ENGLISH
03 ފެބްރުއަރީ 2026
ރައީސް ޑރ.މުޢިއްޒުގެ ޒައާމަތުގައި ކޮންގުރެސް ޕާޓީގެ އަމާޒު ސިޔާސީ އިންގިލާބީ ބަދަލަކަށް
03 ފެބްރުއަރީ 2026
|
ކޮންގްރެސް ޕާޓީން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި މިނިވަން ޑިމޮކްެރެޓިކް މާހައުލެއް އުފެދިގެންދިޔައީ މަގުމަތީގައި ހިންގި ހަރަކާތްތަކެއްގެ ތެރެއިންނެވެ. އެ ހަރަކާތްތަކުގެ ތެރެއިން އުފަންވި ބޮޑު ބަދަލުތަކުގެ ތެރެއިން ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމެއް ގާއިމުކުރެވުނު ފަހުންވެސް، ސިޔާސީ މަސައްކަތް ކުރެވެމުންދިޔައީ ޑިމޮކްރަސީ ހޯދުމަށް މަސައްކަތްކުރެވުނު ދުވަސްވަރު ސިޔާސީ މަސައްކަަތް ބައްޓަންވެފައި އޮތް ގޮތާ ދާދި އެއް ގޮތަށެވެ. ސިޔާސީ ވާދަވެރިކަން ރުޅިވެރިކަމާއި ހަސަދަވެރިކަމަށް ބަދަލުވެ، ސިޔާސީ ބަހުސްތައް މައްސަލަތައް ފަހަނައަޅައި ޒާތީ ހަމަލާތަކާއި ޝަހުސު ކަތިލުމުގެ ނޭއްގާނީ އަމަލުތަކުގެ ތެރޭގައި ޣަރަގުވެ، އުފެއްދުންތެރި އީޖާދީ ހައްލުތަކާއި ހިޔާލުތަކަށް ސިޔާސީ މަސައްކަތުގައި ޖާގަ ނެތި އެތައް ޒަމާނެއް ފާއިތުވެއްޖެއެވެ.
މިއަދު ހާލަތު ބަދަލުވެ، ސިޔާސީ މަސައްކަތްކުރާ ގޮތާއި ރައްޔިތުންގެ ތާއީދު ހޯދެން އޮތްގޮތްވެސް މިދަނީ ބަދަލުވަމުންނެވެ. އިންތިޒާމީ ސިޔާސީ މަސައްކަތަކީ މަގުމަތީ ހަރަކާތްތަކަށްވުރެ ބޮޑަށް މައްސަލަތައް ދިރާސާކޮށް ހައްލުތައް ހުށަހަޅައި، ސިޔާސީ ފިކުރާ ފަލްސަފާތައް ވިއްކައިގެން ތާއީދު ހޯދައިގެން އިންތިހާބުތައް ކާމިޔާބުކުރުމުގެ މައްސަލަ ބިނާވެފައި އޮތް މަސައްކަތަކަށް ބަދަލުވާ މަންޒަރު މިދަނީ ފެންނަމުންނެވެ.
މި ބޮޑު އިންގިލާބީ ބަދަލު ގެންނެވުމުގެ މޭސްތެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އެ ބަދަލު ލީޑުކުރަނީ އެމަނިކުފާނުގެ ޒައާމަތުގައި ހިނގަމުންދާ ކޮންގުރެސް ޕާޓީންނެވެ. އެ ޕާޓީގެ މަސައްކަތްތައް ތަރުތީބުކޮށް ހިންގަމުންދާ ގޮތަށް ބަލާއިރު، މިއަދު ފެންނަނީ އެހެން ޕާޓީތަކަށްވުރެ ހަލުއިކޮށް އިންތިޒާމީ ގޮތެއްގައި ސިޔާސީ މަސައްކަތްކުރަމުންދަ މަންޒަރެވެ. ރައްޔިތުންގެ ތާއީދު ހޯދަމުންދަނީ ސިޔާސަތުތައް ވިއްކައިގެން، ރައީސް ޑރ.މުޢިއްޒު ގައުމަށް ގެންނަވާ ހެޔޮ ބަދަލުތައް ރަައްޔިތުންނަށް ބުނެދީގެންނެވެ. އެ ޕާޓީން މި އަމާޒަށް ކުރި ދަތުރަކީ އުދަގޫ އެހައިމެ ދަތިތައް ގިނަ ރާސްތާއެކެވެ.
ކޮންގްރެސް ޕާޓީން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ޕީއެންސީ
ރައީސް ޑރ.މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތްއިރު ކޮންގްރެސް ޕާޓީގެ ދަފުތަރުގައި ތިބީ 3،000 އެއްހައި މެންބަރުންނެވެ. އެ ޕާޓީއަކީ އެއަށްވުރެ ބޮޑު ޕާޓީއެއްގެ ހިޔަލުގައި އޮތް ކުޑަ ޕާޓީއެކެވެ. ނަމަވެސް އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އަދި ވެރިކަމާ ހަވާލުވެވަޑައިގެން، އެމަނިކުފާނުގެ އަމިއްލަފުޅު ވިސްނުންފުޅާއި ތަސައްވުރު ރައްޔިތުންނަށް ހުށަހަޅުއްވައި އެ ތަސައްވުރަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރެއްވިއެވެ.
އެ މަސައްކަތްޕުޅުގެ ނަތީޖާއަކަށްވީ މަދު ދުވަސްކޮޅެއްގެ ެތރޭގައި އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވާން ފެށުމެވެ. މިއަދު އެ ޕާޓީއަކީ 75،000 އަށްވުރެ ގިނަ މެންބަރުންނާއެކު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީގެ ހަރަަކާތްތަކުން އެ ޕާޓީގެ މެންބަރުންގެ އަދަދަކީ ހަގީގީ އަދަދުތަކެއްކަން ފެނެއެވެ. ނިމުނު އަހަރުގެ ނޮވެންބަރު މަހު ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެއްވުން އެ ޕާޓީން މާލޭގައި ބާއްވައި އަދަދުތަކުން އެ ޕާޓީއަށް އޮތް ތާއީދު ދައްކާލައިފިއެވެ.
ޕާޓީއަކަށް އޮންނަ އިތުބާރު އެންމެ ބޮޑަށް ފެންނަނީ އެ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކުރުމަށް އޮންނަ ޝައުގުވެރިކަމުންނެވެ. ޕާޓީއެއްގެ ޓިކެޓުގައި މަގާމަކަށް ވާދަކުރުމަކީ ރިސްކެކެވެ. އެ ޕާޓީއެއްގެ ޓިކެޓުގައި އަގެއް ނެތްނަމަ އެ ޕާޓީއެއްގެ ޓިކެޓުގައި ބަޔަކު ވާދަކުރަން ޝައުގުވެރިނުވާނެއެވެ.
ލޯކަލް ކައުންސިލު އިންތިހާބާ މިއަންނަނީ ސަރުކާރު ވުޖޫދުވިތާ ދެ އަހަރެއްހައި ދުވަސް ފަހުންނެވެ. ސިޔާސީ މާމުއި ހަދުވަރު ނިމޭހައި ދުވަސް ފަހުންނެވެ. އެހެންކަމުން މިހާރު ކޮންގްރެސް ޕާޓީގެ ޓިކެޓަށް ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އޮތްނަމަ އެއީ ޕާޓީގެ ޓިކެޓާމެދު އޮތް އިތުބާރު ރަމްޒުވާ ކަމެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން ފެންނަ ގޮތުގައި އެ ޕާޓީގެ ޓިކެޓުގައި 1،323 ކެންޑިޑޭޓަކު އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރެއެވެ. މިއީ މިހާތަނަށް ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބަކަށް ކެންޑިޑޭޓުން ނިކުތް އެންމެ ގިނަ އަދަދެވެ. މި އަދަދުން ފެންނަ ހަގީގަތަކީ ކޮންގްރެސް ޕާޓީގެ ޓިކެޓަގީ އަގުހުރި އެއަށް ރައްޔިތުން އިތުބާރުކުރާ ސިޔާސީ ކުރިމަގު އެ ޓިކެޓުގެ މަތީގައި ބިނާކުރެވިދާނެ ޓިކެޓެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ޓިކެޓެއް ކަމެވެ.
ރައީސް ޑރ.މުޢިއްޒުގެ ސިޔާސީ މަސައްކަތްޕުޅުގެ ވައްޓަފާޅި ތަފާތެވެ. މީހުންނާމެދު ބަދުބަސް ވިދާޅުވެ، ނަފުރަތާއި ރުޅިވެރިކަމުގެ އަލިފާން ރޯކުރައްވައިގެން ތާއީދު ހޯއްދެވުމަކީ އެމަނިކުފާނު ކުރައްވާ ކަމެއް ނޫނެވެ. މާލެ ސިޓީގެ މޭޔަރުކަމަަށް ވާދަކުރެއްވިއިރު އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރެއްވިއިރުވެސް، އެމަނިކުފާނު ދެއްކެވީ މައްސަލަތަކުގެ ވާހަކައެވެ. އެކަންކަން ހައްލުކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެ ވާހަކައެވެ.
ޕާޓީތަކުގެ ތަބީއަތާއި މަސައްކަތްކުރާ ގޮތް ބައްޓަންވަނީ ޕާޓީއެއްގެ އެންމެ މަތީ ފަނޑީގައި ތިއްބަވާ ބޭފުޅުން ދައްކަވާ ނަމޫނާއާ އެއްގޮތަށެވެ. ކޮންގްރެސް ޕާޓީ މިއަދު ބައްޓަންވެފައިވަނީ ރައީސްގެ ނަމޫނާއާ އެއްގޮތަށެވެ. ވާދަވެރިންނަށް ހާށަވާދަކިޔައި، މަލާމާތާއި ފުރައްސާރަކޮށް، ރުޅިވެރިކަމާއި ނަފުރަތު އުފައްދައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަަތް ކުރުމުގެ ބަދަލުގައި، އެ ޕާޓީން މަސައްކަތްކުރަނީ ސަރުކާރުގެ ކާމިޔާބުތަކާއި، ކުރަމުންދާ މަސައްކަަތްތައް ބުނެދީގެން ރައްޔިތުންގެ ތާއީދު ހޯދުމަށެވެ.
ކުރީގެ ވެރިން ސިޔާސީ ބާރުވެރިކަން ހޯއްދެވީ ހަތުރުންނާއި ވާދަވެރިން ބަންދުކުރައްވައި ސިޔާސީ މަސައްކަތްކުރުމަށް އޮތް ޖާގަ ހަނިކުރައްވައިގެންނެވެ. ރައީސް ޑރ.މުޢިއްޒު ހިންގަވަނީ ތަފާތު މަގަކުންނެވެ. އެމަނިކުފާނުގެ ހުރިހާ ވާދަވެރިން މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގަވަން ފުރުސަތު ދެއްވަައެވެ. ވާދަކުރައްވަަނީ އިންތިހާބުތަކުގައެވެ. ކާމިޔާބު ކުރައްވަނީ ރައްޔިތުންގެ ތާއީދުންނެވެ.
ކޮންގްރެސް ޕާޓީން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ޕީއެންސީ
ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުއާޒު ހަލީމު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފާހަގަކުރެއްވީ މިއަދު ރައީސް މަސައްކަތްކުރައްވާ ސްޓައިލަކީ މިހާރުގެ ޒުވާނުން ބަލައިގަން ސްޓައިލެއް ކަމަށެވެ. ރުޅިވެރިކަން އެކަހެރިކުރައްވައި ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ ޝާމިލުވުމާއި ބައިވެރިވުން ކަށަވަރުކޮށްދެއްވައިގެން، ރައީސް ރައްޔިތުންނާ އުފަައްދަވާފައިވާ ގުޅުމަކީ ކުރީގެ އެހެން ރައީސުންނަށް ރައްޔިތުންނާ އުފެއްދެވިފައި ނެތް ގާތް ގުޅުމެކެވެ.
ކޮންގްރެސް ޕާޓީއަކީ މިހާރު ރާއްޖޭގައި އޮެތް އެންމެ އިންތިޒާމީ ސިޔާސީ ހަރަކާތްކަން ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް އިދާރީ އިންތިޒާމުތައް ތަރުތީބުކުރައްވައި، ޕާޓީގެ ގުނަންތައް ބާރުވެރިކުރެއްވުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެކަމުގެ ނަތީޖާ ޕާޓީގެ ތެރެއިން ވަރަށް ރަނގަޅަށް ފެންނަމުންދާކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
މުއާޒު ފާހަގަކުރެއްވި ގޮތުގައި ކޮންގްރެސް ޕާޓީން މަސައްކަތްކުރަމުންދާ ގޮތަކީ ސިޔާސީ އެހެނިހެން ޕާޓީތަކަށް ނަމޫނާއެކެވެ. އަދި ރައީސް ޑރ.މުޢިއްޒުގެ ސިޔާސީ މަސައްކަތްޕުޅަކީ މުސްތަގުބަލުގެ ސިޔާސީ ލީޑަރުންނަށާއި މިހާރުގެ ލީޑަރުންނަށްވެސް ސިޔާސީ މަސައްކަތުގެ ބެންޗުމާކަކަށްވާނެ ކަމުގައި މުއާޒު ވިދާޅުވިއެވެ.
ތެދެކެވެ. ސިޔާސީ މަސައްކަތުގެ ވައްޓަފާޅި މިދަނީ ބަދަލުވަމުންނެވެ. ސިޔާސީ މަސްރަހުވެސް ދަނީ ބަދަލުވަމުންނެވެ. މި ބޮޑު ބަދަލުގެ ކުރީ ސަފުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނުގެ އިރުޝާދާއި މަގުދެއްކެވުމުގެ ދަށުން އެ ބަދަލަށް މަގުކޮށައި އަލިކުރަނީ ކޮންގްރެސް ޕާޓީންނެވެ.