޔޮ ދަރިފަނި ނަގައި، ފަރުވާތެރިކަމާއެކު ގުޅުވައިލައެވެ. އެއަަށްފަހު އެ ދަރިމައިކުރެވިފައިވާ ބިސް މައިމީހާގެ ރަހިމުގައި އަށަގެންނެވުމަށް ރަހިމުގައި ބައިންދައެވެ.
އެއަށްފަހު ކުރިއަށްދާ މަރުހަލާއަކީ މައިމީހާގެ ރަހިމުގައި ނުވަތަ ބިސްރަވައިގަ އެ ބިސް ބޮޑުވަމުންދާ ގޮތް ސްކޭނުތަކާއި ލޭގެ ޓެސްޓުތައް މެދުވެރިކޮށް މޮނީޓާކޮށް ބަލަމުން ގެންދިއުމެވެ. އެ ފަރުވާ ކާމިޔާބުވެއްޖެނަމަ، މައިމީހާ ބަލިވެ އިދެއެވެ. އެއަށްފަހު ވިހުމާ ހަމައަށް ޑޮކްޓަރުން މައިމީހާއާއި ބަނޑުގައިވާ ދަރިފުޅުގެ ހާލަތު ކައިރިން ބަލައި ދޭންޖެހޭ އިރުޝާދުތައް ދެމުންދެއެވެ.
އެއް އަހަރު ތެރޭ އެ މަރުކަޒުން 578 ދެމަފިރިއަކަށް ކޮންސަލްޓޭޝަން ހިދުމަތް ދީފައިވެއެވެ. އަދި އެއިން 96 މީހަކަށް އައިވީއެފް ފަރުވާ ދިނުމަށް ހޮވުނެވެ. އެއިން 86 އަންހެނެއްގެ ބިސްނެގުމުގެ މަސައްކަތް އެ މަރުކަޒުންވަނީ ކޮށްފައެވެ.
އެމަރުކަޒުން ބުނި ގޮތުގައި އެއް އަހަރު ތެރޭގައި 68 އަންހެނެއްގެ ރަހިމުގައި ދަރިމައިކުރެވިފައިވާ ބިސް އިންދާފައިވެއެވެ. 23 އަންހެނެއްގެ ބަނޑުގައި ދަރިފުޅު ގަރުބަގަނެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވެއެވެ. އެ މަރުކަޒުގައި އައިވީއެފް ފަރުވާ ފުރިހަމަކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު ވިހެއީ ޖަނަަވަރީ މަހުގެ ޖަނަވަރީ 7، 2026 ގައެވެ. މިހާތަނަށް އެ މަރުކަޒުން ފަރުވާ ހޯދައިގެން ދެ ކުއްޖަކު އުފަންވެފައިވެއެވެ.
މީގެ ކުރިން އައިވީއެފް ހިދުމަތް ހޯދުމަކީ ވަރަށް ވޭނީ ތަޖުރިބާއެއްގެ ގޮތުގައި އޮތް ކަމެކެވެ. ބޮޑު ހޭދައެއް ކޮށްގެން ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ އެ ހިދުމަތް ނުހޯދޭއިރު އެ ހިދުމަތަށް އާސަންދައިގެ އެހީވެސް ނުލިބެއެވެ. އެ ހިދުމަތަށް އާސަންދައިގެ އެހީތެރިކަން ދެއްވަން ނިންމެވީވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒެވެ.
އެއާއެކު ރާއްޖޭގައި ތިބިގެން އާއިލާއާ ގާތުގައި ތިބެ އައިވީއެފް ފަރުވާ ލިބޭނެ މަގުފަހިކޮށްދެއްވުމަށް ނިންމަވައި ދަރުމަވަންތަ ހޮސްޕިޓަލުގައި ނޭޝަނަލް ފާޓިލިޓީ ކްލިނިކު ގާއިމުކުރެއްވުމަކީ ރައީސް ޑރ.މުޢިއްޒު ރައްޔިތުން ތަހައްމަލުކުރާ މިފަދަ ވޭންތަކާއި އުދާސްތަކަށް ރިއާޔަތްކުރައްވައި، އެކަންކަމަށް ތަސައްލީ ހޯދައިދެއްވުމަށް ދެއްވާ އިސްކަމުގެ މައްޗަށް ދަލީލުކުރާ އަލިގަދަ ހެއްކެކެވެ.