ENGLISH

03 ފެބްރުއަރީ 2026

Advertisement

ދިވެހި ކަނޑުތައް ދިފާއުކުރުން؛ ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވި ލަންކާ ދެ ބޯޓު އަތުލައިގަނެފި

03 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ލަންކާ ދެ މަސްބޯޓު، ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގަައުމީ ދިފާއީ ބާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން އައި ލަންކާގެ ދެ މަސްބޯޓު އަތުލައިގަނެފިއެވެ. 

ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިފައިންގެ އެއާ ކޯއެއް ގާއިމުކުރައްވައި ޑްރޯނު ސިފައިންނަށް ހޯދައިދެއްވުމުގެ އިތުރަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓް ގާޑުގެ ވަސީލަތްތައް އިތުރުކުރައްވައި، މަނަވަރެއްް ގެންނަވައި ގާބިލުކަން އިތުރުކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. 

އެމްއެންޑީއެފްއިން އެކްސްގައި ޝާއިއިކުރި ޕޯސްޓުގައި އެ އިދާރާއިން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދައެއް ނެތި ވަދެ ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ދެ ބޯޓު އަތުލައިގަތީ ސިފައިންގެ ކޯސްޓުގާޑާއި އެއާކޯ ގުޅިގެން ކުރިއަށްގެންދިޔަ ސާވެލެއިންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. 

އަދި ފެބްރުއަރީ އެއްވަނަ ދުވަހު ސްރީލަންކާއަށް ނިސްބަތްވާ މި ދެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފއިވެއެވެ. އެއީ އެ ދުވަހުގެ މެންދުރުފަހު 14:00 ހާއިރު ހއ.ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުންދަނިކޮށެވެ. 

ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ އެ ދެބޯޓު ގެންދާނީ ހދ.ކުޅުދުއްފުށީ ބަނދަރަށް ކަމަށެވެ. އަދި އެތަނުން ދެ ބޯޓުވެސް ހަވާލުކުރަނީ ފުލުހުންގެ ހިދުމަތާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. 

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ދިވެހި ސިފައިން އަމިއްލައަށް ކުރިއަށްގެންދެވޭ މިންވަރަށް އެ އިދާރާގެ ގާބިލުކަން އިތުރުކުރެއްވުމެވެ. އަދި ރާއްޖޭގެ ދާހިލީ ސަލާމަތާއި ސަރަހައްދީ ނަޒާހަތް (ޓެރިޓޯރިއަލް އިންޓަގްރިޓީ) ކަށަވަރުކުރުމަށް ދިފާއީ ބާރަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް ފުރިހަމަކުރުމަކީވެސް އެމަނިކުފާނު އިސްކަންދެއްވާ މަސައްކަތްޕުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު