ENGLISH

03 ފެބްރުއަރީ 2026

Advertisement

މި ރަމަޟާން މަހު ވެސް އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދީފި

03 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

އުމްރާ ގްރޫޕުތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސައިދީފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ، އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ އެ ބޭންކުގެ ކަސްޓަމަރ ސަރވިސް ސެންޓަރުގެ ގްރައުންޑް ފްލޯ އިން ކަމަށެވެ. އަދި، މި ހިދުމަތް ލިބިގަތުމަށް ކަސްޓަމަރ ސަރވިސް ސެންޓަރުން ނަންބަރު ނެގޭނެ ކަމަށް ބޭންކުން ބުންޏެވެ.

އުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ބޭނުންވާ ހިނދު، ގިނަ ކަންތައްތަކަކަށް ކަސްޓަމަރުން ސަމާލުކަން ދިނުމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އުމްރާވެރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި؛

· ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް

· ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެ

· އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ

· ކޮންމެ އުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު

· ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ 5 އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ

· ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުން

ބޭންކުން ބުނީ، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 26 ގެ ނިޔަލަށް އުމްރާވެރިންނަށް ޑޮލަރު ގަތުމުގެ އިންތިޒާމް ބޭންކު ހުޅުވިފައި ހުންނަ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކުރިއަށްދާނެ ކަމަށެވެ.

އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެގޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ބަޔާންކޮށްފައިވާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ނަމަވެސް، އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ހިދުމަތް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް ބޭންކުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު